ދުންފަތާ ދުރުވުމަށް ނާއިބު ރައީސް ގޮވާލައްވައިފި

މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭއާ ނެރުމަށް ބޭއްވި ރައްމިއްޔާތުގައި ފައިސަލް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒް މޫސާ

މައިންނާއި ދޮށީ އުމުރުގެ ބޭފުޅުންނާއި އަދި ހާއްސަކޮށް ކުޑަކުދިން ދުންފަތުގެ އިސްތިއުމާލް ކުރުމުން ސަލާމަތްކުރަން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.

މޯލްޑިވްސް ޑިމޮގްރާފިކް ހެލްތު ސާވޭ އިފްިތިތާހްކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ސިއްހީ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށާއި، އެއީ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އިތުރުން އަމިއްލަ މުޢައްސަސާތަކާއި، ޖަމުޢިއްޔާތަކުގެ އިތުރުން އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމެއްކަމެއް ކަމަށެވެ.

"އަޅުގަނޑު މިއަދު ހަމަ ހުރިހާ ޒުވާނުންނަށް އަދި ވަކީން ހާއްސަކޮށް ގޮވައިލަން ބޭނުން، އަޅުގަނޑު ހަމަ މައިންބަފައިންނަށް ވަކިން ހާއްސަކޮށް ގޮވައިލަން ބޭނުންވޭ މިކަމުން ދުރުހެލިވުމަށްޓަކައި އަޅުގަނޑުމެން ހާއްސަ ކެމްޕޭނެއް ކުރުމުގެ މުހިއްމުކަން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭއާ ބެހޭ ގޮތުން ނެރުނު ފޮތް ފައިސަލް އަދި އަބްދުﷲ އަމީން ނެރެދެއްވަނީ--- ސަން ފޮޓޯ: ފަޔާޒް މޫސާ

މިއަދު ނެރުނު ސާވޭގެ މައްޗަށް އަލިއަޅުއްވާލައްވައި ފައިސަލް ވިދާޅުވީ އެ ދިރާސާއަކީ އާބާދީއާއި ސިއްޙަތާ ގުޅުންހުރި މިންގަނޑުތަކާއި ސިއްހީ ހާލަތާއި ހިދުމަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ކުރެވިފައިވާ ވަރަށް މުހިންމު ދިރާސާއެއްކަމުގައެވެ

އަދި އެ ދިރާސާއިން ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ނޭދެވޭ އާދަތައް މުޖުތަމައުގައި ފެތުރިފައިވާ މިންވަރު ދައްކުވައިދޭތީ އެފަދަ ނުރަނގަޅު އާދަތަކުން މުޖުތަމަޢު ސަލާމަތްކުރުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ދިރާސާގެ ހޯދުންތަކުން ބާރުއަޅައިދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް