މަސްވެރިކަމުގައި ބޭނުންކުރާ ތިން އުޅަނދެއް ތިމާވެއްޓާ ރައްޓެހި ގޭހަށް ބަދަލުކުރަނީ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު--- ފޮޓޯ/ އެންވަޔަރަމަންޓް

މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ތިން އުޅަނދެއް ތިމާވެށްޓާ ރައްޓެހި ގޭހަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އެންވާރަންމަންޓާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ.

އެންވާރަމަންޓް މިނިސްޓްރީއިން ބުނީ އެ ޕްރޮޖެކްޓަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގައި މިގޮތަށް ހިންގާ ފުރަތަމަ ޕްރޮޖެކްޓްކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖެއާއި ރާއްޖެ ފަދަ މަސްވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ކުދި އެހެން ޖަޒީރާ ގައުމުތަކަށްވެސް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ޕްރޮޖެކްޓަކީ މަލްޓިލެޓަރަލް ފަންޑް ފޮ ދަ އިންޕްލިމެންޓޭޝަން އޮފް ދަ މޮންޓްރެއާލް ޕްރޮޓޮކޯލްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފިޝަރީޒް ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓެއް ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 2020 ވަނަ އަހަރުގެ ނިޔަލަށް ހައިޑްރޯކްލޮރޯފްލޮރޯ ކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މިފްކޯގެ ތިން އުޅަނދެއްގައި ބޭނުންކުރާ އެޗްސީއެފްސީ ގޭހުގެ ބަދަލުގައި ބޭނުންކުރާނެ ރެފްރިޖަރެންޓްތަކާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާގެ އަލީގައި ތިމާވެށްޓާ ރަށްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުންނުދޭ މާއްދާއަކަށް، މިފްކޯގެ ތިން އުޅަނދެއް ރެޓްރޮފިޓްކުރުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް