މައުމޫންގެ ބޭސްފަރުވާ އަށް އިހުމާލުވި މައްސަލަ އަދި ޕީޖީ އަށް ނުފޮނުވަން: އެޗްއާރުސީއެމް

ކުރީގެ ރައީސް މައުމޫން މިނިވަން ކުރުމަށް މާލެ ގެންނަނީ: އެމަނިކުފާނުގެ ބޭސްފަރުވާ އަށް އިހުމާލުވި މައްސަލަ އަދި ޕީޖީ އަށް ނުފޮނުވާ ކަމަށް ޕީޖީ އިން ބުނޭ -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާފުށީ ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ސިއްހީ ހާލަތާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އަށް ހުށަހެޅި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް ޕޮރޮސެކުއުޓާ ޖެނެރަލް (ޕީޖީ) އަށް އަދި ނުފޮނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެމައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށް ބުނެ ބައެއް މީޑީއާތަކުން ޖަހާފައިވާ ހަބަރު އެޗްއާރުސީއެމްގެ އިންފޮމޭޝަން އޮފިސަރު ހައްވާ ވަޖުދާ ގާސިމް ވަނީ ދޮގުކުރައްވާފައެވެ.

ވަޖުދާ މިރޭ "ސަން" އަށް ވިދާޅުވީ، އެ މައްސަލަ ޕީޖީ އަދި ފޮނުވާފައި ނުވާ ކަމަށާއި ނަމަވެސް އެ މަސައްލަ ޕީޖީ އަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ޓްވީޓެއް ކޮށްފައި ވާނެ [އެ މަސައްލަ] ގައި ދައުވާ ކުރަން ނިންމި ވާހަކަ. ނަމަވެސް އަދި ދައުވާ ކުރަން ނުފޮނުވާ،" ވަޖުދާ ވިދާޅުވިއެވެ.

މައްސަލައިގެ އިތުރު ތަފްސީލެއް ވަޖުދާ ނުދެއްވައެވެ. މައްސަލަ ޕީޖީ އަށް ފޮނުވުމުން އެކަން އަންގަވާނެ ކަމަށް ވަޖުދާ ވިދާޅުވިއެވެ.

މިއަދު އެޗްއާރުސީއެމް އިން ކުރި ޓްވީޓްގައި ބުނެފައިވަނީ، ރައީސް މައުމޫންގެ ސިއްހީ ހާލަތާއި ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ރިއާޔަތްކޮށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވުމަށް އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް މައުމޫން ގާނޫނާ ހިލާފަށް ހައްޔަރުކޮށް އަށް މަސް ދުވަހު ޖަލުގައި ހޭދަކުރެއްވި އިރު އެތައް ހައްގެއް ގެއްލުނު ކަމަށް މީގެ ކުރިން އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ޖަލުގައި އޮންނެވި ދުވަސްވަރު ވަނީ އެޗްއާރުސީއެމް އަށް ހުށަހަޅާފައެވެ.

ރައީސް މައުމޫން ޖަލުގައި ހުންނެވި އިރު އެމަނިކުފާނުގެ ބަލި ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އޭރު އެމަނިކުފާނުގެ ވަކީލުން ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށް ފަރުވާ ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. ނަމަވެސް، ގޭބަންދަށް ބަދަލުކޮށްފައި ނުވެ އެވެ.

އެކަމާ ގުޅިގެން، އެޗްއާރުސީއެމް އިން ފިޔަވަޅެއް އަޅާފައި ނުވާތީ ރައީސް މައުމޫން ވަނީ އެޗްއާރުސީއެމްއަށް ފާޑުވިދާޅުވެ ވާހަަަކަ ދައްކާފައެވެ.

https://sun.mv/112768

comment ކޮމެންޓް