ބީއެމްއެލްގެ މަތީ ތައުލީމުގެ ޕްރޮގްރާމް "ބީއެމްއެލް ރިވެލި" އިފްތިތާހުކޮށްފި

"ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހު ކުރުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް "ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާހުކޮށްފިއެވެ.

ބީއެމްއެލް ރިވެލި ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ބޭންކުން ފުރަތަމަ ތައާރަފްކޮށްފައިވަނީ ޑިޕްލޮމާއިން ބޭންކިން އެންޑް ފައިނޭންސްގެ ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ މި ކޯހަކީ 12 މަސްދުވަހުގެ ކޯހެކެވެ. މި ކޯހުގެ މަގްސަދަކީ ޒުވާނުންނާއި އަދި ބޭންކިން ދާއިރާއިން ކުރިށް ދާން ބޭނުންވާ ފަރާތްތަކަށް، އެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ތަޢުލީމާއި ހުނަރު ދަސްކޮށްދީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ބޭނުންވާ ތައުލީމީ ގާބިލު ޒުވާނުން ބިނާކުރުމެވެ.

މި ކޯހުގެ ކަރިކިއުލަމް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ.

"ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހު ކުރުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކޯސް ކުރިއަށް ގެންދިޔުމުގައި އުގަންނައި ދިނުމުގެ ގޮތުން ވިލާ ކޮލެޖަށް ލިބިފައިވާ ތަޖުރިބާގެ އިތުރުން ދާއިރާއާ ގުޅޭ ޕްރޮފެޝަނަލް އެހީތެރިކަން ބޭންކުގެ ފަރާތުން ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން ބޭންކިން ދާއިރާގައި ތަޖުރިބާހުރި ބީއެމްއެލްގެ މުވައްޒަފުން މި ކޯހުގައި ކިޔަވައިދޭނެއެވެ. މީގެ އިތުރުން ގެސްޓް ސްޕީކަރުންގެ ގޮތުގައިވެސް ބޭންކިން ދާއިރާގެ ތަޖުރިބާކާރުން ކިޔަވައިދެއްވާނެއެވެ.

މި ޕްރޮގްރާމަކީ ބޭންކުގެ މުވައްޒަފުންގެ އިތުރުން ބޭންކިންއާއި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އޮތް ފަހި ފުރުސަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް ރިވެލި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވިލާ ކޮލެޖާއި ބޭންކާ ދެމެދު މިއަދު ވަނީ އެމްޔޫއޯގައި ސޮއިކޮށްފައެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

އެމްއޯޔޫގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ވިދާޅުވީ ބޭންކިން ދާއިރާ ކުރިއަރަމުން އަންނައިރު، އަންނަ ތަރައްގީއާއެކު ބޭންކިންގެ ހިދުމަތްދޭ ފަރާތްތައްވެސް ކުރިއަރަން ޖެހޭ ކަމަށާއި މި ޕްރޮގްރާމަކީ ބޭންކުގެ މުވައްޒަފުންގެ އިތުރުން ފައިނޭންސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ޕްރޮގްރާމެއް ކަމަށެވެ.

"ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހު ކުރުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"ބީއެމްއެލްގެ އަމާޒަކީ ގާބިލު، މަސައްކަތްތެރި އަދި ކަސްޓަމަރުން އެދޭފަދަ ހިދުމަތެއް ބޭންކުގެ ވިޔަފާރީގެ ތަސައްވުރާ އެއްގޮތްވާގޮތުގެ މަތިން ފޯރުކޮށްދޭނެ މުވައްޒަފުންތަކެއް އުފެއްދުން. ބީއެމްއެލް ރިވެލި ޕްރޮގްރާމާއެކު ބޭންކިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ދާއިރާއާ ގުޅޭ ތައުލީމާއި ތަމްރީނު ފޯރުކޮށްދެވިގެން ދާނެ،" ޝަރީފް ވިދާޅުވިއެވެ.

ވިލާކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރު ވިދާޅުވީ ބޭންކިން އާއި ފައިނޭންސްގެ ދާއިރާގައި ގުޅުންހުރި ދާއިރާތަކުން ބެންކާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ދެވޭނެ ކަމަށެވެ. ބީއެމްއެލްއިން ފެށި ޕްރޮގްރާމަކީ ބޭންކިންގެ ދާއިރާ އިން ކުރިއަށް ދާން ބޭނުން ޒުވާނުންނަށް އޮތް ފަހި ފުރުސަތެއް ކަމަށްވެސް ޑރ. އަންވަރު ވިދާޅުވިއެވެ.

comment ކޮމެންޓް