ބީއެމްއެލް ލުއި ލޯން 300،000 ރުފިޔާ އަށް ބޮޑުކޮށް، ތައާރަފުކޮށްފި

ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ކުންފުނީގެ ލުއި ލޯނުގެ ތިން ލޯނަކަށް މިއަދު ވަނީ ލުއި ބަދަލުތަކެއް ގެނެސްފައި -- ފޮޓޯ/ ބީއެމްއެއެލް

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އިން ދޫކުރާ ލުއި ލޯނު ނުވަތަ "ޕާސަނަލް ލޯނު" 300،000 ރުފިޔާ އަށް ބޮޑުކޮށް ލުއި ބަދަލުތަކެއް ގެނެސް، ތައާރަފުކޮށްފި އެވެ.

ބީއެމްލެގެ ލޯނުތަކަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން މިއަދު ބީއެމްއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޑެޕިއުޓީ ސީއީއޯ، މުހައްމަދު ޝަރީފް ވިދާޅުވީ، ލުއި ލޯނަކީ އެ ކުންފުނިން ދޫކުރާ ލޯނުތަކުގެ ތެރެއިން އެންމެ މަގުބޫލު ލޯނު ކަމަށާއި ގާތްގަނޑަކަށް 40،000 މީހުން އެ ލޯނު މިހާތަނަށް ނަގައިފައިވާ ކަމަށެވެ. މިއަދު އެ ލޯނުތަކަށް ގެންނަ ބަދަލުތަކަކީ ގިނަ މީހުންނަށް ނެގޭނެ ގޮތަށް ފަސޭހަކަމާ އެކު ލޯނު ނެގޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަށް ޓަކައި ކުންފުނިން ގެނައި ބަދަލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ އެ ކުންފުނީގެ ލުއި ލޯނު ތިން ވައްތަރެއްގެ ލޯނުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ލުއި އެކްސްޕްރެސް ލޯނު

ބީއެމްއެލް އިން ކުރިން މި ލޯނު ދެމުން އައީ 50،000 ރުފިޔާ އަށް ހަތަރު އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މިއަދު ފެށިގެން އެކުންފުނިން ވަނީ އެ އަދަދު 300،000 ރުފިޔާ އަށް ބޮޑު ކޮށް، ލޯނު ދެއްކުމުގެ މުއްދަތު ފަސް އަހަރަށް އިތުރުކޮށްފަ އެވެ.

އެ ލޯނު މިހާރު ދެމުންދަނީ 20،000 ރުފިޔާ އާއި 300،000 ރުފިޔާ އާ ދެމެދު 18 ޕަސަންޓް އިންޓަރެސްޓް ރޭޓަކާ އެކު އެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް ލޯން: އެ ލޯނު މިހާރު ވަނީ ތިން ލައްކަ އަށް ބޮޑުކޮށް، ފަސް އަހަރުން އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްފައި --

ލުއި މައިކްރޯ ލޯނު

ބީއެމްއެލް އިން 15،000 ރުފިޔާ އަށް ދެމުން އަންނަ މި ލޯނު މިހާރު ވަނީ "ލުއި މައިކްރޯ ލޯން" އަށް ބަދަލުކޮށްފަ އެވެ. މިހާރު މި ލޯނު ވަނީ 25،000 ރުފިޔާ އަށް ބޮޑުކޮށް، އަނބުރާ ދައްކަން ޖެހޭ މުއްދަތު ހަތަރު އަހަރުން ފަސް އަހަރަށް އިތުރުކޮށްފަ އެވެ. މި ލޯނުގައި ރަހުނު ބަހައްޓާކަށް ނުޖެހެ އެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 13 ޕަސަންޓެވެ.

ބީއެމްއެލް ލުއި މައިކްރޯ ލޯން: އެ ލޯނު މިހާރު ވަނީ 25،000 އާ ހަމަ އަށް ބޮޑު ކޮށްފައި --

ލައިފް ސްޓައިލް ލޯނު

ކުރިން ރަހުނު ބަހައްޓާފައި ދެމުން އަައި މި ލޯނު މިހާރު ވަނީ 100،000 ރުފިޔާ އާ ހަމައަށް ރަހުނު ނުބަހައްޓާ ލޯނު ނެގޭ ގޮތަށް ހަމަޖައްސައިފަ އެވެ. ރަހުނެއް ބެހެއްޓުމަށް ފަހު މި ލޯނު 1.5 މިލިއަން އާ ހަމައަށް ނެގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި 25،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދު މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ، 18 ޕަސަންޓެވެ. އޭގެ އިތުރުން 100،000 ރުފިޔާ އާއި 1.5 މިލިއަން ރުފިޔާ އާ ދެމެދު މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 12 ޕަސަންޓެވެ.

ބީއެމްއެލް ލައިފް ސްޓައިލް ލޯން: އެ ލޯނު މިހާރު ވަނީ ރަހުނު ނުބަހަައްޓާ އެއްލައްކަ ރުފިޔާ އަށް ބޮޑު ކޮށްފައި --

އެ ތިން ލޯނު ވެސް މީހާރު ރަހުނަކާ ނުލައި ފަސް ދުވަސް ތެރޭ ހަމަޖެހިގެން ދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

comment ކޮމެންޓް