ސައުސޮލޯ ބަލިކޮށް ޔުވެންޓަސް އެއްވަނައިގައި ލީޑު ފުޅާ ކޮށްފި

ސައުސޮލޯ ކޮޅަށް ގޯލު ޖެހުމަށް ފަހު ކުރިސްޓިއާނޯ ރޮނާލްޑޯއާއި ސާމީ ކަދީރާ -- ފޮޓޯ / ސްޓީފެން ކުރީކް

ސައުސޮލޯ އަތުން ފަސޭހަކަމާ އެކު މޮޅު ވުމަށް ފަހު ޔުވެންޓަސް އިން އިޓާލިއަން ލީގު (ސީރީ އާ) ގައި 11 ޕޮއިންޓުގެ ލީޑެއް ނަގައި ތަށި ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ސައުސޮލޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު ޔުވެންޓަސް އަތުން ބަލިވީ 0-3 ގެ ނަތީޖާ އަކުންނެވެ. ދެވަނައިގައި އޮތް ނަޕޮލީ މިހަފްތާގައި ކުޅުނު މެޗުން އެއްވަރު ވުމާ ގުޅިގެން ޔުވެންޓަސްއަށް ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުން ހިފައި ރޭގެ މެޗު އެ ޓީމު ކާމިޔާބު ކުރިއެވެ.

ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އެލެގިރީއާއި އެ ޓީމުގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ / ސްޓީފެން ކްރީކް

ރޭގެ މެޗުގައި ޔުވެންޓަސް އަށް ގޯލު ޖަހައިދިނީ ސާމީ ކަދީރާއާއި މިސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ދެ ކުޅުންތެރިން ކަމަށް ވާ ކުރިސްޓިއާނޯ ރޮނާލްޑޯ އާއި އެމްރީ ޗޭން އެވެ. މީގެ އިތުރުން ވެސް ކުރިސްޓިއާނޯ ވަނީ ހިތްގައިމު ސޯލޯ ގޯލެއް ޖަހާފައެވެ. ނަމަވެސް އެ ރެފްރީ ނިންމީ އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށެވެ.

މި ސީޒަނުގައި އިޓާލިއަން ލީގުގެ އެއްވެސް މެޗަކުން ބަލި ނުވެ ޔުވެންޓަސް އަންނަނީ ލީގުގައި ގިނަ ރެކޯޑުތަކެއް މުގުރަމުންނެވެ. އަދި އެ ޓީމާ އަލަށް ގުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯ ވެސް ގިނަ ގޯލު ތަކެއް ޖަހައިދީ ރަނގަޅު ފޯމެއްގައި ހުރުމުން މިފަހަރުގެ ލީގު ބަލިވުމެއް ނެތި ނިންމައިލުމުގެ ފުރުސަތު އޮތް ކަމަށް ޔުވެންޓަސްގެ ސަޕޯޓަރުން ދެކެއެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ޕައޮލާ ޑިބާލާ ފުރަތަމަ އެގާރައިގައި ހިމަނައިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅޭން އަރައި ޔުވެންޓަސްގެ ފަހު ގޯލު ޖެހުމުގައި އެހީތެރި ވެ ދިނެވެ.

comment ކޮމެންޓް