ޗައިނާއިން މޫސީގާރު އަބްދުއްރަހީމް ހަޔާތުގެ ވީޑިއޯއެއް އާންމުކޮށްފި

ޗައިނާގެ މަޝްހޫރު މޫސީގާރު ޢަބްދުއްރަޙީމް ޙަޔާތު -- ފޮޓޯ/ ސީއާރްއައި

ޗައިނާގެ ގައިދުހާނާއެއްގައި އެ ގައުމުގެ މަޝްހޫރު މޫސީގާރު ޢަބްދުއްރަޙީމް ޙަޔާތު މަރުވި ކަމަށް ހަބަރު އާންމު ވުމާ ގުޅިގެން ޗައިނާގެ ސަރުކާރުން، ޢަބްދުއްރަޙީމް ޙަޔާތު ފެންނަ ވީޑިއޯއެއް އާންމު ކޮށްފިއެވެ.

ފެބުރުވަރީ މަހުގެ 10 ގައި ނަގައިފައި ވާ މި ވީޑިއޯއިން ފެންނަ ޢަބްދުއްރަޙީމް ވާހަކަ ދައްކަމުން ބުނަނީ އޭނާގެ ސިއްހަތު ރަނގަޅު ކަމުގައެވެ.

ހަބަރުތައް ބުނާ ގޮތުން ޢަބްދުއްރަޙީމް ޙަޔާތު ގެންދިޔައީ ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އަށް އަހަރުގެ ޖަލު ހުކުމެއް ފުރިހަމަ ކުރަމުންނެވެ.

ޢަބްދުއްރަޙީމް ޙަޔާތުގެ ވީޑިއޯއެއް ޗައިނާއިން އާންމު ކުރި ނަމަވެސް، އުއިގޫރު މުސްލިމުންގެ ތެރެއިން ބައެއް މީހުން ދަނީ އެ ވީޑިއޯގެ ސައްހަކަމާ މެދު ސުވާލު ކުރަމުންނެވެ. އުއިގޫރުންގެ ހައްގުތަކަށް މަސައްކަތް ކުރުމަށް އެމެރިކާގައި ގާއިމުކޮށްފައި ވާ އަމިއްލަ ޖަމިއްޔާއެއް ކަމުގައި ވާ "އުއިގޫރު ހިއުމަން ރައިޓްސް ޕްރޮޖެކްޓް"ގެ ޗެއާމަން ނޫރީ ވިދާޅުވީ ޝައްކު އުފެދޭ ކަންތައްތަކެއް އެ ވީޑިއޯއިން ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާއިން ޢަބްދުއްރަޙީމް ހައްޔަރު ކޮށްފައި ބަހައްޓައިފައި ހުރި ފަދަ ގައިދުހާނާތަކުގައި ގާތްގަނޑަކަށް ދިހަ ލައްކަ އުއިގޫރު މުސްލިމުން ހައްޔަރު ކޮށްފައި ވެއެވެ.

ތުރުކީން ވަނީ އުއިގޫރު މުސްލިމުން ލުމަށް ޗައިނާއިން ހަދަމުން ގެންދާ ގައިދުހާނާތައް ބަންދު ކުރުމަށް ގޮވާލާފައެވެ.

ހޮނިހިރު ދުވަހު ތުރުކީގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައިދުހާނާތަކުގައި ތިބި ގައިދީންނަށް ޗައިނާއިން އަނިޔާކޮށް ހަރުކަށިކަން ދައްކަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ. އެހެންނަމަވެސް ތުރުކީގެ މި ތުހުމަތުތައް ޗައިނާއިން ދޮގު ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް