ތައިލޭންޑުގެ ޕްރިންސެސް ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާތީ ރަސްގެފާނުގެ ނުރުހުން

ތައިލޭންޑުގައި މާޗް މަހު ބާއްވާ އިންތިހާބުގައި ޕްރިންސެސް އުބޮންރާތްނާ މަހިދޮން ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާނެ -- ފޮޓޯ: އޭއެފްޕީ

ބޭންކޮކް (ފެބްރުއަރީ 9): ތައިލޭންޑުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮން ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާތީ އެކަމަނާގެ ކޮއްކޯފުޅު، ރަސްގެފާނު މަހާ ވަޖިރަލޮންކޯން ނުރުހުން ފާޅު ކުރައްވައިފި އެވެ.

ޕްރިންސެސް އުބޮންރާތު ބޮޑުވަޒީރު ކަމަށް ނޮމިނޭޓުކޮށްފައި ވަނީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދު ކުރާ، ތައި ރަކްސާ ޗާޓް ޕާޓީންނެވެ. އެއީ ތައިލޭންޑުގެ ތާރީހުގައި ޝާހީ އާއިލާގެ މެމްބަރަކު ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން އެފަދަ މަގާމަކަށް ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ.

ޕްރިންސެސް އުބޮންރާތުނާ ވަނީ 1972 ވަނަ އަހަރު އެމެރިކާ މީހަކާ ކައިވެނި ބައްލަވައިގެންނެވި އިރު ޝާހީ ހައިސިއްޔަތު ދޫކޮށްލައްވައިފަ އެވެ. އަދި އެ ކައިވެނި ރޫޅުނު ފަހުން އެކަމަނާއަށް ރަސްމީ ގޮތެއްގައި ޝާހީ ލަގަބެއް ދީފައި ނުވި ނަމަވެސް، ތައިލޭންޑުގެ ގިނަ މީހުން ދެކެނީ އެކަމަނާއަކީ އަދި ވެސް ޝާހީ ބޭކަނބަލެއްގެ ގޮތުގަ އެވެ.

ތައިލޭންޑުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާނު ވަނީ "ޕްރިންސެސް އުބޮންރާތުނާ ލިޔުމުން ޝާހީ ހައިސިއްޔަތު ދޫކޮށްލެއްވި ނަމަވެސް އެކަމަނާގެ ދަރަޖައަށް ބަދަލެއް ނާންނަ ކަމަށާއި އެކަމަނާއަކީ އަދި ވެސް ޗަކްރީ ދަރިކޮޅުގެ މެމްބަރެއް" ކަމަށް ވިދާޅުވެފަ އެވެ.

"ޝާހީ އާއިލާގެ އިސް މެމްބަރަކު ސިޔާސީ މައިދާނުގައި އެއްވެސް ވަރަކަށް ބައިވެރިވުމަކީ ގައުމުގެ އާދަކާދަ އާއި ސަގާފަތާ ހިލާފުވާ ކަމެއް،" ރަސްގެފާނުގެ ބަޔާނުގައިވެ އެވެ.

ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން -- ފޮޓޯ: އޭޕީ

އަދި އެބަޔާނުގައި ވަނީ ޝާހީ އާއިލާއިން އޮންނަން ޖެހޭނީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި ކަމަށް ގާނޫނު އަސާސީގައި ބުނާ މާއްދާއެއް ވެސް ހިމަނައިފަ އެވެ.

ނަމަވެސް ގަނޑުވަރުން އެބަޔާން ނެރުމުގެ ކުރިން ޕްރިންސެސް އުބޮންރާތުނާ ވަނީ އެކަމަނާ ބޮޑުވަޒީރު ކަމަށް ވާދަ ކުރެއްވުން ދިފާއު ކުރައްވައިފަ އެވެ. އަދި އެކަމަނާ ވަނީ މީގެ ކުރިން ޝާހީ ހައިސިއްޔަތު ދޫކޮށްލައްވާފައި ކަމަށާއި މިހާރު ދިރިއުޅުއްވަނީ އާއްމު ރައްޔިތެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބޮޑުވަޒީރު ކަމަށް ވާދަ ކުރެއްވުމަކީ އެކަމަނާއަށް ލިބިފައިވާ ހައްގެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޕަބްލިކް ހެލްތުގެ ރޮނގުން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފައިވާ އުމުރުން 67 އަހަރުފުޅުގެ އުބޮންރާތުނާއަކީ މީގެ ކުރިން ފިލްމީ ތަރިއެއް ވެސްމެ އެވެ.

މީގެ އިތުރުން ޕްރިންސެސް އުބޮންރާތުނާއަކީ ޝިނަވަތުރާ އާއިލާގެ ދުވަސްވީ ރަހުމަތްތެރިއެކެވެ. އަދި މާޗް 24ގައި ބާއްވާ އާންމު އިންތިހާބަށް އެ އާއިލާގެ މެމްބަރަކު ވާދަ ނުކުރެއްވި ނަމަވެސް، އެއީ ނުފޫޒުގަދަ އާއިލާއެކެވެ.

ޕްރިންސެސް އުބޮންރާތުނާގެ އިތުރުން ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަންއޮޗާ ވެސް ވަނީ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ބޮޑުވަޒީރު ޕްރަޔުތު ވެރިކަމަށް ވަޑައިގެންނެވީ 2014ވަނަ އަހަރު އަސްކަރީ ބަޣާވާތެއްގައި ޔިންގްލަކް ޝިނަވަތުރާގެ ވެރިކަން ވައްޓާލެއްވުމަށް ފަހުގަ އެވެ.

ޔިންގްލަކް ޝިނަވަތުރާ އާއި ބޭބޭފުޅު ތަކްސިން މިހާރު ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގަ އެވެ.

comment ކޮމެންޓް