އިނގިރޭސިވިލާތަށް ވޯލްޑް ކަޕު ހޯދައިދިން ކީޕަރު ގޯޑޮން ބޭންކްސް ނިޔާވެއްޖެ

ގޯޑޮން ބޭންކްސް 1937-2019 -- ފޮޓޯ / ޑޮމް ފެރަލް

އިނގިރޭސި ވިލާތުން 1966ގައި ވޯލްޑް ކަޕުގެ ތަށި އުފުލާލި އިރު އެ ޓީމުގެ ގޯލްކީޕަރަކަށް ހުރި ގޯޑޮން ބޭންކްސް ނިޔާ ވެއްޖެ އެވެ.

އުމުރުން 81 އަހަރުގައި ބޭންކްސް ނިޔާވެފައިވާ އިރު އޭނާ ވަނީ ގައުމީ ޓީމަށް 73 މެޗު ކުޅެދީފަ އެވެ. ލެއިސްޓާ ސިޓީއަށާއި ސްޓޯކް ސިޓީއަށް ކުޅެދީފައިވާ ބޭންކްސް އަކީ ފުޓުބޯޅައިގެ ތާރިހުގައި ވެސް އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ވެސްޓް ޖާމަނީ ބަލިކޮށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ތަށި އިނގިރޭސިވިލާތުން އުފުލާލުމުގައި ބޭންކްސްގެ ބޮޑު ހިއްސާއެއްވެ އެވެ. މީގެ އިތުރުން ސްޓޯކް އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ އިނގިރޭސި ލީގު ކަޕް 1972 ވަނަ އަހަރު ހޯދައިދިން ޓީމުގަ އާއި އޭގެ އަށް އަހަރު ކުރިން ލެއިސްޓާ އެކު އެ ތަށި ހޯދި އިރު ވެސް ބޭންކް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އުމުރުން 34 އަހަރުގައި ބޭންކްސްގެ ފުޓުބޯޅަ ހަޔާތް ނިމުމަކަށް ގެންނަން ޖެހުނީ ދިމާވި ކާރު އެކްސިޑެންޓެއްގައި އޭނަގެ ކަނާތު ލޮލަށް ލިބުނު ގެއްލުމާ ގުޅިގެން އެ ލޮލަށް ފެނުމުން މަހުރޫމް ވުމުންނެވެ.

ބޭންކްސް ނިޔާވި ކަން ސްޓޯކްގެ ވެބްސައިޓުގައި ރަސްމީ ގޮތެއްގައި މިއަދު އިއުލާން ކުރަމުން ބުނެފައި ވަނީ ރޭގެ ވަގުތެއްގައި ވަރަށް ހިތާމައާ އެކު ގޯޑޮން ނިޔާވެފައިވާ ކަމަށެވެ.

"އަހަރަމެންނަށް މިލިބުނީ ފޫ ނުބެއްދޭ ވަރުގެ ބޮޑު ހިތާމައެއް ނަމަވެސް އަހަރަމެންގެ ބައްޕަ [ގޯޑޮން ބޭންކްސް] އާ ދޭތެރޭ އަހަރަމެން ފަހުރުވެރިވާ ހާލު ބައްޕަގެ އުފާވެރި ހަނދާންތައް އަބަދަށް ހަނދާން ކުރާނަމެވެ." ބޭންކްސްގެ ދަރިއެއް ސްޓޯކް ވެބްސައިޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް