ބޯންމެރޯ ހަދަން ފަސް ކުއްޖަކަށް އެހީދީފި

ތެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ހަދަން ޑޮނަރު ލިބިފައިވާ ފަސް ކުދިން ބޯންމެރޯ ހަދަން ޒަކާތު ފަންޑުން އެހީދީފި އެވެ.

ރާއްޖޭގައި ތެލެސީމީއާ 881 ކުދިން ރެޖިސްޓްރީވެފައިވެ އެވެ. ލޭއެޅުން ހުއްޓާލާ އެކަމަށް ލިބޭ ދާއިމީ ފަރުވާއަކީ ބޯންމެރޯ ހެދުމެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ބޯންމެރޯ ހެދުމަށް އިތުރު ފަސް ކުއްޖަކަށް ޒަކާތު ފަންޑު މެދުވެރިކޮށް އެހީދީފަ އެވެ. މީގެކުރިންވެސް ޒަކާތު ފަންޑުން ވަނީ ބޯންމެރޯ ހަދަން 27 ކުއްޖަކަށް އެހީދީފަ އެވެ.

" އެގޮތުން 14 ފެބްރުއަރީގައި މި އަހަރުގެ ފުރަތަމަ ބެޗްގައި ހިމެނޭ ފަސް ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި އިންޑިޔާއަށް ފުރާނެ."

ބޯންމެރޯ ހަދަން ކުރިން ފޮނުވަނީ އިންޑިޔާގެ މަނީޕާލްހޮސްޕިޓަލަށެވެ.

ހުރިހާ މައިންބަފައިންވެސް ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ކަންކަން ކުރިޔަށްދާއިރު ހޮސްޕިޓަލުންދެއްވާ އިރުޝާދުތަކަށް އެއްބާރުލުންދެއްވުމަށް މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަކީ އަގުބޮޑު ފަރުވާއަކަށްވެފައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހޭ ކަމެއްކަމުގައި ވާތީ ކަމަށް ބްލަޑް ސާވިސަސްއިން ބުނެ އެވެ.

" ދަގަނޑުގެބައި ދަށްކުރުމަށް ބޭނުންކުރަންޖެހޭ ބޭސްތައް މެދުނުކެނޑި ބޭނުންކުރަމުން ގެންދިޔުމަކީ ވަރަށް މުހިއްމުކަމެއް. އެއީ ބޯންމެރޯ ކާމިޔާބުކުރުމަށްޓަކައި ދުޅަހެޔޮ ސިއްހަތެއްގައި ކުއްޖާ ހުރުމަކީ އެއްމެ މުހިއްމު އެއްކަންތައް ކަމުގައިވާތީ." ބްލަޑް ސާވިސަސްއިން ބުންޏެވެ.

comment ކޮމެންޓް