ތައި ރަކްސާ ޗާޓް ޕާޓީ އުވާލަން ހުށަހެޅި ޕެޓިޝަން ކޯޓުން ބަލައިގަނެފި

ތައިލޭންޑުގެ ބޮޑުވަޒީރު ކަމަށް ޕްރިންސެސް އުބޮންރާތުނާގެ ނަން ހުށަހެޅި ތައި ރަކްސާ ޗާޓް ޕާޓީގެ މެމްބަރުން -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (ފެބްރުއަރީ 14): ތައިލޭންޑުގެ ބޮޑުވަޒީރުކަމަށް އެގައުމުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮންގެ ނަން ހުށަހެޅި ތައި ރަކްސާ ޗާޓް ޕާޓީ އުވާލަން ހުށަހެޅި ޕެޓިޝަން އެގައުމުގެ ދުސްތޫރީ ކޯޓުން ބަލައިގަނެފި އެވެ.

ތައި ރަކްސާ ޗާޓް ޕާޓީން ބޮޑުވަޒީރު ކަމަށް ޕްރިންސެސް އުބޮންރާތުނާގެ ނަން ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެޕާޓީ އުވާލަން ކޯޓަށް ހުށަހެޅީ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުންނެވެ. އަދި މީގެ ކުރިން އެކޮމިޝަނުން ވަނީ ބޮޑުވަޒީރުކަމަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ލިސްޓުގައި އުބޮންރާތުނާގެ ނަން ހިމަނަން ދެކޮޅު ހަދައިފައެވެ.

އެ ކޮމިޝަނުން އެފަދައިން ނިންމީ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، ޕްރިންސެސް އުބޮންރާތުނާ އިންތިހާބުގައި ވާދަ ކުރެއްވުމާ ދެކޮޅު ހެއްދެވުމުން ކަމަށް ބެލެވެ އެވެ. ރަސްގެފާނު ވަޖިރަލޮންކޯން ވަނީ ޝާހީ އާއިލާގެ މެމްބަރުން ސިޔާސީ މަގާމުތަކަށް ވާދަކުރުމަކީ ގައުމުގެ "ސަގާފަތާއި އާދަކާދަޔާ ހިލާފު" ކަމެއް ކަމަށް ވިދާޅުވެ، ބަޔާނެއް ނެރުއްވައިފައެވެ.

ތައިލޭންޑުގައި އަންނަ މަހު ބާއްވާ އިންތިހާބަކީ 2014 ވަނަ އަހަރު އެގައުމުގެ ބޮޑުވަޒީރުކަމަށް ޕްރަޔުތު ޗަންއޮޗާ ވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވީ އޭރު އޮތް ޔިންގްލަކް ޝިނަވަތުރާގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހުގައެވެ.

ތައި ރަކްސާ ޗާޓް ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދުކުރާ ފަރާތްތަކުން އުފައްދާފައިވާ ޕާޓީއެކެވެ. ޔިންގްލަކް ޝިނަވަތުރާ އާއި ބޭބޭފުޅު ތަކްސިން މިހާރު ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައެވެ. އަދި އެ އާއިލާއަށް ތާއިދުކުރާ ޕާޓީތަކާއި ގިނަ އަދަދެއްގެ މީހުން އަދިވެސް ތައިލޭންޑުގައި ތިބުމުން އެއީ އެގައުމުގައި ނުފޫޒު ގަދަ އާއިލާއެކެވެ. ނަމަވެސް ތައި ރަކްސާ ޗާޓް ޕާޓީ އުވާލަން ކޯޓުން ނިންމައިފި ނަމަ އެވާނީ ޝިނަވަތުރާ އާއިލާއާއި އެއާއިލާއަށް ތާއީދުކުރާ ފަރާތްތަކަށް އިންތިހާބުގައި ބޮޑު ގެއްލުމެއް ލިބޭނެ ބަދަލަކަށެވެ.

comment ކޮމެންޓް