ގައުމެއްގެ އިސްތިގުލާލު ދެމެހެއްޓޭނީ ޑިމޮކްރަސީ އޮވެގެން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓޭނީ އެ ގައުމެއްގައި ޑިމޮކްރަސީއެއް އޮވެގެން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު، އިންޑިއާގެ ދިއްލީގައި ހުންނަ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ވެރިކަން ކުރައްވާ ހުދުމުހުތާރު ވެރިންނަކީ އާންމު ގޮތެއްގައި ކޮރަޕްޓު ބައެއް ކަމަށެވެ.

އަދި އެފަދަ މީހުންނަކީ ރިޝްވަތާއި "ހަދިޔާ"އަށް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އެހެން މީހުންނަށް ވިއްކާލުމަށް ފަސްޖެހޭނެ ބައެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާގެ ގިނަ އިންވެސްޓްމެންޓުތަކެއް ރާއްޖެއަށް ލިބިގެން ދިޔަ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ގިނަ އިންވެސްޓްމެންޓާއި ލޯނުތަކުގައި ރާއްޖޭގެ ފަރާތުން ކޮރަޕްޝަނުގެ އަސަރުތައް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރާއްޖެއިން ޗައިނާއަށް ބޮޑެތި އަދަދުތަކުން ދަރާފައިވާކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ "ރާއްޖޭގައި ކުރިއަށް އޮތް ސަރުކާރުތަކާއި ޖީލުތަކަށް ނުދެއްކޭނެ ވަރުގެ ދަރަންޏެއް ބޮލުއަޅަން ޖެހިފައިވާ" ކަމަށެވެ.

ރައީސް ނަޝީދާއެކު ދިއްލީގެ ޖޭއެންޔޫގެ ދަރިވަރުން ފޮޓޯނަގަނީ --- ފޮޓޯ/ ޓްވިޓާ

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އޭޝިއާ ބައްރުގައި ހުދުމުހުތާރު ސަރުކާރުތައް ހުރި އެހެނިހެން ގައުމުތައްވެސް ރާއްޖެ ފަދައިން ވަނީ ޗައިނާއަށް ދަރާފައި ކަމަށާއި، ދަރަނިތައް ދެއްކުމަށްޓަކައި އެ ސަރުކާރުތަކުން ވަނީ ބޮޑެތި އިންފްރާސްޓްރަކްޗާތައް ހިންގުމަށްވެސް ޗައިނާ ސަރުކާރުގެ ކުންފުނިތަކަށް ހަވާލުކޮށްފައި ކަމަށެވެ.

އަދި އެފަދައިން ރާއްޖޭގެ ކުރީގެ ސަރުކާރުވެސް ހުރީ ގައުމުގެ އިސްތިގުލާލު އެފަދައިން ބޭރު ބަޔަކާ ހަވާލުކުރުމަށް ތައްޔާރަށް ކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

މިފަދަ ކަމަކުން ސަލާމަތްވެ ގައުމުގެ އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓޭނެ ހަމައެކަނި ގޮތަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ޑިމޮކްރަސީއެއް އޮތުމެވެ.

ސަބަބަކީ ގައުމުގެ އިސްތިގުލާލު އެހެން ބަޔަކަށް ވިއްކާލައިފި ނަމަ، ދެން އޮންނަ އިންތިހާބެއްގައި ރައްޔިތުން ނުކުމެ ވޯޓުން އެ ވެރިއަކު ވެރިކަމުން ބާލާނެކަން ވެރިންނަށް އެނގޭނެތީ ކަމަށް ކުރީގެ ރައީސް ވިދާޅުވިއެވެ.

"މިނިވަން އިންސާފުވެރި އިންތިހާބެއްގެ މުހިންމުކަމަކީ މިއީ،" ޖަވާހަރްލަލް ނެހްރޫ ޔުނިވާސިޓީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް އިންތިހާބުވުމާއެކު ދިވެހީންނަށް އުޖާލާ މުސްތަގުބަލަކަށް އުންމީދުކުރެވޭނެ ކަމަށެވެ.

"އުފާ ފާގަތި، ސުލްހަވެރި، އަދި ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމު ލިބި، ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓެނެ ފަދަ އުޖާލާ މުސްތަގުބަލަކަށް ދިވެހީންނަށް މިހާރު އުންމީދުކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް