ބަޖެޓް ސަޕޯޓަށް އިންޑިއާ އިން 50 މިލިއަން ޑޮލަރު ދީފި

ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވަނީ ---

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދީފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ސަން އަށް ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި މިދިޔަ މަހު ދީފައިވާ ކަމަށެވެ. އަދި އިންޑިއާއިން ޖުމްލަ 200 މިލިއަން ޑޮލަރު ރާއްޖެއަށް ބަޖެޓް ސަޕޯޓަށް ދޭން ނިންމާފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށާއި އަނެއް 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބޮންޑްގެ ގޮތުގައި ދޭ ފައިސާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އިންޑިއާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާ އިން ރާއްޖެއަށްދޭ އެހީ އިތުރުކުރާނެ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

އިންޑިއާ އިން މި އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި 55.9 މިލިއަން ޑޮލަރު އަދި ލޯނުގެ ގޮތުގައި 24.4 މިލިއަން ޑޮލަރު ދޭން ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި ސާކްގެ ގައުމުތައް އަދި ބޭ އޮފް ބެންގަލް އިނިޝިއޭޓިވް ފޯ މަލްޓި ސެކްޓޮރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަނަށް އިންޑިއާ އިން ހަރަދު ކުރާނެ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. ސާކުގެ ކަންތަކަށް ވެސް އިންޑިއާ އިން ވަނީ ބޮޑު އަދަދެއް ބަޖެޓުކޮށްފަ އެވެ.

އިންޑިއާ އިން ވަނީ ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައެވެ. އޭގެތެރެއިން 800 މިލިއަން ޑޮލަރަކީ ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ އެހީއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ މަޝްވަރާތަކަށް ފަހު އިންޑިއާ އިން ރާއްޖެ އަށް ދޭން ނިންމި އެހީއެކެވެ.

comment ކޮމެންޓް