ޕްރައިމެރީގައި ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ މާއްދާ ބާތިލުކޮށްދޭން އެދިއްޖެ

ރައީސް ސޯލިހުގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޕްރައިމެރީގައި ވާދަކޮށް ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ މާއްދާ ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީ ޕްރައިމެރީގައި ކާށިދޫ ދާއިރާއަށް ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ރައީސް ސޯލިހުގެ ހާއްސަ މަންދޫބުގެ މަގާމުގައި ވެސް ހުންނެވި ޖާބިރު ކުރެއްވި ޓްވީޓެއްގައި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ކަމަށް ވަނީ ވިދާޅުވެފައިވެ އެވެ.

ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޝަރުތުތައް ކަޅާ ހުދުން ގާނޫނު އަސާސީގައި ލިޔެފައިވާ ކަމަށެވެ. އަދި އޭގެ ބޭރުން ޝަރުތު ކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިފައި ނުވާ ކަމަށާއި އެހެންވެ އެމާއްދާ ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕްރައިމެރީގައި ވާދަކުރުމުން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. ފަހުން އެ އިސްލާހު ބާތިލު ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުﷲ ހުށަހެޅުއްވި އެވެ. ނަމަވެސް އެމައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.

comment ކޮމެންޓް