ޖަޕާނުގެ ބަގީޗާއަކުން 118,000 ޑޮލަރުގެ ބޮންސައި ވަގަށް ނަގައިފި

ސައިޓަމާގެ ބަގީޗާއަކުން ވަގަށް ނެގި ގަސްތަކުގެ ތެރޭގައި 400 އަހަރުވީ ޝިމްޕާކޫ ޖުނިޕާއެއް ހިމެނޭ -- ފޮޓޯ: ފުޔޫމީ ލިމުރާ

ޓޯކިޔޯ (ފެބްރުއަރީ 11): ޖަޕާނުގެ ސައިޓަމާގެ ބަގީޗާއަކުން އެތައް ސަތޭކަ އަހަރުވީ، 118،000 ޑޮލަރުގެ ބޮންސައި ވަގަށް ނަގައިފި އެވެ.

ބޮންސައި އިންދުމަކީ ޖަޕާނުގައި ބޮޑެތި ގަސްތައް، ކުދި ވަށިގަނޑުގައި އިންދައިގެން، އެގަސްތައް ކުރުކޮށް ހެއްދުމަށް ކުރާ ސަގާފީ މަސައްކަތެއްކެވެ.

މިދިޔަ މަހުގެ ތެރޭގައި ސައިޓަމާގައި ވަގަށް ނަގާފައި ވަނީ 'ބޮންސައި މާސްޓާ'އެއް ކަމަށްވާ ސެއިޖީ ލިމުރާ އާއި އޭނާގެ އަންހެނުން ފުޔޫމީއަށް ނިސްބަތްވާ 5،000 ހެކްޓަރުގެ ބަގީޗާއަކުންނެވެ. ލިމުރާ ބުނި ގޮތުގައި އެމީހުންނަށް ލަފާ ކުރެވޭ ގޮތުގައި އެވައްކަން ކޮށްފައި ވަނީ ބޮންސައިއާ ބެހޭ މައުލޫމާތު ދަންނަ ބަޔެކެވެ. އެގޮތުން އެމީހުން ވަގަށް ނެގި ގަސްތަކުގެ ތެރޭގައި ބަގީޗާގެ އެންމެ އެންމެ އަގުބޮޑު ގަސްތައް ހިމެނެ އެވެ.

އޭގެ ތެރޭގައި 400 އަހަރުވީ، ޝިމްޕާކޫ ޖުނިޕާ ގަހެއް ހިމެނެ އެވެ. އެއީ ދިގު މިނުގައި އެއް މީޓަރު ހުރި އަދި ފުޅާ މިނުގައި ގާތްގަނޑަކަށް 70 ސެންޓިމީޓަރު ހުރި ގަހެކެވެ. ލިމުރާ ބުނި ގޮތުގައި އެގަހުގެ އަގު އެކަނިވެސް 10 މިލިއަން ޔެން (90،000 ޑޮލަރަށް) އަރާނެ އެވެ.

"އެގަސްތައް ބެލީ އަޅުގަނޑުމެންގެ ދަރިން ގޮތަށް. އަޅުގަނޑަށް ކުރެވޭ އިހުސާސުތައް ބަޔާން ކުރަން ދަތި. ހީވަނީ ހަށިގަނޑު ގުނަވަނެއް ބުރިކޮށްލާފައިވާހެން،" ފުޔޫމީ ލިމުރާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ވަގަށް ނަގާފައިވާ ބޮންސައި ކަޅު ބާޒާރުގައި ބޮޑު އަގަކަށް ވިކެ އެވެ. އަދި ބައެއް ފަހަރު އެފަދަ ގަސްތައް ސޯޝަލް މީޑިއާއިން ފެނުނު ނަމަވެސް، ވަގަށް ނަގާފައިވާ ގަސްތައް އަލުން ހޯދުމަކީ އުނދަގޫ ކަމެކެވެ.

އެހެންކަމުން ލިމުރާ ވަނީ އެދެމަފިރިންގެ ގަސްތައް ވަގަށް ނެގި ފަރާތްތަކުން އެގަސްތައް އަނބުރާ ނުދިން ނަމަވެސް، އެގަސްތައް ރަނގަޅަށް ބެލެހެއްޓުމަށް އެދިފަ އެވެ.

"ބޮންސައި ނެގި ބަޔަކު އެގަސްތަކަށް ރަނގަޅަށް ފެންދިނުމަށް އެދެން. އެޝިމްޕާކޫއަށް މިހާރު 400 އަހަރުވެއްޖެ. އެއަށް އަޅާލުން ބޭނުންވާނެ. އަހަރެމެން މަރުވިޔަސް، އެޔަށް ރަނގަޅަށް އަޅާލާ ނަމަ އެގަސް މަރެއް ނުވާނެ،" ލިމުރާ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް