ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫގައި ހުޅުވައިފި

އައްޑޫ ބިޒްނަސް ސެންޓަރު އައްޑޫގެ މޭޔަރު ސޯބެ ހުޅުވައި ދެއްވަނީ--- ފޮޓޯ: ބީއެމްއެލް

ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގައި ފުރަތަމަ ފަހަރަށް ބިޒްނަސް ސެންޓަރެއް ހުޅުވައިފި އެވެ.

ބީއެމްއެލްގެ އިން ބުނީ މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ބޭންކުން ރާއްޖޭގެ އެކި ސަރަހައްދުގައި ބިޒްނަސް ސެންޓަރުތައް ގާއިމްކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ސެންޓަރެެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ބިޒްނަސް ސެންޓަރު ހުޅުވުމާ އެކު، ކުދި އަދި މެދު ވިޔަފާރިތަކަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނޭ ކަމަށެވެ. އެގޮތުން އެ ތަނުގައި ތިބޭ ރިލޭޝަންޝިޕް މެނޭޖަރުން ލޯން އެޑްވައިޒަރީ ދިނުމާއި އެޕްލިކޭޝަންތައް ޕޮރޮސެސްކުރުމަށް ފަސޭހަކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކުރިއަށް އޮތް ތަނުގައި އެ ފަދަ ބިޒްނަސް ސެންޓަރުތައް މާލެ އާއި ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބިޒްނަސް ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން ބީއެމްއެލް އިން ވަނީ ދާދި ފަހުން ބޭރު ފައިސާ ބަދަލުކުރެވޭ ގޮތަށް ކަރަންސީ އެކްސްޗޭންޖު ކައުންޓަރެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފަ އެވެ.

ބީއެމްއެލްގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ފަހަކަށް އައިސް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ތައާރްފްކޮށްފަ އެވެ. އޭގެ ތެރޭގައި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމްކުރުމާއި، 20 އަތޮޅެއްގައި އޭޖެންޓުން ގާއިމްކުރުން ހިމެނެ އެވެ.

comment ކޮމެންޓް