ރާއްޖޭގައި ސައުދީގެ އިންވެސްޓްމެންޓުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީގެ ކޮމާސް އެންޑް އިންވެސްޓުމެންޓް މިނިސްޓަރު ޑރ. މަޖީދު ބިން އަބްދުﷲ އަލް ގަސާބީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުން --- ފޮޓޯ: ޓްވިޓާ

ރާއްޖޭގައި ސައުދީ އަރަބިއާގެ އިންވެސްޓުމެންތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ކޮމާސް އެންޑް އިންވެސްޓުމެންޓް މިނިސްޓަރު ޑރ. މަޖީދު ބިން އަބްދުﷲ އަލް ގަސާބީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުއެވެ.

މިނިސްޓަރު ޝާހިދު، ސައުދީގެ ކޮމާސް މިނިސްޓަރާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވަނީ ރިޔާޒުގައި ބިޒްނަސް ނެޓްވޯކިން ފޯރަމެއް ބޭއްވުމަށްވެސް މަޝްވަރާކުރައްވައިފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދު މިއަދު ސައުދީގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހަމަދް ބިން ސުލައިމާން އަލް ބަޒައި އާއި ވެސް ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ރާއްޖޭގައި މިވަގުތު ހިނގަމުންދާ ބައެއް މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ސައުދީ އިން ދިވެހިރާއްޖެއާ މެދު ބަހައްޓަމުން އަންނަ ގާތް ރަޙުމަތްތެރި ގުޅުމަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ސައުދީީގެ ނައިބު މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރައްގީގެ ލަނޑުދަނޑިތަކައް ވާސިލްވުމަށް ސައުދީ އިން ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ހާރިޖީ ވުޒާރާއާއި ސައުދީ އަރަބިއާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް