ވިކީ އާއި ހަރްލީން، ބޮލީވުޑްގެ އާ ޖޯޑު؟

'އުރީ: ދަ ސާޖިކަލް ސްޓްރައިކް'ގެ ކާމިޔާބީ ފާހަގަ ކުރަމުން އަންނަ ކުޅަދާނަ އެކްޓަރު ވިކީ ކޯޝަލް އާއި ޓީވީ އެކްޓަރު އަދި ނެށުންތެރިޔާ ހަރްލީން ސޭތީ އާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީންކޮށްދީފި އެވެ.

ދެމީހުންެގ ގުޅުމުގެ ވާހަކަ ހާމަކޮށްފައި ވަނީ 'ފޭމަސްލީ ފިލްމްފެއާ'ގެ އެޕިސޯޑެއްގައި ވިކީއެވެ. ވިކީ އާއި ހަރްލީން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރިޕޯޓުތައް ބުނާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.

ވިކީ ބުނީ ދެމީހުންގެ ގުޅުމަށް އަދި އަހަރެއް ވެސް ނުވާ ކަމަށާއި، ދިމާވީ ރައްޓެއްސެއް މެދުވެރިކޮށް ކަމަށެވެ. މިހާރު އެކަކު އަނެކަކު ދަސްވެ، ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކުރާ ކަމަށާއި، އަވަސް އަރުވާލައިގެން ނޫޅޭ ކަމަށެވެ.

ހަރްލީން ފެނިގެން ދިޔައީ އެކްތާ ކަޕޫރުގެ ވެބް ސީރީޒް، 'ބްރޯކަން ބަޓް ބިއުޓިފުލލް' އިންނެވެ. އަދި އޭނާގެ ނެށުންތަކަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ވިކީ އެންމެ ފަހުން ފެނިގެން ދިޔައީ 'އޫރީ' އިންނެވެ. އެ ފިލްމު ވެގެން ގޮސްފައި ވަނީ ގިނަ ރެކޯޑުތަކެއް އާކުރި، ތަފާތު މޮޅު ފިލްމަކަށެވެ. ވިކީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކަރަން ޖޯހަރުގެ ފިލްމު 'ތަޚްތު' އިންނެވެ.

އޭގެ އިތުރުން ބޫމީ ޕަދްނޭކަރު އާއެކު ވަރަށް އަވަހަށް ބިރުވެރި ފިލްމެއްގެ މަސައްކަތް ވެސް ފަށާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް