ވެނެޒުއެލާއަށް ވަދެ ނުގަތުމަށް ރަޝިޔާއިން އެމެރިކާއަށް އިންޒާރު ކޮށްފި

ލާވްރޯވް އާއި ޕޮމްޕެއޯ

މޮސްކޯ (ފެބްރުއަރީ 13) : ވެނެޒުއެލާގައި އުފެދިފައިވާ ދާޚިލީ މައްސަލަތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އެގައުމަށް ވަދެނުގަތުމަށް ރަޝިޔާ އިން އެމެރިކާއަށް އިންޒާރުކޮށްފި އެވެ.

ވެނެޒުއެލާގެ މައްސަލާގައި އެމެރިކާއަށް އިންޒާރު ދެއްވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ އެމެރިކާ ބޭނުންހާގޮތެއްހަދަން ރަޝިޔާ އިން ވެނެޒުއެލާ ދޫކޮށްނުލާނެ ކަމަށާ ވެނެޒުއެލާގެ މައްސަލަ ހައްލުކުރުމުގައި އަމަލުކުރަން ޖެހޭނީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އދ.ގެ ޗާޓަރު ބުނާ ގޮތުގެ މަތިން ކަމުގަ އެވެ. އދ. މެދުވެރިކޮށް ވެނެޒުއެލާގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން އެމެރިކާ އާ މަޝްވަރާކުރަން ރަޝިޔާ ތައްޔާރުކަމަށް ވެސް ލާވްރޯވް ވިދާޅުވި އެވެ.

ލާވްރޯވް މިހެން ވިދާޅުވީ ވެނެޒުއެލާގެ މައްސަލާގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާ ފޯނުން ކުރެއްވި މަޝްވަރާތަކެއްގަ އެވެ. އެ މަޝްވަރާތަކުގައި އެމެރިކާ ވެނެޒުއެލާގެ ދާޚިލީ މައްސަލަތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އެގައުމަށް ވަދެގަތުމަށް މަސައްކަތް ކުރާނަމަ ރަޝިޔާއަށް ވެސް ކުރެވެން ހުރި ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ، އެމެރިކާގެ ޚާރިޖީ ވަޒީރަށް ލާވްރޯވް އިންޒާރު ދެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ.

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ މަދޫރޯގެ ސަރުކާރާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަކީ އޮތް ޚިޔާރެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި ވެނެޒުއެލާގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން މަސައްކަތްކުރައްވާ އެގައުމުގެ އިދިކޮޅު ލީޑަރަށް ތާއީދުކޮށް މަދޯރޯގެ ސަރުކާރު ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ނެރުމަށް އެމެރިކާ މަސައްކަތްކުރި ބަޔާނަށް ވެސް ރަޝިޔާ އާއި ޗައިނާ ވަނީ ހުރަސްއަޅައިފަ އެވެ.

ޓްރަމްޕްގެ އިންޒާރަށް ފަހު ވެނެޒުއެލާގެ ސިފައިން ވަނީ އަސްކަރީ ތަމްރީންތަކެއް ފަށައިފަ އެވެ. އެތައް ހާސް ސިފައިން ބަރުހަތިޔާރު ބޭނުންކޮށްގެން ކުރިޔަށް ގެންދާ އެތަމްރީންތަކުގެ ބޭނުމަކީ ވެނެޒުއެލާއަށް އަރައިގެންފާނެ ބޭރުގެ ބާރަކާ ދެކޮޅަށް ގައުމު ދިފާއުކުރުމަށް ފަރިތަކުރުން ކަމަށް މަދޫރޯ ވަނީ ވިދާޅުވެފަ އެވެ. ވެނެޒުއެލާއާ ދެކޮޅަށް އަސްކަރީ ބާރު ބޭނުން ކުރަންޖެހިދާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ނަމަވެސް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޯން ބޯލްޓަންވަނީ ވެނެޒުއެލާގެ ވެރިކަން ފޮރޮޅާލުމަށް ޓަކައި އެމެރިކާގެ ސިފައިން ފޮނުވުމުގެ ރޭވުމެއްނެތް ކަމަށް ވިދާޅުވެފަ އެވެ.

ވެނެޒުއެލާއަކީ 30 މިލިޔަން މީހުންގެ އާބާދީ އެއްއޮންނަ ގައުމަކަށްވާ އިރު އެގައުމުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަކީ އެމެރިކާއަށް ޚަރަދުގެ ގޮތުން ތަހައްމަލް ކުރަން ފަސޭހަ ކަމަކަށް ނުވާނެތީ އާއި އިރާގާއި އަފްޣާނިސްތާނަށް އަރައިގަތުމުން އެދެގައުމުގައި އެމެރިކާ ކުރިމަތިލާންޖެހުނު ހިތި ތަޖްރިބާތަކާ ގުޅިގެން ވެނެޒުއެލާއަށް އަސްކަރީ ގޮތުން އަރައިގަތުމަކީ އެމެރިކާއަށް ކުރަންކެރޭނެ ކަމެއްނޫންކަމަށް ތަޖްރިބާކާރުން ވިދާޅުވެ އެވެ.

މީގެ އިތުރުން އެމެރިކާއާ ވަދަކުރެވޭ ފަދަ ދެބާރު (ޗައިނާއާއި ރަޝިޔާ) އެމެރިކާއަށް ގޮންޖަހާ ގޮތަށް ދުނިޔޭގެ މަސްރަހުގައި މިހާރު ހަރަކާތްތެރިވެފައި އެ ދެ ގައުމު އެމެރިކާއަށް ދޫނުދޭތީ ދާޚިލީ މައްސަލައަކާ ގުޅިގެން މުސްތަގިއްލު ގައުމަކަށް އަސްކަރީ ގޮތުން އަރައިގަތުމަކީ އެމެރިކާއަށް ކުރަންކެރޭނެ ކަމެއް ނޫންކަމަށް މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް