ޔޫރަޕުން ސައޫދީ ބްލެކް ލިސްޓްގައި ހިމެނުމުން ސައޫދީ ސަރުކާރުން އެކަން ކުށްވެރިކޮށްފި

ރިޔާޒް (ފެބްރުއަރީ 15) : ސައޫދީ ސަރުކާރުން ޓެރަރިސްޓުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ އަދި މަނީލޯންޑްރިންގެ އަމަލުތަކަށް އެއްބާރުލުން ދޭކަމަށް ބުނެ ޔޫރަޕްގެ ބްލެކް ލިސްޓްގައި ސައޫދީ ހިމެނުމަށް ޔޫރަޕްގެ އިއްތިޙާދުން ނިންމި ނިންމުން ސައޫދީ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ސައޫދީ ސަރުކާރުން ބުނީ ޔޫރަޕްގެ ތުހުމަތުތަކަކީ އަސާސެއްނެތް ތުހުމަތު ތަކެއްކަމަށާ އެކަން ބަލައި ނުގަންނަ ކަމުގަ އެވެ.

ޔޫރަޕްގެ އިއްތިޙާދުން ނެރުނު ބަޔާނެއްގައި އިރާގާއި ސޫރިޔާގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ތަކްފިރީ ވިސްނުމުގެ ސަލަފީ ޖަމާއަތްތަކަށް ފައިސާގެ އެހީދޭކަމުގެ ތުހުތު ސައޫދީ ސަރުކާރުގެ މައްޗަށް ކޮށްފައިވެ އެވެ. މީގެއިތުރުން މަނީލޯންޑްރިންގްގެ ހަރަކާތްތަކަށް ވެސް ވާގިވެރިވާ ކަމަށް ބުނެ އެފަދަ ކަންކަމަށް އެހީތެރިވާ ގައުމުތަކުގެ ލިސްޓުގައި ވަގުތީ ގޮތުން ސައޫދީގެ ނަން ހިމެނިކަން ބަޔާންކޮށްފައިވެ އެވެ. ސައޫދީގެ އިތުރުން އެ ލިސްޓުގައި ނައިޖީރިޔާ އާއި ޕެނަމާ ފަދަ ބައެއް ގައުމުތައް ކުރިން ހިމަނާފައިވެ އެވެ. ނަމަވެސް މިލިސްޓްގައި ސައޫދީގެ ނަން ދާއިމީކޮށް ހިމަނާނީ ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ 28 ގައުމުގެ އަޣްލަބިއްޔަތު މިކަމަށް ލިބިއްޖެ ހާލަތެއްގަ އެވެ.

މިލިސްޓްގައި ދާއިމީގޮތެއްގައި ހިމަނައިފި ނަމަ ސައޫދީގެ ނަން ހުތުރުވުމުގެ އިތުރުން ޔޫރަޕާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ވެސް ސައޫދީ ސަރުކާރަށާއި ސައޫދީ ކުންފުނިތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ އެވެ. ސައޫދީ ސަރުކާރުގެ އިތުރުން ސައޫދީ ބައެއް އަމިއްލަ ފަރާތްތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ހަރުކަށި ޖަމާއަތްތަކަށް މާލީ އެހީތައް ދޭކަމަށް އެމެރިކާ ވެސް އެކި ފަހަރުމަތިން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ސައޫދީ އާ ދެކޮޅަށް ފިޔަވަޅެއް އަޅަން އެމެރިކާއަށް ކެރިފައެއް ނުވެ އެވެ. ސައޫދީ ސަރުކާރުން އަބަދު ވެސް މި ތުހުމަތުތަކަށް އިންކާރު ކުރެ އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް