ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ދިނީ ޓެރަރިސްޓް ހަމަލާއެއް: އިންޑިއާ

ސްރީނަގަރ (ފެބްރުއަރީ 15) : ޖަންމޫ ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންނަށް އަމާޒުކޮށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި އިންޑިއާގެ ޕަރަ މިލިޓްރީ ސިފައިންގެ 42 މަރުވިކަމާއި އެއީ ޓެރިސްޓް ހަމަލާއެއް ކަމަށް އެގައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފި އެވެ.

އިންޑިއާގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހަމަލާދީފައި ވަނީ ގޮވާތަކެތި އަޅާފައިވާ ކާރެއް އިންޑިއާ ސިފައިންގެ ޕަރަ މިލިޓްރީ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއްގައި ޖައްސައި އެކާރު ގޮއްވާލައިގެން ކަމަށާ އެއީ އަމިއްލައަށް މަރުވެގެންދިން ޙަމަލާއެއް ކަމުގަ އެވެ.

ސިފައިންގެ ބަސް ދަތުރުކުރަމުން ދިޔައީ ސްރީނަގަރާއި ޖައްމޫ އާ ދެމެދުގައިވާ ހައިވޭގަ އެވެ. މިޙަމަލާގެ ޒިންމާ އުފުލާފައި ވަނީ ޖަންމޫ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޖައިޝު މުހައްމަދު ނަމަކަށް ކިޔާ ޖަމާއަތުންނެވެ. މިއީ އިންޑިއާ ސިފައިންގެ ޙަމަލާތަކުގައި މަރާލާ ޖަންމޫ ކަޝްމީރުގެ އާންމުންގެ މަރަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އެޖަމާއަތުން ބުނެފައިވެ އެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާއަކީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތަކުން އިންޑިއާ ސިފައިންނަށް އަމާޒުކޮށްގެން ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ވެސް ދިން އެންމެ ނުރައްކާތެރި ހަމަލާތަކަށް އިންޑިއާގެ އަމަނާ ބެހޭ މަސްއޫލުވެރިން ވަނީ ސިފަކުރައްވާފަ އެވެ. މި ހަމަލާގައި މިހާގިނަ އަދަދެއްގެ އިންޑިއާ ސިފައިން މަރާލެވުނީ ހަމަލާ ރާވާފައިވާ ގޮތުންކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތްކުރާ ގިނަ ޖަމާއަތްތައް އުފެދިގެން ދިޔައީ ޖަންމޫ ކަޝްމީރުގެ މައްސަލަ އެސަރަހައްދުގެ ރައްޔިތުން އެދޭގޮތަށް ހައްލުކުރުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ތަންފީޒު ކުރުމަށް އިންޑިއާ ތަކުރާރުކޮށް ދެކޮޅުހެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ ގަރާރު އިންޑިއާ ސަރުކާރަށް ގޮވާލަނީ ކަޝްމީރުގެ ރައްޔިތުން ބޭނުން ވަނީ އިންޑިއާ އިން ވަކިވެ އަމިއްލަ ވެރިކަމެއް އުފެއްދުންކަން ނުވަތަ ނޫންކަން ފެންނަ ނުފެންނަ ވޯޓަކުން ބަލައި ރައްޔިތުން އެދޭ ގޮތަށް އެކަން ކުރުމުގެ ހައްގު އެމީހުންނަށް ދިނުމަށެވެ. މިކަމަށްކުރުމަށް އިންޑިއާ ގެންދަނީ ކަނޑައެޅިގެން ދެކޮޅު ހަދަމުންނެވެ.

ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންނާ ދެމެދު ވަރަށް ގިނައިން ހަމަލާތައް ބަދަލުކުރަމުން ގެންދެ އެވެ. ނަމަވެސް މިފަދަ ބޮޑެތި ހަމަލާތައްދެނީ ވަރަށް މަދުންނެވެ. ދެހާސް ދެ ވަނަ އަހަރު އިންޑިއާ ސިފައިންނަށް އަމާޒުކޮށްގެން ދިން މިފަދަ ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 30 މީހުން މަރާލާފައިވެ އެވެ. އެހަމަލާދިނީ ޖަންމޫ ކަޝްމީރުގައިވާ އިންޑިއާ ސިފައިންގެ މަރުކަޒަކަށް އަމާޒުކޮށްގެންނެވެ.

އެއަށް ފަހު 2016 ވަނައަހަރު ކަޝްމީރުގެ ޖަމާއަތަކުން ދިން ހަމަލާތަކެއްގައި ވެސް އިންޑިއާ ސިފައިންގެ 17 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ. އަނެއްކޮޅުން ފާއިތުވި އަހަރު އިންޑިއާ ސިފައިން ދިން އެކި ހަމަލާތަކުގައި ކަޝްމީރުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ އިތުރުން ކަޝްމީރުގެ ގިނަ އަދަދެއްގެ އާންމުން ވެސް މަރުވެފައިވެ އެވެ. މީގެ އިތުރުން އިންޑިއާ ސިފައިންނާއި ޕާކިސްތާނުގެ ސިފައިން ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ދިން ހަމަލާތަކުގައި ދެފަރާތުން ވެސް އެތައް ބަޔަކު މަރުވެފައިވެ އެވެ.

ކަޝްމީރުގެ މިނިވަންކަމަށް ކުރާ މަސައްކަތް އިންޑިއާ އިން ސިފަކުރަނީ ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް