އެމެރިކާއާ މެކްސިކޯގެ ބޯޑަރު ގުޅޭ ސާރަހައްދުގައި ބިނާ ކުރަން އުޅޭ ބޮޑު ފާރަށް ފައިސާ ހޯދުމުގެ ގޮތުން މިއަދު އެމެރިކާގައި ކުއްލި ހާލަތު އިއުލާންކުރަން އުޅޭ ކަމަށް އަޑުގަދަވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެފަދައިން އަމަލުކުރަން އުޅޭ ކަމަށް ބުނެ، ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެ އޮފިޝަލް ވިދާޅުވީ ކުއްލި ހާލަތު އިއުލާންކޮށްގެން ނަމަވެސް ފާރު ބިނާ ކުރުމަށް ބޭނުންވާ އަށް ބިލިއަން ޑޮލަރު ހޯދުމަށް ޓްރަމްޕް ބޭނުންފުޅުވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކުއްލި ހާލަތު އިއުލާންކުރި ނަމަވެސް ސަރުކާރު ހުއްޓުމަކަށް އައުން ހުއްޓުވުމަށް ބޯޑާ ސެކިއުރިޓީ ބިލެއް ވެސް ތަސްދީގުކުރައްވާނެ ކަމަށެވެ.
އެހެން ނަމަވެސް އެހާ ގިނަ ފައިސާ ހޯދާނެ ގޮތުގެ ޕްލޭންްއެއް އެ އޮފިޝަލް ވިދާޅެއް ނުވެ އެވެ. އެ މައްސަލާގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއިން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. ޑިމޮކްޜެޓިކް މެމްބަރުން މީގެ ކުރިން ވެސް ވަނީ އެ ފާރަށް ފައިސާ ދިނުމުގެ ބިލާ ދެކޮޅު ހަދައިފަ އެވެ.
ސެނެޓްގެ ބައެއް މެމްބަރުން މިހާރު ވެސް ވިދާޅުވަމުންދަނީ، އެ މައްސަލާގައި ކުއްލި ހާލަތު އިއުލާންކުރުމުގެ ބާރު ޓްރަމްޕްއަށް ލިބިފައިނުވާ ކަމަށެވެ.
ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޓްޗެލް މެކްކޮނަލް ވެސް ވަނީ އެފަދައިން ޓްރަމްޕް އަމަލުކުރުމަށް ނިންމަފާއިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މެކްސިކޯގެ ބޯޑަރު ކައިރީގއި ފާރެއް ހެދުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެއް ވެސްމެެ އެވެ. ޓްރަމްޕް ކުރިން ވިދާޅުވީ އެ ފާރަށް މެކްސިކޯ ލައްވައި އެ ފާރަށް ފައިސާ ދައްކާނެ ކަމަށެވެ. ނަމަވެސް މެކްސިކޯ އިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.