އޮޕަރޭޝަނުގައި އަތުލައިގަތް 69 ބިދޭސީއަކު ގަވާއިދާ ހިލާފު: އިމިގްރޭޝަން

ޖުމްހޫރީ މައިދާން، ބިދޭސީންތަކެއް---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލޭގެ ޒިކުރާ މިސްކިތާއި އަދި ގަޑިބުރު ސަރަހައްދުގައި ދާދި ފަހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 69 ބިދޭސީން އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ އެ އޮޕަރޭޝަންގައި އެއްވެސް ލިޔެކިޔުމެއް ނެތި 80 ބިދޭސީން ގެނައި ކަމަށެވެ.

އަދި އޭގެ ތެރެއިން 11 މީހަކު އެމީހުންގެ ސްޕޮންސަރުން އައިސް ހަވާލުވުމުން ދޫކޮށްލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެެ.

"އަނެއް 69 މީހުން މިހާރު ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރިއަށް. އޭގެ ތެރެއިން 31 މީހުން މިހަފްތާގައި ފުރުވާލެވޭނެ"، އޭނާ ވިދާޅުވި އެވެ.

އެ ބިދޭސީން ގަވައިދާ ހިލާފަށް އުޅެނީ ކީއްވެތޯ ބަލައި އެކަމުގައި އެމީހުން ގެނައި ފަރާތްތަކުގެ އިހްމާލްވެފައިވާ ނަމަ އެމީހުންނާ މެދު ފިޔަވަޅު އަޅާނެ ކަަމަށް ވެސް އޭނަ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ގަވައިދޭ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް އޮތް ތަނުގައި ވެސް ގަވައިދުން "އޮޕަރޭޝަން ސްޓިންގްރޭ"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ.

އަދި އެެގޮތަށް އޮޕަރޭޝަންތައް ކުރިއަށް ގެންދާ އިރު، ގަވައިދާ ހިލާފަށް އުޅޭ ބިދާސީން އަމިއްލައަށް ހަވާލުވުމުގެ ފުުރުސަތުދީ، އަދި ފިލައިގެން ނޫޅޭ ފަރާތްތަކަށް އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވުމުގެ އިހްތިޔާރު ދޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް