ހުއްދަ ނެތި ބޭއްވި ރަމްޒީ ކައިވެންޏެއްގެ މައްސަލައެއް ބަލަނީ

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް ހިނގާފައި ދަނީ -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ރާއްޖޭގައި ފަތުރުވެރިންތަކަކަށް ހުއްދަ ނެތި ރަމްޒީ ކައިވެންޏެއް ބޭއްވި މައްސަލައެއް ޓޫރިޒަމް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ޓޫރިޒަމް ގާނޫނުގެ ދަށުން ވަނީ، ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފްލާ ބޭއްވުމާ ބެހޭ ގަވައިދެއް ހަދާފައެވެ. އެ ގަވައިދުގައި ވާ ގޮތުން އެފަދަ ކައިވެނީގެ ހަފްލާއެއް ބޭއްވޭނީ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ ހޯދުމަށްފަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން ބަލަމުން ދަނީ ކޮން އިރަކު، އަދި ކޮންތަނެއްގައި ކުރިއަށް ދިޔަ ރަމްޒީ ކައިވެންޏެއް ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، ބަލަމުން ދަނީ ރާއްޖޭގެ ރަށެއްގައި ހިންގާ ގެސްޓްހައުސަކުން ބޭއްވި ކައިވެންޏެއްގެ މައްސަލައެވެ.

ރަމްޒީ ކައިވެނީގެ ހަފްލާ ބޭއްވުމުގެ ގަވައިދުގައި ވާ ގޮތުން، އެފަދަ ކައިވެނީގެ ހަފްލާއެއްގައި އެއްވެސް ދީނަކަށް ނުވަތަ ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައަށް ހުތުރުވާ ގޮތަށް ނުވަތަ ފުރައްސާރަކުރާ ގޮތަށް އެއްވެސް ކަމެއް، ރަމްޒީ ކައިވެނީގެ ހަފްލާގެ އިސްމީހާއާއި ހަފްލާގައި ބައިވެރިވާ އެއްވެސް ފަރާތަކުން އަމަލުން ވިޔަސް ނުވަތަ ބަހުން ވިޔަސް ހިންގައިގެން ނުވާނެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ، ރަމްޒީ ކައިވެނީގެ ހަފްލާ ބޭއްވުމާ ބެހޭ ގަވައިދާ ހިލާފަށް އަދި މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ތަނެއްގައި އެފަދަ ހަފްލާއެއް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް