އެއާބަސް އިން އޭ380 އުފެއްދުން ހުއްޓަލާކަން ޔަގީންކޮށްދީފި

އެމިރޭޓްސްގެ އޭ380 ފްލައިޓެއް--

އެއާބަސްގެ ސުޕަޖަމްބޯ ޖެޓް އޭ380 އުފެއްދުން ހުއްޓާލަން އުޅޭ ކަމުގެ އަޑު ފެތުރިފައިވަނިކޮށް އެއާބަސް ކުންފުނިން އެކަން ޔަގީންކޮށްދީފި އެވެ.

އެއާބަސް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2021ގެ ފަހުން އޭ380 އުފެއްދުން ހުއްޓާލާނެ ކަމަށާއި އެގޮތަށް ނިންމި އޭ380ގެ އެންމެ ބޮޑު ކަސްޓަމަރު ދުބާއީގެ އެމިރޭޓްސް އިން އޭ380ގެ އޯޑަރުތަކެއް ކެންސަލް ކުރުމުން ކަމަށެވެ.

"މިއީ އުނދަގޫ ނިންމުމެއް. ވަރަށް ބޮޑު އިންވެސްޓުމެންޓެއް ކޮށްފައިވާނީ އޭ380 އަށް. ވަރަށް ގިނަ ދާ އޮހޮރުވިފައި ވާނީ މި ވިޔަފާރި ކުރިއެރުވުމަށް،" ކުންފުނިން ބުނެފައިވެ އެވެ.

https://sun.mv/114903

އެއާބަސް އިން ބުނީ އެމިރޭޓްސްގެ އޯޑަރުތައް ކެންސަލް ކުރުމުން ކުންފުނީގެ ކަސްޓަމާ ބޭސްގެ ބޮޑު ބަޔެއް ގެއްލުނީ ކަމަށާއި އިތުރަށް ވިޔަފާރި ކުރިއަށް ގެންދިޔުމަކީ ފައިދާވާނެ ކަމެއް ނޫން ކަމަށެވެ.

އެއާބަސް އޭ380ގެ ފްލައިޓުތައް ކޮމާޝަލް ދަތުރތަކަށް ނިކުތީ މީގެ 14 އަހަރު ކުރިންނެވެ. މިހާތަނަށް 234 ސުޕަޖަމްބޯ ޖެޓު އެއާލައިންތަކަށް އުފައްދާފައިވާ އިރު އެއާބަސް އޭ380ގެ ކުރިއެރުމުގެ ބޮޑު ހިއްސާއެއް އަދާކޮށްފައި ވަނީ އެމިރޭޓްސް އިންނެވެ.

އެމިރޭޓްސް އިން ބުނެފައި ވަނީ އޭ380ގެ އޯޑަރުން ބަޔެއް ކެންސަލް ކުރި ނަމަވެސް 2030 އަންނައިރު ވެސް އެ އެއާލައިނުގެ ފްލީޓުގައި އޭ380 ތައް ގެންގުޅޭނެ ކަމަށެވެ. އެއާބަސް އިން ބުނެފައި ވަނީ އޭ380 އަށް ދޭންޖެހޭ ސާވިސްތައް ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ. އެމިރޭޓްސް އިން ވަނީ އެއާބަސް އޭ330 އަދި އޭ350ގެ އިތުރު ފްލައިޓުތަކަކަށް އޯޑަރު ދީފަ އެވެ.

އެއާބަސް އިން ބުނެފައި ވަނީ އޭ380 އުފެއްދުން ހުއްޓަލުމުން ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާއަަށް އަސަރު ކުރާނެ ކަމަށާއި ނަމަވެސް އެކުންފުނީގެ އޭ320 ފްލައިޓުތައް އުފެއްދުން ދިގުދަންމާލަން ނިންމާފައި ވާތީ 3500 މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ކުންފުންޏާއެކު ދެމިތިބޭނެ ކަމަށެވެ.

comment ކޮމެންޓް