ލަންޑަން (ފެބްރުއަރީ 10): އިނގިރޭސި ރާނީ އެލިޒަބަތު 2ގެ ފިރިކަލުން ޕްރިންސް ފިލިޕް އިންނެވި ކާރުކޮޅު މިދިޔަ މަހު އެކްސިޑެންޓުވި ފަހުން، ޕްރިންސް ކާރު ދުއްވުން ހުއްޓައިލައްވަން ނިންމަވައިފި އެވެ.
ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން 97 އަހަރުގެ ޕްރިންސް ފިލިޕް ވަނީ އިއްޔެ އެބޭފުޅާގެ ޑްރައިވިން ލައިސެންސް އޮފިސަރުންނާ ހަވާލު ކުރައްވައިފަ އެވެ.
އިނގިރޭސި ގަނޑުވަރުން އެއިއުލާން ކުރީ މިދިޔަ މަހުގެ 17އިގައި ޕްރިންސް ފިލިޕް ދުއްވަން އިންނެވި ކާރުކޮޅު އެކްސިޑެންޓުވި މައްސަލަ ފުލުހުން ޕްރޮސެކިއުޓަރުންނަށް ފޮނުވި ފަހުންނެވެ.
ދެ ކާރު އެކްސިޑެންޓުވި އެހާދިސާގައި ޕްރިންސް ފިލިޕަށް އަނިޔާއެއް ނުލިބުނު ނަމަވެސް އަނެއް ކާރުގައި އިން، އެމާ ފެޔާވެދާގެ އަތަށް އަނިޔާވި އެވެ. އެކާރުގައި ދެން ތިބި ނުވަ މަހުގެ ކުއްޖާ އާއި އެކުއްޖާގެ މަންމައަށް އަނިޔާއެއް ނުލިބެ އެވެ.
އެހާދިސާއާ ގުޅިގެން ޕްރިންސް ފިލިޕް ވަނީ މާފަށް އެދިވަޑައިގެން، ފެޔާވެދާއަށް ސިޓީއެއް ލިޔުއްވައިފައެވެ. ނަމަވެސް އެކްސިޑެންޓު ހިނގިތާ ދެ ދުވަސް ފަހުން ޕްރިންސް ފިލިޕް ސީޓް ބެލްޓު ނާޅުއްވައި ކާރު ދުއްވަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ. އަދި ފުލުހުން ވަނީ އޭގެ ސަބަބުން ޕްރިންސް ފިލިޕަށް ނަސޭހަތް ދިން ކަމަށް ބުނެފަ އެވެ.
ޕްރިންސް ފިލިޕް ވަނީ 65 އަހަރުގެ ހިދުމަތަށް ފަހު، 2017 ވަނަ އަހަރު ޝާހީ މަސްއޫލިއްޔަތުން ދުރަށް ޖެހިވަޑައިގެންފަ އެވެ.