ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ސަލާމަތީ އޮޑިޓު ރާއްޖޭގެ އެންމެ އުތުރުން ފަށައިފި

ޓޫރިސްޓް އެސްޓަބްލިޝްމެންޓުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގައި ކަންކަން ހިނގާގޮތާއި ސަލާމަތީ ކަންކަން ބަލައި ކަށަވަރުކުރުމަށް ހިންގާ ބޮޑު އިންސްޕެކްޝަން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިންވެސް ހާމަކޮށްފައިވާ ގޮތުން، މި އިންސްޕެކްޝަން ފަށާފައިވަނީ ރާއްޖޭގެ އެންމެ އުތުރުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ހއ. އަތޮޅާއި ހދ. އަތޮޅުގައި މި އިންސްޕެކްޝަން ކުރިއަށް ދާނެއެވެ.

ތިލަދުންމަތީގައި ހިންގަމުން އަންނަނީ ތިން ރިސޯޓެކެވެ. އެއީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ އިހަވަންދިއްޕޮޅު އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓު ކަމުގައިވާ ހއ. މަނަފަރުގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓާއި، ބޮޑުތިލަތުންމަތީގައި އޮންނަ ހއ. ދޮނަކުޅީގައި ޔޮޓު މެރީނާއަކާއެކު ހިންގާ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާގެ އިތުރުން ހދ. ހޮނޑާފުށީގައި ހިންގާ ހޮނޑާފުށި އައިލެންޑް ރިސޯޓެވެ.

މީގެ އިތުރުން ހދ. ހަނިމާދޫގައި "ދަ ބެއާފުޓް އީކޯ ހޮޓެލް"ގެ ނަމުގައި ސިޓީ ހޮޓަލެއްވެސް ހިންގައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ހަތަރު ޕްރޮޕަޓީގެ އިތުރުން ހއ. އަތޮޅުގެ ދިއްދޫ، ވަށަފަރު، ކެލާ އަދި ހޯރަފުށީގައި ހިންގާ 11 ގެސްޓްހައުސަކާއި ހދ. އަތޮޅުގެ ހަނިމާދޫ، ކުޅުދުއްފުށި، ނޮޅިވަރަންފަރު، ވައިކަރަދޫ އަދި ނެއްލައިދޫގައި ހިންގާ 10 ގެސްޓްހައުސެއްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން އިންސްޕެކްޓުކުރާނެ ކަމަށެވެ.

މި އިންސްޕެކްޝަން މިނިސްޓްރީން ކުރިއަށް ގެންދަނީ ފުލުހުންނާއި ސިފައިންގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެންނެވެ.

"އަޅުގަނޑުމެންގެ ބަލާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވާ އަޅާފައިވާ ފިޔަވަޅުތައް. ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް. މުވައްޒަފުންގެ ހައްގުތައް އަޅުގަނޑުމެން ވަރަށް ފުރިހަމަ ގޮތެއްގައި ބެލުމަށް ވަނީ ހަމަޖެހިފައި،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

"މީގެ ބޭނުމަކީ ރާއްޖޭގެ ތަންތަނުގެ ހާލަތު ރަނގަޅަށް ދެނެގަތުމާއި އަދި ޕޮޒިޓިވް އެޕްރޯޗެއްގައި މިކަންކަން ރަނގަޅު ކުރުން. މިއީކީ އެއްވެސް ގޮތަކަށް އެއްވެސް ބަޔަކު ފަލީހަތް ކުރުމަށް ނުވަތަ އެއްވެސް ބަޔަކާ ދޭތެރޭގައި ނުރަނގަޅު ގޮތަކަށް ކަންތައް ކުރާކަށް ސަރުކާރުން ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް