ކިއުގައި ނުޖެހި ފުލެޓަށް އެދެވޭނެ އޮންލައިން ނިޒާމެއް ގާއިމުކޮށްފި

ފުލެޓަށް އެދޭ އޮންލައިން ޕޯޓަލް "މަގޭހިޔާ" އިފްތިތާހު ކުރުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކިއުގައި ނުޖެހި ފުލެޓަށް އެދެވެނެ އޮންލައިން ޕޯޓަލް އެއް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރީން ގައިމުކޮށްފި އެވެ.

ފުލެޓަށް އެދޭ އިރު ދިގު ކިއުއެއްގައި ނުޖެހި ފުލެޓްތަކަށް އޮންލައިންކޮށް އެދޭނެ ނިޒާމެއް ގައީމު ކުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި އެއީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑީގެ ތެރޭގައި ކުރަން ކަނޑައެޅި ކަމެކެވެ.

"މަގޭ ހިޔާވެހީ" ގެނަމުގައި ފުލެޓަށް އެދޭނެ އޮންލައިން ޕޯޓަލް އިފްތިހާހު ކޮށްދެއްވީ މިއަދު ސްޓެލްކޯ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރު އައިޝަތު އާތިފާ ޝަކޫރެވެ.

ފުލެޓަށް އެދޭ އޮންލައިން ޕޯޓަލް "މަގޭހިޔާ" މިނިސްޓަރު އާތިފާ އިފްތިތާހު ކޮށްދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޕޯޓަލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން އަންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ، ދިގު ކިއުތަކުގައި ބޯހިޔާވަހިކަން ހޯދުމަށް މަޑުކުރަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ގިނަ ވަގުތުތަކެއް އެކަމަށް ހޭދަ ކުރާ ކަމަށާއި އެގޮތުން މި އިފްތިތާހު ކުރެވުނު އޮންލައިން ޕޯޓަލްއާ އެކު އެކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

"ފުލެޓަށް އެދުމަށް ކިއުގައި އަތްވާއި ވާރޭގައި ވަރަށް ހިތްދަތި ގޮތަކަށް ރައްޔިތުން ތިއްބަވަން ޖެހިވަޑައިގެންފައިވޭ. އިފްތިތާހު ކުރެވިގެން މި ދިޔައީ [އެކަމަށް] ހަލެއް ގެނުވާނެ ނިޒާމް،" ސްޓޭޓް މިނިސްޓަރު ނާޝިދު ވިދާޅުވި އެވެ.

ފުލެޓަށް އެދޭ އޮންލައިން ޕޯޓަލް "މަގޭހިޔާ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އަހްމަދު ނާޝިދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މި ޕޯޓަލް އިން މިހާރު ކޮންމެ މީހަކަށް ވެސް ކޮންމެ ވަގުތަކު ފުލެޓަށް އެދެވޭނެ ކަމަށެވެ.

އިންފޮމަޝެން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން (އެންސީއައި) އިން ފަރުމާކުރި މި ޕޯޓަލް (https://www.vehi.egov.mv) އިން މިހާރު މީހުންނަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ނާޝީދު ވިދާޅުވި އެވެ.

ފުލެޓަށް އެދޭ އޮންލައިން ޕޯޓަލް "މަގޭހިޔާ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލެޓަށް އެދެވޭނީ ސަރުކާރުގެ ފުލެޓް ސުކީމްތައް ތައާރަފް ކުރުމުން ކަމަށާއި ސުކީމްތައް ތައާރަފް ކުރުމުން އެ ސުކީމަކުން އެމީހަކަށް ލިބޭ ޕޮއިންޓްތައް މި ޕޯޓަލް އިން ފެންނާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ފުލެޓަށް އެދޭ އިރު މީހުން ދިގު ކިއުގައި މަޑުކުރަން ޖެހުމުން ރައްޔިތުންގެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް