މިލާނޯ-ބިކޯކާ އާއި މޯލްޑިވްސް ޕޮލިސް ސާވީސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރަނީ--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވާސިޓީ އާއި މޯލްޑިވްސް ޕޮލިސް ސާވީސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މާގިރި ހޮޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އަދި ބިކޯކާ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ރެކްޓަރ މާރިޔް ކްރިސްޓީނާ މެސާއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ސޯޝަލް ސައިންސްގެ ދާއިރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

"މޫސުމާ ބެހޭ ގޮތުން އެ ޔުނިވާސިޓީ އިން ކުރާ ދިރާސާތަކުގައި ފުލުހުންނާ ގުޅުން ހުރި ކަންތައްތަކުގައި އިތުރު އެހީތަކެއް ހޯދިގެންދާނެ. ފުލުހުންގެ މަސައްކަތުގައި ވެސް ރިސާޗް ގިނަ،"

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އޭނާ ވިދާޅުވީ އާކުރެވުނު އެއްބަސްވުމުގެ ސަބަބުން ފުލުހުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. ހަމީދު ވިދާޅުވީ ސޯޝަލް ސައިންސްގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެ ދާއިރާއިން ރިސާޗް ކެޕޭސިޓީ ފުޅާކުރައްވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިޓަލީ އާ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަވެފައިވާ ކަމަށާއި ބިކޯކާ އިން މަގޫދޫގައި ގާއިމްކޮށްފައިވާ ކެމްޕަސްގެ ސަބަބުން އެ ރަށު ރައްޔިތުންގެ ފައިދާ ލިބެމުންދާ ކަމަށެވެ.

"އިޓަލީއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވޭ. އަދި އެ ދާއިރާގައި އިޓަލީ މީހުން މަސައްކަތްވެސް ކުރޭ،"

ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަގޫދޫގައި ހުންނަ އިޓަލީގެ ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓްގެ އެއްބަސްވުން 10 އަހަރަށް އިއްޔެ ވަނީ އާކޮށްފައެވެ.

އެ ޔުނިވާސިޓީ އައުޓް ޕޯސްޓަކީ އެކިއެކި މެރިން ރިސާޗްތައް ކުރުމުގެ ގޮތުން ހިންގާ ތަނެކެވެ.

ބިކޯކާގެ އައުޓް ޕޯސްޓް އެންމެ ފުރަތަމަ ހުޅުވީ 2011 ވަނަ އަހަރުއެވެ.

comment ކޮމެންޓް