ވޮޝިންޓަން (ފެބްރުއަރީ 13): ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ މެކްސިކޯގެ ހުއާކިން "އެލް ޗާޕޯ" ގުޒްމަންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެއްޖެ އެވެ.
އެމެރިކާގެ ބްރުކްލިންގެ ކޯޓެއްގައި 11 ހަފްތާ ވަންދެން ކުރިއަށް ގެންދިޔަ ޝަރީއަތަށް ފަހު ގުޒްމަންގެ މައްޗަށް ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުމާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް ސާބިތުވެފަ އެވެ.
އެމައްސަލާގައި ގުޒްމަންގެ މައްޗަށް އަދި ހުކުމެއްކޮށްފައި ނުވެ އެވެ. ނަމަވެސް އޭނާ އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ގުޒްމަންގެ ވަކީލުން ވަނީ އެމައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
މެކްސިކޯގެ ސިނަލޮއާ ކާޓެލްގައި އިސްކޮށް ހުރި ގުޒްމަންގެ ޝަރީއަތަށް 50 އަށް ވުރެ ގިނަ ހެކިވެރިން ހާޒިރުކޮށްފައިވެ އެވެ. އޭގެ ތެރެއިން އޭނާއާ އެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި އެލެކްސް ސިފުއެންޓޭސް ވަނީ މެކްސިކޯގެ ކުރީގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯއަށް ގުޒްމަން 100 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް ބުނެފަ އެވެ. އެތުހުމަތާ ބެހޭ ގޮތުން ޕެންޔާ ނިއޭޓޯ ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ.
ގުޒްމަން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައި ހުރި ޖަލުން ފިލާފަ އެވެ. މެކްސިކޯގެ ޖަލަކުން އޭނާ އެންމެ ފުރަތަމަ ފިލީ 2001 ވަނަ އަހަރުގަ އެވެ. އޭގެ 13 އަހަރު ފަހުން އޭނާ ހައްޔަރު ކުރުމުން އެ އަހަރު ތެރޭގައި އޭނާ އަނެއްކާ ވެސް ޖަލުން ފިލި އެވެ. ގުޒްމަން އެންމެ ފަހުން ހައްޔަރު ކުރީ އޭގެ ހަ މަސް ފަހުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
އޭގެ ފަހުން 2017 ވަނަ އަހަރު މެކްސިކޯއިން ވަނީ ގުޒްމަން އެމެރިކާއާ ހަވާލުކޮށްފަ އެވެ.