އެސްއޯއެފް އިން ޑޮލަރު ގަތީ ވިޔަފާރި ބޭނުމަށް، މިކުންފުނީގައި ލައިސެންސް އެބައޮތް: ވިލާ

ވިލާ ޓްރެވަލްސް --

ވިލާ ޓްރެވަލްސްގެ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޖަމާކޮށްފައިވާ ފައިސާ އަކީ އެސްއޯއެފް އާއެކު ކުރި ވިޔަވާރި މުއާމަލާތެއްގެ ފައިސާ ކަމަށް ވިލާ ޓްރެވަލްސް އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓު މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާއިރު ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފްގެ އެކައުންޓުން ފައިސާގެ މުއާމަލާތްކޮށްފައިވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުގެ މައުމާތުވެސް ވަނީ ހާމަ ކޮށްފައެވެ. މި ކުންފުނިތަކުގެ ތެރޭގައި ވިލާ ޓްރެވަލްސް އެންޓް ޓުއާސް ވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އެކައުންޓަކަށްް އެސްއޯއެފް އިން ފައިސާގެ މުއާމަލާތް ކޮށްފައިވާއިރު އެކަމާ ގުޅިގެން ވިލާ ޓްރެވަލްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލާ ޓްރެވަލްސް އަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތް ކުރުމުގެ ލައިސެންސް އޮތް ކުންފުންޏެއް ކަމަށާއި މިގޮތުން ކުރެވުނު މުއާމަލާތްތަކުގެ ތެރޭގައި 2014 އަދި 2015 ވަނަ އަހަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 700،000 އެމެރިކާ ޑޮލަރު ގަނެ، އެ ޑޮލަރަށްވާ ދިވެހި ފައިސާ އެ ކުންފުންޏަށް ބަރާބަރަށް ދީފައިވާނެ ކަމަށެވެ.

ވިލާ ޓްރެވަލްސް އަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެއާލައިން ތަކުގެ ޓިކެޓް ވިއްކުމުގެ ހިދުމަތާއި މަނީ ޓްރާންސްފާގެ ހިދުމަތްދޭ އެޖެންޓެއް ކަމަށާއި ޓިކެޓް ގަންނަ ފަރާތްތަކަށް ދިވެހި ރުފިޔާ އިން ޓިކެޓް ވިއްކި ކަމުގައި ވިޔަސް، އެއާ ލައިންތަކަށާއި ބޭރުގެ ފަރާތްތަކަށް ފައިސާ ދައްކަންޖެހެނީ އެމެރިކާ ޑޮލަރުން ކަމަށްވެފައި އިންޑަސްޓްރީގެ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ކުންފުނީގެ ބޭނުމަށް ބޭރު ފައިސާ ލިބުމުގެ ދަތިކަމަކީވިލާ ޓްރެވަލްސް އަށްވެސް ދިމާވެފައިވާ މައްސަލައެއްކަމަށް ބަޔާނުގައި ވެއެވެ

"އެހެންކަމުން ކުންފުނީގެ ވިޔަފާރީގެ ބޭނުމަށް ރާއްޖޭގެ ބާޒާރުން ޑޮލަރު ގަތުމަކީ މިކުންފުނިން އަބަދުވެސް ކުރާ ކަމެކެވެ،" އެބަޔާނުގައި ވެއެވެ.

އެސްއޯއެފްގެ އެކައުންޓުން ކޮށްފައިވާ މުއާމަލާތާއި ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނާއި ދައުލަތުގެ އެހެން އިދާރާއަކުންވެސް ވިލާ ޓްރެވަލްސް އަށް ސުވާލު ނުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް