ޕީޕީއެމް ބައެއް މެމްބަރުންނަށް ދިން ޓިކެޓް އަތުލައި ރައީސް ޔާމީނުގެ ތާއީދު ޖޭޕީއަށް!

ކުރީގެ ރައީސް ޔާމީންއާއި ޖޭޕީގެ ލީޑަރު ގާސިމް 1437 ވަނަ އަަހަރުގެ އީދު ސަލާމް ތެރެއިން -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ބައެއް މެމްބަރުންނަށް މަޖިލީހުގައި ވާދަ ކުރަން ދިން ޓިކެޓް އަތުލައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

'ސަން' އަށް އެނގިފައިވާގޮތުން ރައީސް ޔާމީން ވަނީ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީން ޓިކެޓްދޭން ނިންމި ބައެއް މެމްބަރުންގެ ޓިކެޓް އަތުލައްވައި ބައެއް ދާއިރާތަކަށް ވާދަ ނުކުރާން އަންގަވައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީން އެދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ ތާއީދު ދިނުމަށް ޔާމީން ވަނީ ނިންމަވައިފަ އެވެ.

" އަޅުގަނޑަށް ޕީޕީއެމުން ދިން ޓިކެޓް މިހާރު ވަނީ އަތުލާފައި. ރައީސް ޔާމީން ބޭނުންފުޅުވަނީ މިދާއިރާއަށް ވާދަކުރާ ޖޭޕީ ކެންޑިޑޭޓަށް ތާއީދު ދޭން." ޕީޕީއެމުން ޓިކެޓް ދިނުމަށް ފަހު އަތުލި ކެންޑިޑޭޓަކު ސަން އަށް ކިޔައިދި ނެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން ޕީޕީއެމުން ވާދަކުރަން މިހާތަނަށް ޓިކެޓް ދީފައިވާ ކެންޑިޑޭޓުންގެ ތެރެއިން 25 ދާއިރާއެއް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ޕީޕީއެމުން ވަނީ ނިންމައިފަ އެވެ.

" ޓިކެޓެއް ނުވެއް އަތުލާ އެކަމަކު ބުނީ އަމިއްލަޔަށް ވާދަ ނުކުރަން ނިންމާށޭ. ކެމްޕެއިންވެސް ހުއްޓާލަންއަންގާފައި އޮތީ. ޕީޕީއެމުން ބޭނުންވަނީ ޕީޕީއެމުން އެ ދާއިރާތަކަށް ވާދަ ނުކުރާ ކަމަށް ނިންމައި ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން." ޕީޕީއެމުން ކެމްޕެއިން ހުއްޓާލަން އެންގި އެހެން ކެންޑިޑޭޓެއް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ރައީސް ޔާމީނާއެކު ކޯލިޝަން ހެދި ކަމުގެ ވާހަކަތަކެއް ބައެއް ފަރާތްތަކުން ދަނީ ދައްކަމުންނެވެ. އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު 'ސަން' އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން އެއްވެސް ބަޔަކާ އެކު ކޯލިޝަން ނުހަދާ ކަމަށެވެ. އަދި ކޯލިޝަން ހެދިތޯ އުފައްދާ ސުވާލަކީ ސުވާލެއް ނޫން ކަމަށްވެސް އަލީ ސޯލިހު ވިދާޅުވި އެވެ.

" ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެން ސަރުކާރުން ބޭނުންވާ ގޮތަށް. އެއްވެސް ބަޔަކާ ކޯލިޝަނެއް ނުހަދަން." އަލީ ސޯލިހު ވިދާޅުވި އެވެ.

މަޖިލީހަށް ވާދަކުރަން ޕީޕީއެމުންއިން މިހާރު ދީފައިވާ ޓިކެޓްތަކަށް ބަދަލެއް އައިސްދާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވި އެވެ. ވާދަކުރާ ދާއިރާތައް މަދުވެދާނެތޯ ސުވާލު ކުރުމުން ޚަލީލް ވިދާޅުވީ އެހެންވެސް ވެދާނެ ކަމަށެވެ.

އަދި ރައީސް ޔާމީން، ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއް ހެދި ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ސުވާލު ކުރުމުން ޚަލީލް ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅިގެން ޕީޕީއެމުން ވަރަށް އަވަހަށް މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ. އޭރުން ހުރިހާ ތަފްސީލެއް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ.

comment ކޮމެންޓް