ތައިލޭންޑުގެ ބޮޑުވަޒީރުކަމަށް ޕްރިންސެސް ނޮމިނޭޓުކުރި ޕާޓީ އުވާލަނީ

ތައިލޭންޑުގެ ބޮޑުވަޒީރު ކަމަށް ޕްރިންސެސް އުބޮންރާތުނާގެ ނަން ހުށަހެޅި ތައި ރަކްސާ ޗާޓް ޕާޓީގެ މެމްބަރުން -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (ފެބްރުއަރީ 13): ތައިލޭންޑުގެ ބޮޑުވަޒީރުކަމަށް އެގައުމުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮންގެ ނަން ހުށަހެޅި ތައި ރަކްސާ ޗާޓް ޕާޓީ އުވާލަން ދުސްތޫރީ ކޯޓަށް ހުށަހަޅާނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ތައި އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ރަކްސާ ޗާޓް ޕާޓީން ބޮޑުވަޒީރުކަމަށް ޕްރިންސެސް އުބޮންރާތުނާ ނޮމިނޭޓު ކުރީ އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށެވެ. އަދި މީގެ ކުރިން އެކޮމިޝަނުން ވަނީ ބޮޑުވަޒީރުކަމަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ލިސްޓުގައި އެކަމަނާގެ ނަން ހިމަނަން ދެކޮޅު ހަދާފާއެވެ.

އެ ކޮމިޝަނުން އެފަދައިން ނިންމީ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، ޕްރިންސެސް އުބޮންރާތުނާ އިންތިހާބުގައި ވާދަ ކުރެއްވުމާ ދެކޮޅު ހެއްދެވުމުން ކަމަށް ބެލެވެ އެވެ. ރަސްގެފާނު ވަޖިރަލޮންކޯން ވަނީ ޝާހީ އާއިލާގެ މެމްބަރުން ސިޔާސީ މަގާމުތަކަށް ވާދަކުރުމަކީ ގައުމުގެ "ސަގާފަތާއި އާދަކާދަޔާ ހިލާފު" ކަމެއް ކަމަށް ވިދާޅުވެ، ބަޔާނެއް ނެރުއްވައިފައެވެ.

ތައިލޭންޑުގައި އަންނަ މަހު ބާއްވާ އިންތިހާބަކީ 2014 ވަނަ އަހަރު އެގައުމުގެ ބޮޑުވަޒީރުކަމަށް ޕްރަޔުތު ޗަންއޮޗާ ވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވީ އޭރު އޮތް ޔިންގްލަކް ޝިނަވަތުރާގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހުގައެވެ.

ތައި ރަކްސާ ޗާޓް ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދުކުރާ ފަރާތްތަކުން އުފައްދާފައިވާ ޕާޓީއެކެވެ. ޔިންގްލަކް ޝިނަވަތުރާ އާއި ބޭބޭފުޅު ތަކްސިން މިހާރު ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައެވެ. އަދި އެ އާއިލާއަށް ތާއިދުކުރާ ޕާޓީތަކާއި ގިނަ އަދަދެއްގެ މީހުން އަދިވެސް ތައިލޭންޑުގައި ތިބުމުން އެއީ އެގައުމުގައި ނުފޫޒު ގަދަ އާއިލާއެކެވެ. ނަމަވެސް ތައި ރަކްސާ ޗާޓް ޕާޓީ އުވާލުމަކީ ޝިނަވަތުރާ އާއިލާއާއި އެއާއިލާއަށް ތާއިދުކުރާ ފަރާތްތަކަށް އިންތިހާބުގައި ބޮޑު ގެއްލުމެއް ލިބޭނެ ބަދަލެކެވެ.

comment ކޮމެންޓް