ޚާޝުގްޖީ މަރާލީ ސައުދީ ސަރުކާރުން ދުރާލައި ރާވައިގެން: އދ

ޖަމާލް ޚާޝުގްޖީ

އދ. މަޖިލިސް (ފެބްރުއަރީ 8) : ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ސައުދީ ސަރުކާރުން ދުރާލައި އެކަން ކުރުމަށް ވަރަށް ބޮޑަށް ރާވައިގެން އަދި އެ ޖަރީމާ ހިންގުމަށް ސައުދީ މަސްއޫލުވެރިން ތުރުކީއަށް ބަޔަކު ފޮނުވައިގެން ކަމަށް އދއިން ބުނެފިއެވެ.

ޚާޝުގްޖީގެ މަރުގެ ޖަރީމާ ތަހުގީގުކުރާ އދގެ ކޮމިޓީގެ ވެރިޔާ އެގްނެސް ކަލަމާޑް ވިދާޅުވީ އޭނާއާއި އޭނާގެ ޓީމުގެ މެންބަރުން ތުރުކީއަށް ކުރި ދަތުރުގައި ކުރި ތަހުގީގުތަކުން މިއީ ދުރާލައި ރާވައިގެން އެކަމަށް މީހުން ފޮނުވައިގެން ޚާޝުގްޖީ އަވަހާރަކޮށްލުމަށް ސައުދީ ސަރުކާރުން ހިންގި ޖަރީމާއެއްކަން ސާބިތުވާ ކަމުގައެވެ.

އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ޚާޝުގްޖީ މަރާލުމަށްފަހު އެކަން ކުރި ސައުދީ މަސްއޫލުވެރިން ކަރަންޓު ކީހެއް ބޭނުންކޮށްގެން ޚާޝުގްޖީގެ ހަށިގަނޑު ބުރިބުރި ކުރުމަށްފަހު އެސިޑަށްލައި އެބައިތަކުގެ މަސްތައް ވިރުވާލައި ކަށިތައް ގެންގޮސް ވަޅުލީ ދުރު ސަރަހައްދެއްގައިވާ ތުރުކީގެ ޖަންގައްޔެއްގައިކަންވެސް ތަހުގީގުތަކުން ހާމަވާކަމަށް އދގެ ކޮމިޓީގެ ވެރިޔާ އެގްނެސް ކަލަމާޑް ވިދާޅުވިއެވެ. މިއީ ތުރުކީންވެސް މި ޖަރީމާ ތަހުގީގުކުރުމަށްފަހު ހާމަކުރި ވާހަކަތަކެވެ.

ޚާޝުގްޖީގެ މަސްތައް ވިރުވާލި އެސިޑްތަކުގެ އަސަރު އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގެ ގޯތިތެރެއިންނާއި އެތަނުގެ ނަރުދަމާގެ ހޮޅިތަކުން ފެނިފައިވާކަމަށް އެދުވަސްވަރު ތުރުކީން ބުނެފައިވެއެވެ.

ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާ ސައޫދީ ކޮންސިއުލޭޓްގައި ހިންގި ކަމަށް ސައުދީ ސަރުކާރުން އެއްބަސްވީ އެޖަރީމާ ހިންގިތާ އެތައް ދުވަހެއް ފަހުން ތުރުކީއާ އަދި ދުނިޔޭގެވެސް ފިއްތުންތަކާ ގުޅިގެންނެވެ. އަދި އެ ޖަރީމާ ތަހުގީގުކުރުމަށް ތުރުކީގެ މުހައްގިގުންނަށް ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ސައޫދީ ސަރުކާރުން ދިނީވެސް އެކަމަށްއެދި ތުރުކީ ސަރުކާރުން ހުށަހެޅިތާ ދެހަފްތާއަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭރު ސައޫދީ ސަރުކާރުންވަނީ ކަމާބެހޭ ހެކިތައް ނައްތާލާފައި ކަމަށް ތުރުކީގެ މުހައްގިގުން ބުނެއެވެ. އެ ޖަރީމާ ހިންގީ މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ކަމަށް ތުރުކީ ބުނެއެވެ.

ކަލަމާޑް

ޚާޝުގްޖީގެ މަރުގެ ޖަރީމާ ތަހްގީގްކުރާ އދގެ ކޮމިޓީގެ ވެރިޔާ އެގްނެސް ކަލަމާޑްއަކީ ހައްގަކާ ނުލައި މަރާލާ މީހުންނާބެހޭ އދގެ ޚާއްސަ ރެޕަޓުއާއެވެ. ކަލަމާޑް އެކޮމިޓީގެ މެންބަރުން ތުރުކީ ކުރެއްވި ދަތުރު ނިންމާލެއްވީ މި ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.

ޚާޝުގްޖީގެ މަރުގެ ޖަރީމާގެ ފަހަތުގައިވާ ކަމަށް ތުރުކީވިލާތުންނާއި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭއިން ނުސީދާ ގޮތެއްގައި ތުހުމަތު ކުރަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށެވެ. އެޖަރީމާގެ ފަހަތުގައިވަނީ ޕްރިންސް މުހައްމަދުކަމަށް ސީއައިއޭއާ ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓު ބުނެފައިވެއެވެ.

މިކަން ސީއައިއޭން ދޮގުކޮށްފައިނުވާއިރު ސީއައިއޭގެ ވެރިޔާ ޖެނާ ހަސްޕެލް ވަނީ ޚާއްސަ ފަންނީ ޓީމަކާއެކު އެކަން ބެލުމަށް މިދިޔައަހަރުގެ ނޮވެމްބަރުމަހު ތުރުކީވިލާތަށް ޒިޔާރަތް ކުރައްވާފައެވެ. ސައުދީ ސަރުކާރުންވަނީ އެތުހުމަތަށް އިންކާރުކޮށްފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް