މިތޫފާނީ ރޭ އެއްވެސް ބިރުވެރިކަމެއްނެތި މަސްތުގެ ދުނިޔޭގައި ޢާފިލްވެގެން ތިބި ޒުވާން އުމުރުފުރައިގެ ކުދިންނަށް ތޫފާނުގެ ހިލަމެއް ވީހެނެއް ހިޔެއްނުވެއެވެ. ތަފާތު ވައްތަރުގެ ބިއްލޫރި ފުޅިތައް ވަނީ މުޅިތަނަށް އުކާލެވިފައެވެ. ރަލާއި މަސްތުވާތަކެތީގެ ވަހުން މުޅި ތަން ވަނީ ތަޣައްޔަރު ވެފައެވެ. ތަންތަނުގައި ބިތްޖެހިގެން ތިބި އެކި އުމުރުފުރައިގެ ޒުވާނުން ދުން ބުރުވަމުން ދިޔައީ ދުނިޔޭގެ ވަގުތީ އުފާ ހާސިލް ކުރާފަދައަކުންނެވެ. އެއްވެސް ބިރުވެރިކަމެއް ހިޔާލެއް ފިކުރެއްނެތެވެ. ސިގިރޭޓާ މަސްތުވާ ތަކެތީގެ ދުނިޔޭގައި ގެއްލި ހުސްވެފައި ތިބެ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަމުން އެދަނީ އާޚިރަތް ހަނދާން ނައްތާލާފައިވާ ފަދައަކުންނެވެ. ބައެއްފަހަރު ޖަހާލާ ހިނިގަނޑު ވާރޭގެ އަޑާ އެކުވެގެން ދަނީއެވެ. ކުރެވެމުން ދިޔަ ފާފައިގެ ޒައްރެއްގެ މިންވަރުވެސް އިޙްސާސް ނުވާފަދައެވެ.

ސުބްހާނައްﷲ އެވެ. ހިންގަމުން އެދަނީ ކޮންފަދަ ނުބައި އަމަލު ތަކެއްހެއްޔެވެ؟. މާތް ﷲ ގެ ފަރާތުން އަތުވެދާނޭ އަޒާބަކަށް ބިރުވެތި ވުމެއްނެތެވެ. އީމާންކަން އެ އަށް ވުރެ ބަލިކަށީއެވެ.

ކަނެއްގައި ބިތްޖެހިފައި އިން އިޒިއަންގެ އެއްއަތުގައި ބިއްލޫރި ފުޅިއެއް އޮތެވެ. އަނެއްއަތުން ސިނގިރޭޓެއް ހިފައްޓާލާފައި ވާއިރު އިރުއިރު ކޮޅަކާ އޭނާ ސިނގިރެޓް ދަމާލަނީ ނަފްސަށް ހިންހަޖެހުން ހޯދާފަދަ ގޮތަކަށެވެ. އަތުގައި އޮތް ފުޅިން އިރުކޮޅަކާ ކޯވަރެއް ދަމާލާއިރު އެއިންކޮންމެ ފަހަރަކު އެތައް ބައިވަރެއް އޭނާގެ ގަމީހަށް ވެސް އެޅެމުން ދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް އިޒިއަން ފަރުވާލެއް ނުބަހައްޓައެވެ.

އިޒިއަން މިރޭ ބޭނުން ކުރަމުން އެދާ އެއްޗަކީ މާ ބާރުގަދަ އެއްޗަކަށް ނުވުމާއެކު އޭނާ މުޅިން ހަމަހޭގައި ނުހުއްޓަސް ވާނުވާ ނޭނގޭ ވަރެއް ނޫނެވެ. އޭނާއަށް އެތަނުގައި ވަމުންދިޔަ ހުރިހާ ކަމެއް ވެސް އެނގެއެވެ. އިވެމުން ދިޔަ އަޑުތަކާއި ފެންނަމުންދިޔަ މަންޒަރުތަކަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އިޒިއަން އިނީ އޭނާގެ އަމިއްލަ ހިޔާލީ ދުނިޔެއަށް ގޮސް ހުސްވެފައެވެ. އިވުނު އަޑަކުން އޭނާ ކުރިމައްޗަށް ބަލާލުން ފިޔަވާ އިތުރު ކަމެއް ނުކުރިއެވެ. މޫނުމަތިން އެއްވެސް ޝުއޫރެއްނުފެނެއެވެ. އެހެނެއްކަމަކު އޭނާ އެއްމިޔަކަށް ހީލީ ނުލަފާ ގޮތަކަށެވެ.

ކުއްލިއަކަށް އިވުނު އަޑާއެކު ގްރޫޕް ހުރިހާ ކުދިން އެއްތަނަކަށް އެއްވިއެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު އިޒިއަންއަށް އިވިގެން ދިޔައެވެ. އަމިއްލަ ދުނިޔޭގައި އޭނާގެ ހިޔާލުތައް ރަސްކަން ކުރަމުން ދިޔައިރު، އިރުއިރު ކޮޅަކާ އެ ގްރޫޕް ކުދިން އެއްވެގެން އެ ކުރާކަމަށް އޭނާ ކަޅިއެއްލައެވެ.

"އޭތް އިޒް! ކަލޭ މިރޭވެސް ތި ބޮއިލައިގެން ހަމަ ޖައްސާލަނީތަ؟" އެކަކު ބުނެލި އަޑުއިވުނެވެ. އިޒިއަން އެ ދިމާލަށް ބަލާލަމުން ނުލަފާ ވައްތަރަކަށް ހީގަތެވެ. އަދި އަތުގައި އޮތް ފުޅި ދައްކާލިއެވެ.

"މިރޭވެސް މަށަށް މި ވަރުން ފުދޭ ކަންނޭގެ. ކަލޭމެން ކުރިއަށް ގެންދޭ" އަނގައިގައި ވަރުނެތް ފަދަ ގޮތަކަށް އިޒިއަން ވާހަކަ ދެއްކިއެވެ.

"އުހުނ. މިރޭ ޖެހޭނީ ކަލޭ އަންނަން، ކޮންމެ ރެއަކު ކަލޭ ތިހެން ތިތާ އަހަރެމެން ކުރާ ކަންތައް ބަލަހައްޓައިގެން އިނަސް ނުވާނެ ދޯ" ދިގު އިސްތަށިގަނޑުގައި ހުޅިއެއްޖަހާ ފަހަތަށް އައްސާލާފައިވާ ޒުވާނަކު ޗޮކެއް ކަނޑާލިއެވެ.

"އޭތް އިޒް! ކަލޭ އާދޭ ދެން" އެތަނުން އެހެން ކުއްޖަކު އިޒިއަންއަށް ގޮވާލިއެވެ.

"ކަލޭ ހަނދާން ކުރައްޗޭ، މިފަދަ ފުރުސަތެއް ދެން ނުލިބޭނެ އިނގޭ" އެތަނުން އެހެން ކުއްޖަކު ބުނެލި އަޑުއިވުނެވެ.

މަސްތުވެގެން އިން އިޒިއަންގެ ސިކުނޑީގައި ޝައިތާނާ ހިއްޕާލާފައިވާ ވަކިތަކަށް ބާރުކުރަމުން ދިޔަ ފަދައެވެ. އޭނާގެ އެކުވެރިންގެ ބަސްތަކަށް އިޖާބަދެވެން ފެށުމާއެކު މަޑުމަޑުން، އިންތަނުން އިޒިއަން ތެދުވިއެވެ. އެއާއެކު އޭނާގެ ބޮލަށް އެނބުރުން އަރާ މުޅިތަން އެނބުރެން ފެށުމާއެކު ކުރިއަށް ފިޔަވަޅު އަޅަން އުނދަގޫވިއެވެ. އެހެންނަމަވެސް އިރުކޮޅަކުން އެނބުރުން އެރުން މަޑުވެ އޭނާއަށް ހަމައަށް ފިޔަވަޅު އެޅެން ފެށުނެވެ. އެންމެން އެއްވެގެން އެ ތިބި ދިމާލަށްފިޔަވަޅު އަޅަން ފެށުމާއެކު އޭނާ އަތުގައި އޮތް ފުޅިން އަނެއްކާވެސް ކޯވަރެއް ދަމާލިއެވެ. އޭރު އެ ތުންފަތަށް ވެރިވެފައި ވަނީ ނުބައި ހިނިތުންވުމެކެވެ.

*****

ސިއްސައިގެން ގޮސް އިޒިއަންއަށް ހުންނާގުން ބޯ ހިއްލާލެވުނެވެ. ވެރިވި ހިޔާލުގެ ސަބަބުން އޭނާ ވަނީ ދާހިއްލާ ފޯވެފައެވެ. މީހާގެ ނޭވާ އަވަސްވެފައި ވެއެވެ. ނޭވާލާން ދަތިވުމާއެކު މީހާގެ މުޅި އަރުތެރެ ހުރީ އެއްކޮށް ހިކިފައެވެ. ކަރުތެރެއަށް އުނދަގޫ ވެފައި ހުރި ގޮތަކަށް އޭނާއަށް ކަރުގައި ދެފަހަރަކު އަތް އުނގުޅާލެވުނެވެ. ހިތަށާއި ސިކުނޑިއަށް ވެރިވަމުންދިޔަ އިޙްސާސްތައް ކަރުނައިގެ ސިފަ ހިޔާރު ކުރިއެވެ. އޭނާއަށް ހިން ދިރުވާލެވުނީ އުނދަގުލުންނެވެ. މީހާގެ ނަފްސަށް ވެރިވަމުން ދިޔަ އަސަރުތަކަކުން އިޒިއަންއަށް ދެލޯ މަރާ ފިއްތާލެވުނެވެ. ކާރުގެ ސީޓުގައި ލެނގިލުމާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އިރުކޮޅަކު ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ވެސް އިނދެވުނެވެ. ސިކުނޑީގެ މަސައްކަތް ކުޑަ ހިނދުކޮޅަކަށް ހުއްޓުނުހެން ހީވި ފަދަ ވަގުތުކޮޅެކެވެ. މީހާގެ މުޅި ހަށިގަނޑަށް އައްސިކަމެއް ވެރިވުމާއެކު އާދަޔާ ހިލާފް ފިނިކަމެއް އެތެރެ ހަށީގައި ދައުރު ކުރިއެވެ.

ސިހުނީ ރިންގުވަމުން ދިޔަ ފޯނުގެ އަޑަށެވެ. އޭނާ ފޯނު ނެގީ ތުރު އަޅަމުން ދިޔަ އަތަކުންނެވެ. ގުޅަނީ އަނާލްއަށް ވުމާއެކު ފޯން އަތުން ދޫނުވީ ކިރިއާއެވެ. އޭނާ އެއިނީ މިހާރު އެއްވެސް މީހަކާ ވާހަކަ ދެއްކޭފަދަ ހާލަތެއްގައެއްނޫނެވެ. އަދި އަމުދުން އަނާލްއާއި ވާހަކަ ދެއްކޭނެ ހެނެއްހިޔެއްނުވެއެވެ. އޭނާ ވަނީ އަނާލްއަށް ވަރަށް ބޮޑު ހަޤީގަތެއް ސިއްރުކޮށްފައެވެ. އިޒިއަން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިންދާ ފޯން ރިންގްވެފައި ކެނޑުނީއެވެ. ދެވަނަ ފަހަރަށް ވެސް ރިންގު ވުމާއެކު އޭނާ ފޯން ނެގީ ހުރިހާ އިޙްސާސްއެއް ހިފައްޓަން މަސައްކަތް ކުރަމުންނެވެ.

"ހަލޯ އިޒް! ކޮންތާކު؟ ހާދަ ލަސްވެއްޖޭ!" އަނާލްގެ އަޑު އިވުމާއެކު އިޒިއަންއަށް ތުންފަތުގައި ދޫހާލާލެވުނީ އަރުތެރެ ހިކުމުގެ ސަބަބުން ތުންފަތްވެސް ހިސާބަކަށް ކުރަކި ވެފައި ވީތީއެވެ.

"މީ، މީ، ވިއްސާރަކަމުން ދުއްވަން... އުނދަގޫ ކަމުން..." އިޒިއަން އުނދަގުލުން ބުނެލިއެވެ.

"މިދަނީ މިހާރު އިނގޭ" އަނާލްއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އިޒިއަން ފޯން ބޭއްވީ އޭނާ 'އިނީ ދުއްވަންނޭ' ބުނަމުންނެވެ. ނަސީބަކުން އަނާލް ވެސް އެއްޗެއް ބުނާކަށް ނޫޅުނެވެ. ހުރިހާ އިޙްސާސްއަކާއި ނުތަނަވަސްކަމެއް އަމިއްލަ ހިތުގައި ގައިދުކޮށްލުމަށް ފަހު އިޒިއަން ކާރު ދުއްވާލީ ގެއަށް ދިޔުމަށެވެ.

އިޒިއަން އައުމާއެކު އަނާލް މަޒާޔާ އާއެކު ސިޓިންރޫމްގައި އިނދެފައި ލަސްނުކޮށް އިޒިއަންއާ އެކު މައްޗަށް އެރީ ނިދާލުމުގެ ބޭނުމުގައެވެ. ކޮޓަރީގެ އޭސީ ނިވާލާފައި ހުރިނަމަވެސް ފިންޏެވެ. އަނާލް ހީކަރުވާތީ އިޒިއަން ވެސް އޭސީ ޖައްސާކަށް ނޫޅުނެވެ. އޭނާ އަނާލް އެނދުގައި ބާއްވާލަދިނުމަށްފަހު ވޮލެޓް ނަގާ ސައިޑް ކަބަޑް މަތީގައި ބާއްވާލާ ފަހާނާއަށް ވަދެނިދަން ތައްޔާރުވެގެން އައިސް އަނެއްފަރާތަށް އަރާ އޮށޯތެވެ. އާދަޔާ ހިލާފަށް އިޒިއަންގެ ބަސް މަދުކަން އަނާލްއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެއީ މަސައްކަތުގެ ސަބަބުން ވަރުބަލިވެފައިހުރީތީ ވީ ގޮތެއްކަމަށް ނިންމާ އޭނާ އަމިއްލަހިތަށް ވިސްނައިދެމުން ހިންހަމަ ޖައްސާލިއެވެ.

އިޒިއަންއަށް މިރޭ އެއްގޮތަކަށްވެސް ނިދޭ ގޮތެއްނުވިއެވެ. އެތައްއިރަކު ދެފަރާތަށް ފުރޮޅި ފުރޮޅި އޭނާއަށް އޮވެވުނީއެވެ. ހަދާނީ ކިހިނެތްކަމެއް ކުރާނީ ކީއްކަމެއް ނޭގުނެވެ. އެންމެފަހުން ފޯން ހުޅުވާލަމުން އޭނާ ވައިފައި ޖައްސާލީ ކޮންމެވެސް އެއްޗެއް އަޑު އަހާލުމުގެ ބޭނުމުގައެވެ. 'ތައުބާ'ގެ ނަމުގައި އިން ދަރުހެއް އޭނާ ހުޅުވާލާއެ އަޑު އަހާލަން ފެށިއެވެ. ކުރެވިފައިވާ ފާފަތަކާ ދުރުވެ ތައުބާވެ އެކަމާ ދެރަވެ ހިތާމަކޮށް ދެވަނަ ފަހަރަށް އެފަދަ ކުށެއް ނުކުރަން އަޒުމް ކަނޑަ އަޅައިފިނަމަ މާތް ﷲ އިރާދުކުރެއްވި އަޅެއްގެ ފާފަ ފުއްސަވާދެއްވާނޭ ކަމަށް އޭގައި އޮތެވެ. ކުރީގައި ފާފަތަކަށް އަރާގަނެފައިވާ ޒުވާނުންނަށް އަމާޒުކޮށް މާތް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާ ނުލުމަށް ނަސޭހަތް ތެރިވެފައިވެއެވެ.

އެ ދަރުސް އަޑު އެހުމުން އިޒިއަންގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީ އެއް ލިބުނެވެ. އޭނާއަށް އުންމީދެއްލިބުނެވެ. މީހާގެ ހަށިގަނޑުގައި އުފެދިފައިވާ އުދާސްކަން ކުޑަވިއެވެ.

ފަތިސް ނަމާދަށް ގޮވިއިރުވެސް އިޒިއަންއަށް އޮވެވުނީ ހޭލައެވެ. އެގޮތް މިގޮތަށް ފުރޮޅި ފުރޮޅި އޭނާ މުޅި ރޭ ހާދަކުރިއެވެ. ތެދުވެގެން ގޮސް ބެލްކަނީ ދޮރު ކުޑަކޮށް ހުޅުވާލިއެވެ. އޭރުވެސް ވާރޭ ވެހެމުން ދިޔައެވެ. އެހެންކަމުން ދޮރުތައް ލައްޕާފައި އައިސް އޭނާ އަނާލްއަށް ގޮވިއެވެ. ދެމަފިރިން އެކުގައި ނަމާދުކޮށްނިމިގެން ޤުރުއާން ވެސް ކިޔަވާލިއެވެ. ނަފްސަށް ތާޒާކަން ވެރިވެގެން ދިޔައެވެ. އިޒިއަން އަނާލް ގާތު ސޯފާގައި އިނުމަށްފަހު އެބަ އަންނަމޭ ކިޔާފައި ތިރިއަށް ގޮސް ދެން އައި އިރު އޭނާގެ އަތުގައި ދެތަށި ކޮފީ ހުއްޓެވެ. އެތެރެއަށް ވަނުމާއެކު ކޮފީގެ މީރުވަސް ކޮޓަރި ތެރޭގައި ހިފާލިއެވެ.

ތަފާތު އެކި އެކި ވާހަކައިގައި ތިބެ ކޮފީ ބޮއި ނިންމާލިއެވެ.

އޮފީހަށް ދާންވެގެން އިޒިއަން ތައްޔާރުވާން ހުރިއިރު އަނާލް ގޮނޑީގައި އިނދެ ގޮސް އިޒިއަންގެ ވޮލެޓް ސައިޑް ކަބަޑް މަތިން ނެގިއެވެ. ވޮލެޓް އޮތީ ކުޑަކޮށް ހުޅުވިފައި ކަމުން ނެގި ބާރު މިނުގައި ވޮލެޓްގެ އެތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓުނެވެ. އެއާއެކު މަހުމާ ފޮތިކޮޅަކުން ހަދާފައިވާ ކުޑަ ކުޑަ ދަބަހެއް ފާޑު އެއްޗެއްވެސް ވެއްޓުނެވެ. ބަލާލިއިރު ވެއްޓުނު އަނގޮޓި އޮތީ މާދުރުގައެވެ. އޭނަ ގޮނޑި ދުއްވާލާފައި ގޮސް އެ އަނގޮޓި ނަގަން ވެގެން ގުދުވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކުރަން އަނާލްއަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ.

އަނާލް އިޒިއަންއަށް ބަލާލިއިރު އިޒިއަން ހުރީ ބޮޑުވެފައިވާ ދެލޮލާއެކު އަނާލްއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"ކޮން އަނގޮޓިއެއް އިޒިއަން؟" އަނާލް އިޒިއަންއަށް ބަލާލަމުން އަހާލިއެވެ. އޭނާއަށް އެ އަނގޮޓި ފެނުމުން ދަންނަ އެއްޗަކާ ވައްތަރުވިއެވެ.

އެއްފަހަރު އަނާލްއަށް ބަލާލާ ދެވަނަ ފަހަރު އަނގޮޓިއަށް ނަޒަރު ހުއްޓާލި އިޒިއަންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.

"އިޒް. ނަގައިދީފާނަންތަ؟" އަނާލް އެދުނެވެ.

"އަނ. ކީކޭ؟"ސިހިފައި އިޒިއަންއަށް އަހާލެވުނެވެ. އަދި އޭނާ ތެޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވަމުން އައިސް އަނގޮޓި ނެގިއެވެ.

"ދައްކަބަލަ ބަލައިލަން" އަނާލް އެދުނެވެ. އަނާލްގެ އެދުމާ ދެކޮޅު ހެދޭހޭ ހިތްވަރު ނެތުމުން އިޒިއަން މަޑުމަޑުން އަނާލްއަށް އަނގޮޓި ދިއްކޮށްލިއެވެ. އަނާލް އަތަށް އިޒިއަން އަނގޮޓި ދިނުމާއެކު އަނާލްގެ މޫނުމައްޗަށް ތަފާތު ޝުއޫރުތަކެއް ވެރިވެގެން ހިނގައްޖެއެވެ. އޭނާގެ ހިތުގެ ހިނގުން ވެސް ބާރުވެގެން ދިޔައެވެ. އިޒިއަންއަށް ބަލާލަމުން އަނާލް ބުމަ އަރުވާލިއެވެ. އެމޫނުމަތިން ފެނުނީ މީގެ ކުރިން ފެނިފައިވާ އަސަރުތަކެއް ނޫނެވެ.

"ކޮންތާކުން އިޒިއަންއަށް މި ފެނުނީ؟" އަނާލް އަހާލިއިރު އެ އަޑުގައި ތުރުތުރު އެޅުމެއް ވިއެވެ.

"ތީ. އަހަރެ... އަހަރެން، މަގުމަތިން އެއްރޭ... ހޮވި އެއްޗެއް.. ވަރަށް ކުރިން" އިޒިއަން ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ.

"ޔަގީންތަ އިޒިއަން؟" އަނާލް އިޒިއަންއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އޭރު އެހިތްވެސް ދިޔައީ ނޭނގޭ ބާރު މިނުގައި ތެޅެމުންނެވެ.

"އާނ.. އަނެއްކާ ކިހިނެތްވީ ނާލް؟" އިޒިއަން އަނާލްއާއި އެއް ހަމައެއްގައި އިށީންނަމުން އަހާލިއެވެ.

"ނޫން! ކަމެއްނުވޭ، އެކަމަކު އިޒް، އިނގޭތަ. އަހަރެން އަތުން ގެއްލުނު ، މީ، މި އަހަރެންނަށް ހީވަނީ އަހަރެންގެ ހެން... ހަމަ މިކަހަލަ އެއްޗެއް، މާމަ ދިން... އިނގޭތަ؟ މާމަ ދިން ހަމަ މި ކަހަލަ އަނގޮޓިއެއް އަހަރެންގެ އަތުން އެއްފަހަރަކު ގެއްލުނޭ. ފަހުން ވަރަށް ދެރަވި" އަނާލްއަށް ޖަޒުބާތުގެ އޮއިވަރުގައި ޖެހެވި އިޒިއަންއަށް ބަލާލެވުނީ ކަރުނަވީ ދެލޮލާ އެކުގައެވެ. ޖުމްލަތައް އައީ ބުރިބުރިވެގެން ކަހަލަ ގޮތަކަށެވެ.

"މީ މާމަގެ އެންމެ ފަހުގެ ހަނދާން، މާމަގެ ފަރާތުން އަހަރެންނަށް ދިން ހަދިޔާއެއް. " އަނާލް އިޒިއަންއަށް ބަލާލަމުން ބުނެލިއެވެ.

"މިހާ ދުވަސް ވީއިރު ކީއްވެ އިޒިއަން އަތުގަ އޮތީ؟" އަނާލް ދެވަނަ ސުވާލު އަމާޒު ކޮށްލުމާއެކު މި ފަހަރު ހިސާބެއްގެ ހާސްކަމެއް އިޒިއަންގެ މޫނުމަތިން ފެނިލިއެވެ. އެހެންނަމަވެސް އަނާލްއަށް އެކަން ފާހަގަވުމުގެ ކުރިން އޭނާ ނިކަން އަވަސްއަވަހަށް އެ އަސަރުތައް މޫނުމަތިން ވަންހަނާ ކޮށްލަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

"ނޭނގެ، ހަމަ ހިތަށް އެރީ ތި އަނގޮޓި ލިބުނީމަ އަތުގަ ބާއްވަން، ވިއްކާލާކަށް ވެސް ހިތަކަށް ނާރާ.. ދަނިކޮށް އަހަރެންގެ ފަޔަށް އެރުނީ ނަގާ ބަލާލިއިރު އަނގޮޓިއެއް، ކިހާ ބޮޑު އިއްތިފާޤެއް، އެންމެފަހުން އަނގޮޓި ވެސް މިވީ ނާލްގެ އަނގޮޓިއަކަށް. ހަމަ ތަޤުދީރު" އިޒިއަންގެ މޫނުމަތިން މިހާރު ފެންނަނީ ހިނިތުންވުމެއްގެ އަސަރެވެ. ކުރިން އޭނާގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން ފަރުދާކޮށްލާފައިވަނީ ނުލާހިކު މޮޅަށެވެ.

"އަނގޮޓިއަޅުވާލަ ދޭންވީ ދޯ" އިޒިއަން އެދުނެވެ.

"ނޫނޭ، ހިޔެއްނުވޭ ހެޔޮވަރު ވާނެހެނެއް. ހަމަ ގައިމުވެސް އޭރު ވެސް ކުޑަކޮށް ދޫވާނެ، މަންމަ ނާޅާށޭ ބުނެބުނެ އޮއްވައޭ އެޅީވެސް... އެޅިމަ ގެއްލުނީ، އަދިވެސް ކުޑަކޮށް ދޫ ދޯ" އިޒިއަން އެ އަނގޮޓި އަނާލް އަތަށް ލައްވާލަ ދިނުމާއެކު އަނާލް ބުނެލިއެވެ.

"މިހާރު ނާލް މާ ހިކީއޭ، ހީވޭ ކުރީގެ ފޮޓޯތަކުން ފެންނަ ވަރަށް ވުރެވެސް ހިކިހެން. އެހެންވީމަ ކާން ވާނެ އަނގޮޓި ހެޔޮވަރު ވަންދެން. އޭރަށް ވަންދެން އައި ވިލް ކީޕް އިޓް ވިތް މީ؟" އިޒިއަން އަނާލްގެ ކޯތާފަތުގައި އަތް ހިންގާލިއެވެ.

"ހެހެ" އަނާލް ވެސް ހީލަމުން އިޒިއަންގެ އެ ސަކަރާތުގައި ބައިވެރިވެލިއެވެ.

އިޒިއަން އާއި އަނާލް އާއި ދެމީހުން އޮފީހަށް ދިޔައީ ވެސް އެކުއެކީގައެވެ. އޮފީހުގައި މިއަދަކީ ވެސް ބުރަދުވަހެކެވެ. މިހަފްތާ ވިއްސާރަ ވާނޭކަމަށް އޮތީ ބުނެފައެވެ. އެހެންކަމުން މިއަދުވެސް އުޑުމަތި ފެންނަނީ ބަނަކޮށެވެ. އޮފީސް ނިންމާފައި ދިޔަ މަގުމަތީގައި އަނާލްގެ ލޮލުގައި ޔުމާން އަޅައިގަތެވެ. އޭނާއަށް ޔުމާން އާއި ދިމާލަށް ބަލަން އިނދެވުނީއެވެ. ޔުމާން ހުރީ ކޮންމެވެސް މީހެއްގާތު ވާހަކައެއް ދައްކާށެވެ. އޭނާގެ ގާތުގައި ޒަހްވާ ވެސް ހުއްޓެވެ. ޒަހްވާ ފެނުމާއެކު އަނާލްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނިލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ވާރޭ ނުވެހުނަސް ފަޒާގައި ހިފާލާފައި ވަނީ އާދަޔާ ހިލާފް ތެތްކަމެކެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުގެ ސަބަބުން ގައިން ހީބިހި ހަލުވައިލައެވެ. ބެލްކަނީގެ ރެއިލިން ކައިރީގައި އިން އަނާލް އިނީ އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އުޑުމަތީގައި ވިލާ ގިނަކަމުންނާއި ބެލްކަނީގެ އަލި ގަދަކަމުން އެންމެ ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ބެލްކަނީގެ ބޮކި މިއަދު ބަދަލް ކޮށްފައި ހުރުމުން އެތަނުގައި ވަނީ ގަދަ ހުދު އައްޔެކެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަނާލް ފަހަތް ބަލާލިއެވެ. އޭރު އިޒިއަން ހުރީ ޑްރެސިން ޓޭބަލް ކައިރީގައި ރީތި ވާށެވެ. އަނާލް އެތަނުގައި އިންދާ އިޒިއަން ނުކުތެވެ. އަދި އަނާލްއަށް ބަލާލާ ހިނިތުންވެލިއެވެ.

"ސޮރީ ޑާރލިންގެ ދާން ޖެހުނީމަ، އެކަމަކު މިރޭ ތަންކޮޅެއް އަވަހަށް އަންނާނަން އިނގޭ..." އިޒިއަން ރީތިވެގެން ބެލްކަންޏަށް ނުކުމެ ބުނެލިއެވެ. އަނާލް ބޯ ޖަހާލިއެވެ. އޭރު ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ.

"މިރޭވެސް ވިއްސާރަވަނީތަ އަނެއްކާ؟ އަނާލް ދޫކޮށްލާފަ ކިހިނެތްދާނީ؟... މަންމަ ގާތު ބުނަންވީ ކަންނޭގެ މިރޭވެސް އަނާލް ގާތު މަޑުކޮށްލަދޭން" އިޒިއަންގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ.

"ތެމިދާނެ ނާލް ހިނގާ އެތެރެއަށް" އިޒިއަން އަނާލްއަށް ބަލާލުމަށްފަހު އުޑުމައްޗަށް ބަލާލިއެވެ. އަނާލް ވެސް އިޒިއަންގެ ބަހަށް ދެކޮޅު ހެދުމެއްނެތި އެތެރެއަށް ވަންނަން ގޮނޑި ދުއްވާލިއެވެ. އަނާލް ވަނުމުން ވެސް ބެލްކަނީ ދޮރު ތަޅުލަން އިޒިއަންއަކަށް ހަނދާނެއްނުވިއެވެ. އަނާލް ގާތު ކަމެއްބޭނުންވޭތޯ އިޒިއަން ސުވާލުކުރިއެވެ.

އިޒިއަން އަނާލް އެނދުގައި ބޭއްވުމަށްފަހު އަނާލް އެދުނު ގޮތަށް ރަޖާ އަޅާލަދިނެވެ. އަދި ފޮތް ހަރުގަނޑުން އަނާލް ކިޔާލަން ވާހަކަ ފޮތެއް ގެނެސް ދިނެވެ.

"މަންމަ ގާތު ބުނާނަން އިނގޭ ނާލް ގާތަށް އަންނަން، މިރޭ ހިޔެއްނުވޭ އެހާ ލަސްވާނެހެނެއް" އިޒިއަން އަނާލްއަށް ބަލާލާ ވާހަކަ ދެއްކިއެވެ. އޭނާ ސިޑިން ފޭބިއިރު އޮލީވިއާ މައްޗަށް އަރަނީއެވެ. އޭނާ އޮލީވިއާ ގާތު އަނާލް އޮތީ އެކަނި ކަމަށް ބުނެލިއެވެ. އަދި އަނާލްއަށް ކަމެއްވޭތޯ އިރުއިރު ކޮޅަކާ ބާލާލަ ދިނުމަށް އެދުނެވެ. އޮލީވިއާ ވެސް ބޯ ޖަހާލިއެވެ. އަދި އޭނާ އަތުގައި ހުރި މޮއްޕުލާ އެއްޗެހި ހިފައިގެން މައްޗަށް މިސްރާބުޖެހިއެވެ. އިޒިއަން ޑްރައިވަރަށް ގޮވުމުގެ ބަދަލުގައި ގޮސް ކާރަށް އަރާ ދުއްވާލިއެވެ.

މަންމަ ގާތުބުނަން ހަނދާން ނުވީ އެގަޑީގައި މީހަކު ގުޅައިގެން ފޯނެއްގައި ހުރުމުންނެވެ. ކަންފަތަށް ހެޑްސެޓް ޖަހައިގެން އޭނާ ދިޔައީ އެ މީހަކާ ވާހަކަ ދައްކަމުން ކާރު ދުއްވަމުންނެވެ. އޭނާ ދާންވީ މަންޒިލާ ނުހަނު ގާތަށް ދެވުނު ތަނާ ބޯކޮށް ވާރޭ އޮއްސައިލައިފިއެވެ. ގުގުރާ ވިދަން ފަށައިފިއެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯވެ ތޫފާނެއް އުފައްދައިފިއެވެ. އިޒިއަން ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ފޯން ކޯލް ކުރުކޮށްލަމުން އަވަސް އަވަހަށް މަންމައަށް ގުޅާލިއެވެ. މަންމަގެ ފަރާތުން ލިބުނު ޖަވާބުން އިޒިއަންގެ ދެލޯ ބޮޑުވިއެވެ. މަންމަ އާއި ބައްޕަ ތިބީ އެކުވެރިއެއްގެ ގޭގައެވެ. އޭނާއަށް ގޮށްމުށުން ހުންގާނުގައި ޖަހާލެވުނެވެ.

******

ގުގުރާ ވިދަން ފެށުމުން އަނާލްގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާ އިޒިއަންއަށް ގުޅަން ވެގެން ބަލާލިއިރު ފޯން އޮތީ މާދުރުގައެވެ. އެނދުން ތެދުވެގެން ދެވޭނެ ގޮތެއް ނެތެވެ. އޮލީވިއާ ވެސް ދެންމެ އައުމުން އޭނާ ފޮނުވާލީ ކަމެއް ނެތޭ ބުނަމުންނެވެ. ތަންކޮޅެއް ބާރަށް އޮލީވިއާއަށް ގޮވާލި ނަމަވެސް އެ އަޑު އޮލީވިއާ އަކަށް ނީވުނެވެ. ކުއްލިއަކަށް ޖަހާލި ބާރު ގުގުރިއާއެކު މުޅި ގެއިން ކަރަންޓު ދިޔައެވެ. އަނާލްއަށް ހަޅޭއްލަވައި ގަނެވުނެވެ. ހުޅުވާފައި ހުރި ބެލްކަނީގެ ދޮރާ ދިމާލަށް އަނާލްގެ ނަޒަރު އިރުއިރު ކޮޅަކާ ހުއްޓެމުން ދިޔައެވެ. ކޮންމެ ފަހަރަކު ގުގުރުމާއެކު ވިދުކަނި ޖަހާލާއިރު މުޅި ކޮޓަރި ތެރެ އަލިވެގެން ދަނީރޭގަނޑު ދުވާލަށް ހަދާލާ ފަދައަކުންނެވެ. ދެލޯ ބޮޑުކޮށްގެން އިން އަނާލްއަށް އިރުއިރު ކޮޅަކާ ބެލްކަނީ ދޮރާ ދިމާލަށް ކަޅި އެއްލެއެވެ. އިސާހިތަކު މުޅި މީހާ ފިނިވެ އޭނާގެ ނޭވާ ހާސްވާން ފަށައިފިއެވެ. ތެދުންފަތް އައްސިވެއްޖެއެވެ. އެހެންކަމުން ހަޅޭއްލަވައިގަންނަން އަނާލް ނުކުޅެދުނެވެ. އޭނާއަށް ހީވަނީ މީހަކު އެ އަގައިގައި ހިފައްޓާފައި ހުންނަ ހެންނެވެ. އަތްފައި ހައްޔަރުކޮށްފައި ހުންނަހެން ހީވުމާއެކު އަނާލް އަށްބިރުން ރޮވެން ފެށުނެވެ. އަތަށާއި ފަޔަށް އާދަޔާ ހިލާފް ތަދެއް އިޙްސާސް ކުރެވެމުން ދިޔަ ފަދައެވެ.

ވަމުން ދިޔަ އުނދަގުލާއެކު އޭނާގެ ހިޔާލަށް މީގެ ފަސް އަހަރު ކުރީގެ ހަދާންތައް އަންނަން ފެށީ ހިތަށް ބިރުވެރިކަން ގެނެސްދެމުންނެވެ.

*****ފަސް އަހަރު ކުރި*****

ކޮލެޖް ނިންމާލާފައި އަނާލް ގޭޓާ ދިމާލަށް ނުކުތްއިރު ވާރޭ ބޯކޮށް ވެހެމުން ދިޔައެވެ. އޭނާ ދަބަސްތެރެ ހާވާލަމުން ކުޑައެއް ނަގާ ހުޅުވާލިއެވެ. އަދި އޭގެން ފޮތްދަބަހާ އޭނާ އާއި ނިވާކުރަން މަސައްކަތް ކުރިއެވެ. ވާރޭ ވެހެމުން ދިޔަ ލެއް ބޯ ކަމުން ކަރަންޓް ޝޯޓެޖެއް ވުމުން މުޅި އެ ހިސާބުގަނޑުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އޭނާ ފޯން ނަގާ އައްމާރުއަށް ގުޅާލިއެވެ.

"ދަރިފުޅާ ބައްޕަ މިއިނީ ބަޔަކާއެކު ބައްދަލު ވުމެއްގައި " އައްމާރުއަށް އެވަގުތު ވާހަކަ ދެކެވެން ނެތުމުން އޭނާ އަވަސް އަވަހަށް ފޯނުން ބުނަން ބޭނުންވާ އެތި ބުނެފައި ފޯން ބޭއްވިއެވެ.

އަނާލް ދެކޮނޑު އަރުވާލަމުން އަނެއްފަހަރު އޭނާ ފޯނުން ޝާހީންއަށް ގުޅާލިއެވެ.

"ކުޑަބެ! ބައްޕައަށް ދެންމެ ގުޅައިލިން ބިޒީ ކަމަށް ބުނި، އަދިވެސް ބަލާ ނައިސްގެން...." އަނާލް ވާހަކަ ދެއްކިއެވެ.

"އާނ! ބައްޕަ ބުންޏޭ ކުޑޭ ގާތު، މި އުޅެނީ މި ފެންގަނޑު ބޮޑުކަމުން ނުދެވިގެން.. އުޅެނިކޮށް ދެންމެ އެޅުނު މަގެއްގައި އެކްސިޑެންޓެއް ހިނގައިގެން މިހާރު ޓްރެފިކްގަ ޖެހިފަ.... " ޝާހީން ވާހަކަ ދެއްކިއެވެ.

"އާނ! ދިހައެއްޖަހާ ބޮޑު ވެއްޖެ ވިއްޔާ، މިއަދު ހުރި ޕްރޮފެސަރާ ހެދި ވާހާކަންތައް" އަނާލް ފޫހިކަމާއެކު ބުނެލިއެވެ.

"އޯކޭ ނާލް... ބޭރަށް ނުނިކުންނައްޗޭ! މިހާރު މިދަނީ" ޝާހީން ފޯން ބާއްވަމުން ބުނެލިއެވެ.

އަނާލް އެތާ ގޭޓް ކައިރީގައި ހުންނަތާ މިހާރު ވިއްސަކަށް މިނިޓް ވަނީއެވެ. އޭނާއާ އެކު ނުކުތް ހުރިހާ ކުދިން ކަހަލަ ގޮތަކަށް ގޮސް އަވަދިވެއްޖެއެވެ. މަގުގެ ދެކޮޅުން ވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ތޫފާން ވެސް ގަދަވަމުން ދަނީއެވެ. އަނާލް ފުންނޭވާއެއް ދޫކޮށްލާ ދެކޮނޑު ކުޑަކޮށް އުފުއްލާލީ ހިސާބަކަށް ފިނިކަން އިޙްސާސް ކުރެވުމުންނެވެ. ދޮރު ވާނަކަށް ހުރި މީހާ އައިސް އެތެރޭގައި މަޑުކޮށްލަން ބުނުމުން އަނާލް ހީލަމުން ބަލާ އަންނަނީ ކަމަށް ބުނެލިއެވެ. އެއާއެކު ގޭޓް ތަޅުލަމުން އެ މީހާ ވެސް ގޮސް އެމީހާގެ ޖަގަހައަށް ވަދެއްޖެއެވެ. އަނާލް މަގުގެ ދެކޮޅު ބަލަން މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުރި އިރު ދެފަހަރަކު މަޒާޔާވެސް ގުޅައިފިއެވެ. އަނާލް އޭނާ ޝާހީން އައުމާއެކު މިދަނީއޭ ކޮންމެ ފަހަރަކުވެސް ބުނެލަނީއެވެ. މަޒާޔާ ވެސް އަނާލްގެ ހާލު ފަސްމިނެޓުން މިނެޓުން އެބަ ބަލައެވެ.

އޭރުވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ޝާހީން އައުން ލަސްވުމުން ކުޑައިގައި ބާރަށް ހިފައްޓާލަމުން އަނާލް ކުޑަކޮށް މަގާ ވީ ދިމާލަށް ޖެހިލިއެވެ. އަދި ރީތިކޮށް މަގުގެ ދެކޮޅު ބަލާލިއެވެ. ވާރޭ ބޯ ކަމުން ޓެކްސީއެއް ވެސް ފެންނާކަށް ނެތެވެ. ކޮލެޖް ކުރިމައްޗަށްވާ ގޮތައް ހައްދާފައިވާ ގަސްތަކުގެ ބޫން އަޑުން ފަޒާ ފަޅުފިލުވަމުން ދިޔައިރު ދެންމެ ދެންމެ ގަސްތައް އުފުރިގެން ގޮސް ދާނެހެން ހީވިއެވެ. ކުޑަވެސް ހީވަނީ އަތުން ވިއްސައިގެން ހިނގައިދާނެހެންނެވެ. މެންދުރުއްސުރެ ވާރޭ ވެހުނަސް ވިއްސާރަ ގަދަވެ ތޫފާނަކަށް ބަދަލުވާން ފެށީ އިރުއޮއްސުނު ފަހުން ވިއްޔާއެވެ. ފަހަތުން އައި ކާރުގެ ބަރުގޮނުގެ އަޑާއެކު އޭނާ ފަހަތަށް އެނބުރިލީ ސިހިފައެވެ. އަނާލްގެ ލޮލުގައި ބާރު ސްޕީޑްގައި އައި ކާރު އަޅައިގަތީ އެވަގުތުއެވެ.

(ނުނިމޭ...)

http://sun.mv/115236

comment ކޮމެންޓް