ކެނެޑާގެ މިސްކިތަށް ހަމަލާ ދިން މީހާ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ދެހާސްސަތާރަ ވަނަ އަހަރު ކެނެޑާގެ މިސްކިތެއްގައި ބަޑިން ހަމަލާދީ ހަ މީހަކު މަރާލި އެލެގްޒެންޑާ ބިސޮނެޓް -- ފޮޓޯ: ފޭސްބުކް

ކެބެކް (ފެބްރުއަރީ 9): ދެހާސްސަތާރަ ވަނަ އަހަރު ކެނެޑާގެ ކެބެކް ސިޓީގެ މިސްކިތެއްގައި ތިބި މީހުންނަށް ބަޑިން ހަމަލާ ދިން އެލެގްޒެންޑާ ބިސޮނެޓް އުމުރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ނަވާވީސް ޖެނުއަރީ 2017އިގައި ކެބެކް އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ވަދެ ބިސޮނެޓް ދިން ހަމަލާގައި ހަ މީހަކު މަރުވި އެވެ. އަދި ބަޑި ޖަހައި 19 މީހަކު ޒަހަމްކުރި އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ބިސޮނެޓް ވަނީ ހަ މީހަކު މަރާލި ކަމަށާއި މިސްކިތުގައި ދެން ތިބި 35 މީހުން މަރާލަން މަސައްކަތް ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އަދި އޭނާ ވަނީ އެކުށް ކުރެވުމުން ލަދުގަންނަ ކަމަށާއި އޭނާއަކީ "ޓެރަރިސްޓެއް އަދި އިސްލާމް ދީނަށް ނަފްރަތު ކުރާ މީހެއް ނޫން" ކަމަށް ބުނެފަ އެވެ.

އެމައްސަލައިގައި ޕްރޮސެކިއުޓަރުން އެދުނީ ބިސޮނެޓް 150 އަހަރަށް ޖަލަށްލާށެވެ. އެއީ އޭނާ މަރާލި ކޮންމެ މީހަކަށް ވަކި ވަކިން 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރާ ގޮތަށެވެ.

ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ "ކުށުގެ އަދަބު ދޭން ޖެހޭނީ ބަދަލު ހިފަން ނޫން" ކަމަށް ވިދާޅުވެ، ބިސޮނެޓަށް ޕެރޯލްއަށް އެދެން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަލަށްލާތާ 40 އަހަރު ފަހުން ބިސޮނެޓަށް ޕެރޯލަށް އެދެވޭނެ ކަމަށް ނިންމަވާފަ އެވެ. އޭރު ބިސޮނެޓްގެ އުމުރުން 67 އަހަރު ވާނެ އެވެ.

ބިސޮނެޓް ދިން ހަމަލާގެ ސަބަބުން ހަށިގަނޑުގެ ބޮޑު ބަޔެއްގެ ވާގި ނެތިފައިވާ އައިމަން ދާބަލީ ވަނީ އެހުކުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެއީ ކުށުގެ ސީރިއަސްކަމާ އެއްވަރުގެ އަދަބެއް ނޫން ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް