ބާދްޝާ ވެސް ފިލްމެއް ކުޅެނީ!

އިންޑިއާގެ ރެޕް އާޓިސްޓް އަދިއްތުޔަ ޕްރަތީކް ސިންގ ސިސޯދިއާ، ސްޓޭޖް ނަމުން ނަމަ ބާދްޝާހް، ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.

ބާދްޝާ ވީޑިއޯ ލަވަތަކުން ފެނިގެން ދިޔަ ނަމަވެސް، މިއީ ފިލްމަކުން އޭނާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ފިލްމުގައި އޭނާ ފެނިގެންދާނީ ވެސް ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބާދްޝާ ބުނީ ފިލްމަށް އެއްބަސްވި ނަމަވެސް އަދިވެސް ވަރަށް ބޮޑަށް ނުތަނަވަސްވެފައި ހުރި ކަމަށެވެ.

"އެކަމަކު އަހަރެންގެ ބެސްޓް ދައްކާނަން. ފިލްމު ވަރަށް ތަފާތު ވާނެ. އަދި ފިލްމުގައި އަހަރެން އަދާކުރާ އަހަންނާ ވަރަށް ގުޅޭ ރޯލެއް،" ބާދްޝާ ބުންޏެވެ.

އަދި ނަމެއް ދީފައިނުވާ އެ ފިލްމު ޑައިރެކްޓު ކުރާނީ ޝިލްޕީ ދާސްގުޕްތާއެވެ. ޕްރޮޑިއުސް ކުރާނީ ބުޝަން ކުމާރު އަދި މަހާވީރް ޖެއިން އެވެ.

ފިލްމުގައި ބާދްޝާ އާއެކު ސޮނާކްޝީ ސިންހާ، ވަރުން ޝަރްމާ އަދި އަންނޫ ކަޕޫރު ވެސް ފެނިގެންދާނެއެވެ. ބާދްޝާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި 'ޑީޖޭ ވާލޭ ބާބޫ'، 'ކާލާ ޗަޝްމާ'، 'ކަރް ގައި ޗުލް'، ދަ ބްރޭކް އަޕް ސޯންގް' އަދި 'ބޭބީ ކޯ ބޭސް ޕަސަންދް ހޭ' ފަދަ ލަވަތައް ހިމެނެއެވެ.

comment ކޮމެންޓް