އަޔާދީ ތަކަފުލް އިން 2017 ވަނަ އަހަރުގެ ސާޕްލަސް ބަހަނީ

އަޔާދީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ: އަވްޝަން އިލްޔާސް

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިން 2017 ވަނަ އަހަރުގެ ތަކާފުލް ސާޕްލަސް ބަހަން ނިންމައިފިއެވެ.

އަޔާދީ ތަކަފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ މިއަދު ވިދާޅުވީ ތަކާފުލް ސާޕްލަސް ހޯދުމަށް ކަސްޓަމަރުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ވެލާާނާގޭ ކުރިމަތިން ހުންނަ އެލައިޑްގެ ކަސްޓަމާ ފްރަންޓް އޮފީހުގައި އަޔާދީގެ ހާއްސަ ކައުންޓަރެއް ހުންނާނެ ކަމަށާއި ކްލެއިމް ފޯމު ބަލައިގަތުން އެތަނުގައި ކުރިއަށްދާނެ ކަމަށް ނިޒްމާ ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅަކަށް ލިބިލައްވާ ފައިދާގެ މިންވަރު އޮންލައިންކޮށްވެސް އަދި 1600 އަށް ގުޅައިގެންވެސް ސާފުކުރެވޭނެ. އަދި އެޖެންޓް 1600 މެދުވެރިކޮށްވެސް މި މައުލޫމާތު ސާފު ކުރެވޭނެ. ސާޕްލަސް ހޯއްދެވުމަށް ފޯމު ލެއްވުމުގެ ކުރިން އެބޭފުޅަކަށް ފައިދާގެ ގޮތުގައި ލިބޭ މިންވަރު ސާފު ކުރުމަށް އެދެން،"

އަޔާދީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ: އަވްޝަން އިލްޔާސް

ތަކާފުލް ބައިވެރިންގެ ފަންޑުން ފައިދާ ބަހަން ނިންމާފައިވަނީ 2017 ވަނަ އަހަރު ތަކާފުލް ހިދުމަތްތައް ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން އެއްވެސް ބަދަލެއް ހޯދުމަށް އެ އަހަރު އެދިފައި ނުވާ ކަސްޓަމަރުންގެ މެދުގައެވެ. ފައިދާ ބަހާނީ ތަކަފުލް ހިދުމަތް ހޯދުމަށް ކަސްޓަމަރު ދައްކާފައިވާ ޖުމްލަ ފައިސާއިން ނިސްބަތުން ޖެހޭ މިންވަރެވެ.

"ސާޕްލަސް ލިބޭ ފަރާތްތަކަށް އަޅުގަނޑުމެންގެ ފަރާތުން ގުޅައި، ނޫނީ މެސެޖަކުންވެސް އަންގައި، ކޮންޓެކްޓު ކުރެވެމުންދާނެ،" ނިޒްމާ ވިދާޅުވިއެވެ. ނިޒްމާ ވިދާޅުވީ ސާޕްލަސް ހޯދުމަށް ފޯމު ހުށަނާޅާ ފަރާތްތަކުގެ ސާޕްލަސް ތަކާފުލް ފަންޑަށް ޖަމާ ކުރެވޭނެ ކަމަށެވެ.

ގާތްގަނޑަކަށް 2000 ކަސްޓަމަރުންނަށް ސާޕްލަސް ފައިދާ ބެހޭނެ ކަމަށް އަޔާދީ އިން ބުނެއެވެ.

މިމަހުގެ 25 ގައި އަޔާދީ ތަކަފުލް އަށް ފަސް އަހަރު ފުރޭނެއެވެ.

comment ކޮމެންޓް