ތައިލޭންޑުގެ ޕްރިންސެސް ބޮޑުވަޒީރުކަމަށް ވާދަކުރައްވަނީ

ތައިލޭންޑުގައި މާޗް މަހު ބާއްވާ އިންތިހާބުގައި ޕްރިންސެސް އުބޮންރާތްނާ މަހިދޮން ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާނެ -- ފޮޓޯ: އޭއެފްޕީ

ބޭންކޮކް (ފެބްރުއަރީ 8): ތައިލޭންޑުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮން އެގައުމުގެ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވަން ނިންމަވައިފި އެވެ.

ޕްރިންސެސް އުބޮންރާތު ބޮޑުވަޒީރު ކަމަށް ނޮމިނޭޓުކޮށްފައި ވަނީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދު ކުރާ، ތައި ރަކްސާ ޗާޓް ޕާޓީންނެވެ. އެއީ ތައިލޭންޑުގެ ތާރީހުގައި ޝާހީ އާއިލާގެ މެމްބަރަކު ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން އެފަދަ މަގާމަށް ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ.

ޕްރިންސެސް އުބޮންރާތުނާއަކީ ތައިލޭންޑުގެ ކުރީގެ ރަސްގެފާނު ބޫމިޕޮން އަދުންޔަދޭގެ ދޮށީ ދަރިކަނބަލުންނެވެ. އަދި މިހާރުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯންއަކީ އެކަމަނާގެ ކޮއްކޯފުޅެވެ.

ތައި ރަކްސާ ޗާޓް ޕާޓީން ވަނީ އެޕާޓީގެ ކެނޑިޑޭޓަކީ ޕްރިންސެސް އުބޮންރާތުނާ މަހިދޮންކަން އިއުލާންކޮށްފަ -- ފޮޓޯ: ރޮއިޓާސް

ޕްރިންސެސް އުބޮންރާތުނާ ވަނީ 1972 ވަނަ އަހަރު އެމެރިކާ މީހަކާ ކައިވެނި ބައްލަވައިގެންނެވި އިރު ޝާހީ ހައިސިއްޔަތު ދޫކޮށްލައްވާފައެވެ. އަދި އެ ކައިވެނި ރޫޅުމުން އެކަމަނާއަށް ރަސްމީ ގޮތެއްގައި ޝާހީ ލަގަބެއް ދީފައި ނުވި ނަމަވެސް، ތައިލޭންޑުގެ ގިނަ މީހުން ދެކެނީ އެކަމަނާއަކީ އަދިވެސް ޝާހީ ބޭކަނބަލެއްގެ ގޮތުގައެވެ.

ޕަބްލިކް ހެލްތުގެ ރޮނގުން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފައިވާ އުމުރުން 67 އަހަރުފުޅުގެ އުބޮންރާތުނާއަކީ މީގެ ކުރިން ފިލްމީ ތަރިއެއްވެސް މެއެވެ.

މީގެ އިތުރުން ޕްރިންސެސް އުބޮންރާތުނާއަކީ ޝިނަވަތުރާ އާއިލާގެ ދުވަސްވީ ރަހުމަތްތެރިއެކެވެ. އަދި މާޗް 24ގައި ބާއްވާ އާންމު އިންތިހާބަށް އެ އާއިލާގެ މެމްބަރަކު ވާދަ ނުކުރެއްވި ނަމަވެސް، އެއީ ނުފޫޒުގަދަ އާއިލާއެކެވެ.

ޕްރިންސެސް އުބޮންރާތުނާގެ އިތުރުން ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަންއޮޗާވެސް ވަނީ ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ބޮޑުވަޒީރު ޕްރަޔުތު ވެރިކަމަށް ވަޑައިގެންނެވީ 2014ވަނަ އަހަރު އަސްކަރީ ބަޣާވާތެއްގައި ޔިންގްލަކް ޝިނަވަތުރާގެ ވެރިކަން ވައްޓާލެއްވުމަށް ފަހުގަ އެވެ.

ޔިންގްލަކް ޝިނަވަތުރާއާއި ބޭބޭފުޅު ތަކްސިން މިހާރު ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައެވެ.

comment ކޮމެންޓް