އިންޑިއާގެ އޮޑިޓާ ޖެނެރަލް ރަފާލް އެއްބަސްވުން އޮޑިޓް ކުރުމުން މަސްލަހަތަށް ފުށޫއަރާ: ކޮންގްރެސް

އިންޑިއާގެ އޮޑިޓާ ޖެނެރަލް ރާޖީވް މެހްރީޝީ -- ފޮޓޯ: އިންޑިއަންއެކްސްޕްރެސް

ދިއްލީ (ފެބްރުއަރީ 11): އިންޑިއާ އިން 2016 ވަނަ އަހަރު ފްރާންސުގެ 36 ރަފާލް ފައިޓާ ޖެޓު ގަންނަން ހެދި އެއްބަސްވުން އޮޑިޓު ކުރައްވަނީ އެގައުމުގެ އޮޑިޓާ ޖެނެރަލް ރާޖީވް މެހްރީޝީ ކަމަށްވާ ނަމަ މަސްލަހަތަށް ފުށޫ އަރާނެ ކަމަށް އިންޑިއާގެ ނެޝަނަލް ކޮންގްރެސް ޕާޓީން ބުނެފި އެވެ.

އިންޑިއާ އިން ފްރާންސުގެ ޑަސޯލްޓް އޭވިއޭޝަނުން ފައިޓާ ޖެޓުތަކެއް ގަންނަން ފުރަތަމަ އެއްބަސްވީ މާޗް 2014ގައި އޭރު އޮތް ކޮންގްރެސް ޕާޓީ އިސްކޮށް އޮންނަ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަނަސް (ޔޫޕީއޭ)ގެ ސަރުކާރުންނެވެ. އެއެއްބަސްވުމުގައި އޮތީ އިންޑިއާ އިން ފްރާންސުގެ 18 ފައިޓާ ޖެޓު ގަނެ، ޑަސޯލްޓްގެ އެހީއާ އެކު އިންޑިއާގެ ހިންދުސްތާން އެރޮނޯޓިކް ލިމިޓެޑް (އެޗްއޭއެލް)އިން އިތުރު 108 އުފައްދާ ގޮތަށެވެ.

ނަމަވެސް 2014 ވަނަ އަހަރު ބާރަތިޔާ ޖަނަތަ ޕާޓީ އިސްކޮށް އޮންނަ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވެރިކަމަށްއަ އެވެ. އަދި އޭޕްރިލް 2015ގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ފްރާންސަށް ކުރެއްވި ދަތުރުފުޅެއްގައި، އިންޑިއާ އިން ފްރާންސުގެ ޑަސޯލްޓުން 36 ރަފާލް ޖެޓު ގަންނަން ނިންމާފައިވާކަން އިއުލާން ކުރެއްވި އެވެ. އަދި ޖެހިގެން އައި މަހު މީގެ ކުރިން ޑަސޯލްޓާ އެކު ޔޫޕީއޭ އިން ހެދި އެއްބަސްވުން ކެންސަލް ކުރި އެވެ.

ކޮންގްރެސްއިން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން 2015 ވަނަ އަހަރު އެންޑީއޭ އިން ޔޫޕީއޭގެ އެއްބަސްވުން އުވާލައި، އާ އެއްބަސްވުމެއް ހަދަން ނިންމިކަން އިއުލާން ކުރީ މެހުރީޝީ ގައުމުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ. އެހެންކަމުން އެއެއްބަސްވުމުގައި ހިނގައި ދިޔަ "ކޮރަޕްޝަން ހިނގާފައި ވަނީ މެހުރީޝީގެ ހުއްދަ ލިބިގެން، އޭނާގެ ތާއިދާ އެއްކޮށް" ކަމަށް ކޮންގްރެސް އިން ތުހުމަތު ކުރި އެވެ.

"އެކަމުން އެނގެނީ [އެއްބަސްވުން ހެދީ] މެހުރީޝީގެ އެއްބާރުލުމާ އެއްކޮށް ކަން. އެހެންކަމުން، އެމީހެއްގެ ބައިވެރިވުން އޮތް މައްސަލައެއް އެމީހަކު އަމިއްލައަށް އޮޑިޓު ނުކުރެވޭނެތީ، 36 ރަފާލް ޖެޓު އެއްބަސްވުން މެހުރީޝީއަށް އޮޑިޓެއް ނުކުރެވޭނެ،" ކޮންގްރެސްގެ ބަޔާނުގައިވެ އެވެ.

ކޮންގްރެސް ޕާޓީން ބުނާ ގޮތުގައި ޔޫޕީއޭގެ ސަރުކާރުން އެއެއްބަސްވުން ހެދި އިރު ކޮންމެ ޖެޓެއްގެ އަގު ހުރީ 526 ކުރޯޑު ރުޕީސްގަ އެވެ. ނަމަވެސް އެންޑީއޭ އިން އެއެއްބަސްވުން ހެދި އިރު ކޮންމެ ޖެޓެއްގެ އަގު ވަނީ 1638 ކުރޯޑު ރުޕީސްއަށް އަރައިފަ އެވެ.. އެހެންކަމުން އެންޑީއޭ އީން އެއް ކުންފުންޏަކުން އެއް ބާވަތެއްގެ ޖެޓުތަކެއް މާ އަގުބޮޑުކޮށް ގަންނަނީ ކީއްވެގެންތޯ ކޮންގްރެސް އިން ވަނީ ސުވާލު އުފައްދައިފަ އެވެ.

comment ކޮމެންޓް