ރައްޔިތުންގެ މަޖިލިސް އިންތިހާބު މިއޮތީ ބޯމަތިވެފަ އެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވައުދުތަކާ އެކު ދާއިރާތަކަށް ދާން ފަށައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނު ބޭނުންފުޅު ވަނީ ސަރުކާރަށް މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އެއާ އެކު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުން ދާއިރާއަށް ގޮސް "ތިމަންނައަކީ ސަރުކާރު ކެންޑިޑޭޓް" ކަމަށް ބުނެ ކެމްޕެއިން ކުރާތީ އެކަން ރައްޔިތުންނަށް ވެސް އޮޅޭ ގޮތްވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގައި ރައީސް ސޯލިހު ތާއީދު ކުރައްވާނެ ކެންޑިޑޭޓުންނެއް މިހާތަނަށް އަދި އިއުލާނު ކުރައްވާފައެއް ނުވެ އެވެ. އަދި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެ ކަމަށް ވެސް ވިދާޅެއް ނުވެ އެވެ. ރައީސް ސޯލިހަކީ އެމްޑީޕީގެ ފަރާތުން ރައީސް ކަމަށް ގެނައުމަށް އެ ޕާޓީން އިހުތިޔާރުކުރި ކެންޑިޑޭޓް ކަމުން އެ ޕާޓީގެ ބައެއް ހަރަކާތްތަކުގައި އެމްޑީޕީ އަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައި އެބައްހުއްޓެވެ. ނަމަވެސް ވަކި މީހަކަށް ވޯޓުދޭން ވިދާޅެއް ނުވެ އެވެ.
މިޙާރު ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލަކީ ސަރުކާރު ކެންޑިޑޭޓަކީ ކޮބައިތޯ އެވެ. ކޮންމެއަކަސް އެކަން މިއޮތީ ބޮޑު ބަހުސަކަށް ވެފަ އެވެ.
އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ރައީސްގެ ތާއީދު؟
ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަރުޖަމާނަކަށް އައްޔަން ކޮށްފައިވާ އަފްޝަން ލަތީފު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައީސް ސޯލިހު ތާއީދު ނުކުރައްވާ އެމްޑީޕީ ކެންޑިޑޭޓެއް ނުހުންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކަންކަމަށް ރައީސް ސޯލިހު ހާއްސަ އިސްކަމެއް ދެއްވައިގެން ބައިވެރިވެ ވަޑައިގަންނަވާކަން ވެސް އަފްޝަން ފާހަގަ ކުރެއްވި އެވެ.
އޭގެ ފަހުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސް ސޯލިހު ތާއީދު ކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށެވެ.
"އެ ބޭފުޅާއެއް [ރައީސް ސޯލިހު] މި ޕާޓީގެ ކެންޑިޑޭޓުން ނޫން ކެނޑިޑޭޓަކަށް ތާއީދެއް ނުކުރައްވާނެ، އެއަކީ އެއް އެއްގޮތަކަށް ވެސް އަޅުގަނޑު ވެސް އަދި މި ޕާޓީގެ އެކަކު ވެސް ގަބޫލުކޮށްގެން ވާނެ ވާހަކައެއް ނޫން. އިރާދަކުރެއްވިއްޔާ ކަން ހިނގަމުން ވެސް މިދަނީ އަޅުގަނޑު މިދެންނެވި މަގުން،" ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭގެ ގޮނޑިއަކަށް ވާދަ ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީ އަށް ލިބެން ޖެހޭ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގައި އެމްޑީޕީގެ ދައުރު މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންވީ ވައުދުތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައި ދެވޭނީ މަޖިލީހުގެ ތާއީދާ އެކު. ސަރުކާރުގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. އަދި އެ މަޖިލީހުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މި އެމްޑީޕީއަށް." މިހާރު އެމްޑީޕީގެ އެންމެ އިސް މަގާމުގައި ވެސް ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ދާއިރާގެ ސަރުކާރު ކެންޑިޑޭޓް"
މަޖިލިސް އިންތިހާބަށް ކެމްޕެއިން ފެށިގެން ކުރިއަށް ދާއިރު އެންމެ ބޮޑަށް ފެންނަނީ މިވެނި ދާއިރާއެއްގެ ސަރުކާރު ކެންޑިޑޭޓް ކަމަށް ބުނެ ކެމްޕެއިން ކުރަމުން ދާ ތަނެވެ. ހާއްސަކޮށް ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން އެގޮތަށް ބޭނުންކުރާތަން ފެނެ އެވެ.
.@riyazabdulla vidhaalhuvamun annanee eyna eii Sarkaaruge Candidate kamah! e ehen kamun Alhugandu mee DHAULATH ge candidate kamah aamu koh iulaan kuran!
— Mohamed Musthafa (@Thimarafushi) January 26, 2019
Habarudhaaru! Rahyithunnan olhuvaalan noolheythi!
ސަރުކާރު ކެންޑިޑޭޓަށް ވާން ބޭނުން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ސަރުކާރު ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ވެފައިވާ ވައުދުތަކާ އެކު ކެމްޕެއިން ކުރެވޭނީ ސަރުކާރު ކެންޑިޑޭޓަކަށް ވެވިގެންނެވެ.
ބައެއް ކެންޑިޑޭޓުން މިނިސްޓަރުންނާއި ރައީސްގެ އަރިހަށް ދާއިރާގެ ޝަކުވާތަކާ އެކު ދެ އެވެ. އަދި ދާއިރާއަށް ބޭނުންވާ ކަންކަން މަޝްވަރާ ކުރެ އެވެ.
ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ތާއީދު ބަހާލަނީ؟
މިހާރުން އެންމެންގެ ހިތުގައި ވެސް އުފެދޭ ސުވާލަކީ ރައީސް ސޯލިހު ނުވަތަ ސަރުކާރުން ތާއީދު ކުރާނީ ކޮން ކެންޑިޑޭޓަކުންނަކަށްތޯ އެވެ. ކޯލިޝަނަކާ އެކު އައި ސަރުކާރެއް ކޯލިޝަނު އެއްބަސްވުމާ އެއްގޮތަށް ސަރުކާރުގެ ތާއީދު ބަހާލަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެ އެވެ. ނަމަވެސް ރަސްމީކޮށް އެކަހަލަ ވާހަކައެއް އާންމުކޮށްފައެއް ނުވެ އެވެ.
ސަރުކާރުގެ އިސް ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ ރައީސް ސޯލިހު މަޖިލިސް އިންތިހާބުގައި ތާއީދު ކުރައްވާ ކެންޑިޑޭޓުން އަދި ނުނިންމަވާ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހު ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯލިޝަން ބަހާލާފައިވާ ގޮތުން އެމްޑީޕީއަށް 35 ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް 22 ގޮނޑި، ރައީސް މައުމޫނުގެ އެމްއާރުއެމްއަށް 20 އަދި އަދާލަތު ޕާޓީއަށް 13 ގޮނޑި ލިބޭނެ އެވެ. އެ އުސޫލުން ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ ވިސްނުމެއް ރައީސް ސޯލިހު ގެންގުޅުއްވާކަން އެނގިފައިވެ އެވެ.
ކޯލިޝަން އެއްބަސްވީ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެއްކޮށް ވާދަކުރާށެވެ. ނަމަވެސް އޭރު ވެސް ގޮނޑިތައް ބަހާނެ ގޮތެއް ނުނިންމަ އެވެ. ނަމަވެސް އެމްޑީޕީ އިން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމީ އެވެ.
ކޮންމެއަކަސް ރައްޔިތުން ވަނީ އޮޅުންގަނޑެއްގެ ތެރޭގަ އެވެ. ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަމެއް މިހާރު ނޭނގެ އެވެ.