ޕޮގްބާގެ ރަތް ކާޑާ އެކު ސޯލްޝަޔާގެ ކޯޗު ކަމުގައި ޔުނައިޓެޑުގެ ފުރަތަމަ ބަލި

މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ތެރެއިން ޕޯލް ޕޮގްބާއަށް ދެއްކި ރަތް ކާޑު -- ފޮޓޯ / ޖޭމީ ސްމިތް

ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑް ރޭ ބައްދަލު ކުރި މެޗުގައި ފްރާންސްގެ ތަރި ޕޯލް ޕޮގްބާއަށް ދެއްކި ރަތް ކާޑާ އެކު އޮލެ ގުނަ ސޯލްޝަޔާގެ ކޯޗު ކަމުގެ ދަށުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑް ބަލި ވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ދަނޑުގައި ކުޅުނު އެ މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޕީއެސްޖީއެވެ. މި މޮޅާ އެކު ޕީއެސްޖީއިން މުބާރާތުގެ ކުއާޓާއަށް ދިއުމަށް ފިޔަވަޅެއް ކުރިއަށް ޖެއްސި އިރު ޔުނައިޓެޑް ދެން މެޗަކުން ޖެހޭނީ ޕީއެސްޖީގެ ދަނޑުގައި ކުޅެ ތިން ލަނޑުގެ ލީޑަކުން މޮޅުވާށެވެ.

މެންޗެސްޓާ ޔުނައިޓެޑްއާއި ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ތެރެއިން ކައިލިއަން އެމްބާޕޭ ގޯލު ޖެހުމަށް ފަހު -- ފޮޓޯ / ޖޭމީ ސްމިތް

ރޭގެ މެޗުގައި ޕީއެސްޖީގެ މުހިއްމު ގިނަ ކުޅުންތެރިން ތަކެއް އަނިޔާގެ ސަބަބުން ޓީމުގައި ހިމަނާފައެއް ނުވެއެވެ. އެގޮތުން ޓީމުގެ ފޯވާޑް ލައިން ބަލަހައްޓަމުންދާ އެޑިސަން ކަވާނީ އާއި ނޭމާ ޖޫނިއާގެ އިތުރުން ފަހަތަށް ކުޅެމުން އަންނަ ތޯމަސް މުނިއޭ ހިމެނެއެވެ.

ޔުނައިޓެޑްގެ ޓީމު މެޗަށް ނުކުތީ ވަރުގަދަ 11 އަކާއި އެކު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ސަބަބުން އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެންތޮނީ މާޝިއަލް އާއި ޖެސޭ ލިންގާޑްއަށް އަނިޔާވެ ބާލަން ޖެހުނެވެ. އަދި ދެވަނަ ހާފުގައި އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޕޯލް ޕޮގްބާއަށް ދެ ރީންދޫ ކާޑު ހަމަވެ ރަތް ކާޑް ދެއްކުމާއި ގުޅިގެން ޔުނައިޓެޑްގެ ހިއްވަރު އެއްކޮަށް އެލިގެން ދިޔައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނައިރު ޑޮމިނޭޓް ކޮށްގެން ޔުނައިޓެޑް އިން ކުޅުނު ނަމަވެސް ގޯލެއް އެ ޓީމަށް ޖެހިފައެއް ނުވެއެވެ. އަދި މުހިއްމު ދެ ކުޅުންތެރިންގެ އަނިޔާއާއި ގުޅިގެން ދެވަނަ ހާފުގައި ޓީމު ފަހަތުގައި މަޑު ކޮށްގެން ކުޅެން ތިއްބާ ޕީއެސްޖީ އިން ވަނީ ޔުނައިޓެޑްގެ ޑިފެންސަށް ޕްރެޝަރުކޮށް ދެ ގޯލު ޖަހާ މެޗުގެ އޮއެވަރު މުޅިން ބަދަލު ކޮށްލާފައެވެ.

މެޗުގެ ފުރަތަމަ ގޯލު 53 ވަނަ މިނަޓުގައި ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ ޕްރެސްނެލް ކިމްޕެމްބޭ އެވެ. މިއީ އޭނާ މި ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އަދި މި ގޯލުގެ ހަތް މިނަޓު ފަހުން ޕީއެސްޖީގެ ޒުވާން ފޯވާޑް ކައިލިއަން އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ މި ބައްޔަކީ އޮލެ ގުނަ ސޯލްޝަޔާ ޓީމާއި ހަވާލުވުމަށް ފަހު ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން އޭނާ ވަނީ އެ ޓީމު މޮޅު ކޮށްދީފައެވެ. އަދި ބާކީ އޮތް މެޗުން އެއްވަރު ކޮށްދީފައެވެ.

ރޯމާއާއި ޕޯޓޯ ބައްދަލު ކުރި މެޗުގައި ދެ ގޯލު ޖަހައިދިން ޒުވާން ކުޅުން ތެރިޔާ ނިކޯލޯ ޒަނިއޯލޯ -- ފޮޓޯ / ރޮބް ލަންކެސްޓާ

މީގެ އިތުރުން ރޭ ޗެމްޕިއަންސް ލީގުގައި ރޯމާއާއި ޕޯޓޯ ބައްދަލު ކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރޯމާއެވެ. ނިކޯލޯ ޒަނިއޯލޯގެ ދެ ގޯލު ރޯމާއަށް ޖަހައިދިން އިރު ޕޯޓޯގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އެޑްރިއާން ލޮޕެޒްއެވެ.

comment ކޮމެންޓް