ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު -- ސަން ފޮޓޯ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅިގެން އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވަނީ ޒިޔަތު ގޭބަންދަށް ބަދަލު ކުރިކަން "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭގާ ވިދާޅުވީ، ޒިޔަތު ގޭބަންދަށް ބަދަލު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ޒިޔަތުގެ މައްޗަށް އަށް އަހަރު ދުވަހުގެ ހުކުމެއް ކޮށްފައިވާ އިރު އިތުރު 33 ދައުވާއެއް ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖުމްލަ 90 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ވެސް ވަނީ ދައުވާކޮށް ޖަލު ހުކުމް އިއްވާފަ އެވެ. އެ މައްސަލައިގައި ހާމިދަށް ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވި އިރު އެމްއެމްޕީއާރްސީގެ މައްސަލަ ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް ވަނީ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމް އައިސްފަ އެވެ.

އަދީބު ވެސް މީގެ ކުރިން ވަނީ ޖަލު ބަންދުގައި ބެހެއްޓުމަށް ފަހު ގޭބަންދަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އަނބުރާ ޖަލަށް ބަަދަލުކޮށްފަ އެވެ.

comment ކޮމެންޓް