އާރުސީސީގެ ދަރަނި މައުމޫންގެ ބޭފުޅުން ދައްކައިފި

ރައީސް މައުމޫންގެ ހަތަރު ބޭފުޅުން -- ސަން ފައިލް ފޮޓޯ

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރުސީސީ) އަށް ދައްކަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ބޭފުޅުން މިއަދު ފައިސާ ދައްކައި ހަލާސްކޮށްފި އެވެ.

އެ އާއިލާގެ ގާތް ބޭފުޅަކު މިއަދު ސަން އަށް ވިދާޅުވީ އާރުސީސީ އަށް ދައްކަން ޖެހޭ 2.1 މިލިއަން ރުފިޔާ ކޯޓަށް ދައްކައި މިއަދު ހަލާސްކޮށްފައިވާ ކަމަށާއި އެ ބޭފުޅުންގެ އިތުރު ދަރަންޏެއް މިހާރު ނޯންނާނެ ކަމަށެވެ.

މައުމޫންގެ ހަތަރު ބޭފުޅުން ކަމުގައިވާ ދުންޔާ، ޔުމްނާ، ފާރިސް، އަދި ޣައްސާންގެ މައްޗަށް 2.1 މިލިއަން ރުފިޔާ ދައްކަން 2017 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމް ކުރީ، އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ގޯއްޗެއްގައި އާރުސީސީ މެދުވެރިކޮށް ހެދި އިމާރާތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ ހަތަރު ބޭފުޅުންގެ ފަރާތުން މައްސަލަ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅުއްވީ ޣައްސާން މައުމޫނެވެ. ނަމަވެސް އެ މައްސަލަ ވަނީ މިދިޔަ ހަފުތާގައި ކޯޓުން ބޭރުކޮށްލައިފަ އެވެ. މައްސަލަ ކޯޓުން ބޭރުކޮށްލީ އެ ބޭފުޅުންގެ ވަކީލުން ޝަރީއަތް އޮތް ދުވަހު ކޯޓަށް ހާޒިރު ނުވުމުންނެވެ.

ސަން އަށް މައުލޫމާތު ދެއްވި އެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ފަރާތުން ވިދާޅުވީ އެ ބޭފުޅުން ކޯޓަށް ފައިސާ ދެއްކީ، އެ ފައިސާ އަކީ އެ ބޭފުޅުން ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލު ކުރާތީ ނޫން ކަމަށާއި ނަމަވެސް މި ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެބޭފުޅުންގެ ވިސްނުން ހުރީ ފައިސާ ދެއްކިއަސް އެ މައްސަލަ ފަހުން އިސްތިއުނާފު ކުރެއްވުމަށް ކަމަށެވެ.

އެ އާއިލާއާ ގާތް ބޭފުޅަކު އިއްޔެ ސަން އަށް ވިދާޅުވީ މުޅި މައްސަލަ ހިނގައި ދިޔަ ގޮތަށް ބަލާ އިރު ވެސް ސުވާލު އުފެދޭ ވަރަށް ގިނަ މައްސަލަތައް ދިމާވި ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ ބޭފުޅުންނަކީ ޑިސިޕްލިން ބޭބޭފުޅުންނަށް ވާތީ އެ ބޭފުޅުން މަސައްކަތް ކުރައްވާނީ އެ އޮންނަ އިޖުރާތުގެ ތެރެއިން ކަމަށެވެ.

އާރުސީސީގެ އޮފިޝަލު އިއްޔެ ސަން އަށް ވިދާޅުވީ މައްސަލަ ހުށަހެޅި ފަރާތުން ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަ އެ އޮތީ އެބޭފުޅުންގެ ކޮޅަށް ނިމިފައި ކަމަށް ގަބޫލު ކުރާ ކަމަށެވެ.

comment ކޮމެންޓް