އެމެރިކާގެ މަސްއޫލުވެރިން އަދިވެސް އަފްޣާނިސްތާނަށް ވަޑައިގަންނަވަނީ ސިއްރުން

އެމެރިކާގެ ދިފާއީ ވަޒީރުގެ ގާއިމް މަގާމުގައި ހުންނެވި ޕެޓްރިކް ޝެނަހާން ކާބުލް ގައި --

ކާބުލް (ފެބްރުއަރީ 11) : އެމެރިކާގެ ދިފާއީ ވަޒީރުގެ ގާއިމް މަގާމުގައި ހުންނެވި ޕެޓްރިކް ޝެނަހާން ކުރިން އިއްލާން ކުރުމަކާ ނުލައި އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ.

ޝެނަހާން އާއެކު އަފްޣާނިސްތާނަށް ވަޑައިގެންނެވި ނޫސްވެރިންގެ ޓީމަށް ކާބުލްގައި ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ އެމެރިކާ އަފްޣާނިސްތާނުން ފޭބުމުގެ ވިސްނުން ގެންގުޅޭއިރު އަފްޣާނިސްތާނުގައިވާ އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރުމާބެހޭގޮތުން އެމެރިކާ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމުގައެވެ. އެހެންކަމުން ތާލިބާނުންގެ އިތުރުން އަފްޣާން ސަރުކާރާ އަދި އެގައުމުގެ އިދިކޮޅު ޖަމާއަތްތަކުގެ އަޑުތައް ވަރަށް ގާތުން އެމެރިކާ އަހަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝެނަހާން އަފްޣާނިސްތާނަށް މި ވަޑައިގެންނެވީ އެމެރިކާގެ މަސްއޫލުވެރިން އަބަދުވެސް އަފްޣާނިސްތާނަށް ދަތުރުކުރައްވާގޮތަށް ސިއްރިޔާތުގައެވެ. އެއީ އެމެރިކާގެ މަސްއޫލުވެރިންނަށް އަފްޣާނިސްތާނުގައި އަމާންކަން ނެތުމުގެ ސަބަބުންނެވެ. އަފްޣާނިސްތާނަށް 2 ޓްރިލަޔަން ޑޮލަރު ޚަރަދުކޮށް އެމެރިކާ ސިފައިންގެ ގިނަ ބަޔަކު އަފްޣާނިސްތާނަށް އަރައި ހަނގުރާމަކުރާތާ 17 އަހަރަށްފަހުވެސް މި ނޫންގޮތަކަށް އެމެރިކާގެ މަސްއޫލުވެރިއަކަށް އަފްޣާނިސްތާނަށް ވަޑައިގެންނެވޭނެ ގޮތެއް ނުވެއެވެ.

ތާލިބާނުންވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ދެބައިކުޅަ އެއްބައި މީހުން އަންނަ އެޕްރީލް މަސް ނިމުމުގެ ކުރިން އަނބުރައި އެމެރިކާއަށް ގެންދިޔުމަށް އެމެރިކާ ވައުދުވެފައިވާކަން ހާމަކޮށްފައެވެ. ތާލިބާނުން ބުނެފައިވަނީ އެޕްރީލް މަސް ނިމުމުގެ ކުރިން އެމެރިކާ ސިފައިންގެ ދެބައިކުޅަ އެއްބައި މީހުން އަފްޣާނިސްތާނުން ބާލައި ބާކީތިބި ސިފައިން އަށާރަ މަސްތެރޭގައި އެއްކޮށް އަފްޣާނިސްތާނުން ބާލާނެކަމުގެ ޔަގީންކަން ގަތަރުގައި ދާދިފަހުން ބޭއްވި އަފްޣާން ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރަތުން ލިބިފައިވާ ކަމުގައެވެ. ތާލިބާނުންގެ މިވާހަކަތައް އެމެރިކާ ދޮގުކޮށްފައެއް ނުވެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރީ 1996 ން 2001 އަށެވެ. 2001 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާއިން ތާލިބާނުންގެ ވެރިކަން ވައްޓާލީ ސެޕްޓެމްބަރު އެގާރައިގާ އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު ޓެރަރިޒަމާ ދެކޮޅު ނަމުގައި އެމެރިކާ ފެށި ހަނގުރާމައިގައެވެ. އެއަށްފަހު އެމެރިކާ އަފްޣާނިސްތާނަށް އަރައި 17 އަހަރު ހަނގުރާމަކުރިއިރުވެސް ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމުގައި އެމެރިކާވަނީ ނާކާމިޔާބުނެފައެވެ.

ތާލިބާނުންނާއެކު އެމެރިކާ ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދިޔަނަމަވެސް އެމެރިކާ ގެ ނަޒަރުގައި ތާލިބާނުންނަކީ އަދިވެސް ޓެރަރިސްޓް ޖަމާއަތެކެވެ. ނަމަވެސް ހަތިޔާރު ދޫކޮށް ސިޔާސީ ޖަމާއަތަކަށް ވެއްޖެނަމަ އެމެރިކާ ގެންގުޅޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ތާލިބާނުންގެ ނަން އުނިކުރާނެ ކަމަށް އެމެރިކާ ބުނެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރުގެ ގާއިމް މަގާމުގައި ހުންނެވި ޝެނަހާން އަފްޣާނިސްތާނަށް ވަޑައިގެންނެވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމާބެހޭގޮތުންނާ އަދި ތާލިބާނުންނާ އަފްޣާން ސަރުކާރުން ސުލްޙައިގެ ވާހަކަތައް ފެށުމަށް މަގުފަހިކުރުމަށްޓަކައި އަފްޣާން ސަރުކާރާ އަދި އަފްޣާން އިދިކޮޅު ފަރާތްތަކާ ވާހަކަ ދެއްކެވުމަށް ކަމަށް މުރާސިލުން ބުނެއެވެ. ތާލިބާނުން އަދިވެސް ގެންދަނީ އަފްޣާން ސަރުކާރާ ސީދާ ގޮތެއްގައި ވާހާކަ ދެއްކުމަށް ދެކޮޅު ހަދަމުންނެވެ. ނަމަވެސް ތާލިބާނުން މިދިޔަ ހަފްތާގައިވަނީ އަފްޣާން އިދިކޮޅު ފަރާތްތަކާއެކު މޮސްކޯގައި ސުލްހައިގެ ވާހަކަތަކެއް ކުރިޔަށް ގެންގޮސްފައެވެ. (ނޫސްއެޖެންސީތަކަށް)

comment ކޮމެންޓް