އެމެރިކާގެ އެއާ ފޯސްގެ ކުރީގެ އޮފިސަރެއްގެ މައްޗަށް އީރާނަށް ޖާސޫސުކޮށްދިނުމުގެ ދައުވާކޮށްފި

އެމެރިކާއިން ވަނީ އެއާ ފޯސްގެ ކުރީގެ އޮފިސަރު މޮނިކާ ވިޓްގެ މައްޗަށް އީރާނަށް ޖާސޫސުކޮށްދިނުމުގެ ދައުވާ ކޮށްފަ -- ފޮޓޯ: އެފްބީއައި

ވޮޝިންޓަން (ފެބްރުއަރީ 14): އެމެރިކާއިން އެގައުމުގެ އެއާ ފޯސްގެ ކުރީގެ އޮފިސަރެއްގެ މައްޗަށް އީރާނަށް ޖާސޫސުކޮށްދިނުމުގެ ދައުވާކޮށްފި އެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި މޮނިކާ ވިޓް ވަނީ އެއާ ފޯސްގައި 1997އިން 2008އަށް މަސައްކަތްކޮށްފަ އެވެ. އަދި އޭރު އޭނާއަށް ވަނީ އެގައުމުގެ އެންމެ މަތީ ސެކިއުރިޓީ ކްލިއަރެންސް ދީފަ އެވެ. ނަމަވެސް 2013 ވަނަ އަހަރު ވިޓް ވަނީ އެމެރިކާ ދޫކޮށް އީރާނަށް ގޮސްފަ އެވެ. އަދި މިހާރު އޭނާވީ ތަނެއް ޔަގީންވެފައި ނުވެ އެވެ.

ވިޓްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި އޭނާއާ އެއްކޮށް މަސައްކަތް ކުރި އޭޖެންޓުންގެ ނަމާއި އޭނާ ބައިވެރިވި އޮޕަރޭޝަންތައް ފަދަ ސިއްރު މައުލޫމާތު އީރާނާ ހިއްސާ ކުރުން ހިމެނެ އެވެ. ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި ވިޓް އެއާފޯސްގައި މަސައްކަތް ކުރި އިރު އޭނާ މެދުއިރުމަތީގައި ކުރިއަށްގެންދިޔަ ސިއްރު ކައުންޓާއިންޓެލިޖެންސް އޮޕަރޭޝަންތަކަށް ފޮނުވާފައިވެ އެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި ވިޓް ވަނީ އީރާނަށް ދިޔުމަށް ފަހު އެމައުލޫމާތު އެގައުމާ ހިއްސާކޮށްފަ އެވެ.

އަދި އެމައްސަލައިގައި އީރާނުގެ ދެ ކުންފުންޏެއް ކަމަށްވާ ނިއު ހޮރައިޒަން އޯގަނައިޒޭޝަން އާއި ނެޓް ޕޭގާޑް ސަމްވަތު ކުންފުންޏާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ވިޓްގެ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ބުނި ގޮތުގައި އޭނާ އީރާނަށް މަސައްކަތް ކޮށްދޭން ފެށީ ނިއު ހޮރައިޒަން އޯގަނައިޒޭޝަންގެ ދެ ކޮންފަރެންސަކަށް ދިޔަ ފަހުންނެވެ.

އެމެރިކާއިން ވަނީ ވިޓް ހައްޔަރު ކުރުމަށް މިހާރު އަމުރެއް ވެސް ނެރެފަ އެވެ.

comment ކޮމެންޓް