އެހެން ޕާޓީއެއްގެ ކުލަ ބޭނުންކުރާ ނަމަ ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާނަން: ޝަރީފު

ހެންވޭރު އުުތުރަށް ޖޭޕީ ޓިކެޓްގައި ވާދަކުރައްވާ އަލްހާން ފަހުމީ ބޭނުންކުރެއްވި ޕޯސްޓަރެއް--

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓަކު، ހުއްދަ ނެތި އެހެން ޕާޓީއެއްގެ ކުލަ ބޭނުންކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް އެންގުމުން ވެސް އިސްލާހު ނުވާ ނަަމަ އެކަން ފުލުހުން މެދުވެރިކޮށް ހުއްޓުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މީގެ ކުރިން ވިދާޅުވީ ކެންޑިޑޭޓުން ހުއްދަ ނެތި އެހެން ޕާޓީއެއްގެ ކުލަ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ވެސް ކުށެއް ކަމަށެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ހެންވޭރު އުތުރަށް ޖޭޕީ ޓިކެޓްގައި ވާދަކުރައްވާ އަލްހާން ފަހުމީ ދަނީ ކެމްޕޭންގައި އެކި ކުލަ ކުލަ ބޭނުންކުރަމުންނެވެ. އެގޮތުން ރީނދޫ ކުލައިގެ ޖަޒީރާ ރާއްޖެ ޖަހައިފައިވާ ޕޯސްޓަރެއް ވެސް އަލްހާން ދަނީ ބޭނުންކުރައްވަމުންނެވެ.

އަލްހާން ވިދާޅުވީ އެކި ޕާޓީތަކުގެ ކުލަތައް ބޭނުންކުރުމަކީ މައްސަލައެއް ކަމުގައި އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ މަޖިލީހުގައި ތަމްސީލުކުރައްވަނީ ހުރިހާ ޕާޓީއެއްގެ ރައްޔިތުން ކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަ ޖައްސައިފައި ވަނީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި މަޖިލީހުގެ ގޮނޑިތަކަށް މިހާރު ވެސް އެކި ޕާޓީތަކުގެ މެމްބަރުން ދަނީ ކެމްޕޭން ކުރަމުންނެވެ.

comment ކޮމެންޓް