އެމްޑީޕީ 10 ކެންޑިޑޭޓެއްގެ ފޯމު ބޭރުކޮށް، 76 ފޯމު ބަލައިގެންފި

މަޖިލިސް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމު އިސީ އަށް ހުށަހެޅުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ހިނގާލުމުގެ ތެރެއިން: އެ ޕާޓީގެ 76 ފޯމެއް އީސީ އިން ވަނީ ބަލައިގެންފައި --- ސަން ފޮޓޯ/ ފަޔާޒް މުސާ

ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ 10 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު ބަލައި ނުގަނެ، 76 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.

މިދިޔަ ބުދަ ދުވަހު އެމްޑީޕީ އިން ވަނީ އެ ޕާޓީގެ ޓިކެޓްގައި 86 ދާއިރާއަކަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެމްބަރު އަހަމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، ފޯމު ހުށަހެޅުއްވި 86 ކެންޑިޑޭޓުންގެ ތެރެއިން 76 ކެންޑިޑޭޓުންގެ ފޯމު ބަލައިގަނެ، އެޕާޓީ އަށް މިހާރު އަންގާފައިވާ ކަމަށެވެ. ބަކީ 10 ކެންޑިޑޭޓުންގެ ފޯމް މައުލޫމަތު ފުރިހަމަ ނުވާތީ ބަލައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން 76 ފޯމު ބަލައިގަނެ، އެޕާޓީ އަށް މިހާރު ވަނީ އަންގާފައި. އަދި ބާކީ 10 ފޯމު މައުލޫމަތު ފުރިހަމަ ކުރުމަށް މީހަރު ވަނީ އަނބުރާ ފޮނުވާލައިފައި،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އިތުރުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަސް ކެންޑިޑޭޓަކު ވެސް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ފޯމެއް މިހާތަނަށް ބަލައިގެންފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް