މާރިޔާ ދެއްކި ވާހަކަ ވަނީ އޮޅުވާލައިފައި: ޑިފެންސް މިނިސްޓްރީ

ޑިފެންސް މިނިސްޓަރު މާރިޔާ ސިފައިންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން: އެކަމަނާ ދެއްކެވި ވާހަކަ ބައެއް ފަރާތްތަކުން މާނަ އޮޅޭގޮތަށް ހަބަރު ފަތުރާފައިވާ ކަަމަށް އެ މިނިސްޓްރީން ބުނޭ -- ސަން ފައިލް ފޮޓޯ / އަޙުމަދު އަވްޝަން އިލްޔާސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންޑިއާ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްކި ވާހަކަ ބައެއް ފަރާތްތަކުން މާނަ އޮޅޭގޮތަށް ހަބަރު ފަތުރާފައިވާ ކަަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު އިންޑިއާގެ ގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ، އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މަރިޔާ އިންޑިއާ ނޫހަށް ދެއްކި ވާހަކަ ވަނީ އާންމު ރައްޔިތުންނަށް މާނަ އޮޅޭގޮތަށް ހަބަރު ފަތުރާފައިވާ ކަމަށާއި އެ ވާހަކަތަކުން ބަޔެއް އުނިކޮށްގެން ފަތުރަމުންދާ ހަބަރުތަކަކީ، "ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވައިލައި، ސިޔާސީ މަންފާ ހޯދުމަށް،" ފަތުރަމުންދަ ހަބަރުތަކެއް ކަމަށެވެ.

"ބަސްދީގަތުމުގައި [މާރިޔާ] ވިދާޅުވެފައިވަނީ، ރާއްޖެއާއި އަވަށްޓެރި އިންޑިއާ އަކީ ޒަމާނުއްސުރެ އެއް ގައުމު އަނެއް ގައުމު މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލާށް އިހްތިރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ގައުމު ކަމާއި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑު ކަމުގައިވިޔަސް އަބަދުވެސް ދެގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ކުރާ ކަން،" މާރިޔާ ދެއްކެވި ވާހަކަ އޮޅުންއަރާ ގޮތަށް ހަބަރުތައް ފަތުރާފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

https://sun.mv/115093

ޑިފެންސް މިނިސްޓްރީން އެގޮތަށް ވިދާޅުވެ ބަޔާން ނެރެފައިވާ އިރު، މަރިޔާ ދެއްކި ވާހަކަތަކާއި ގުޅިގެން އާންމުގެ ފާޑުކިޔުން މާރިޔާ ވަނީ އަމާޒު ވެފައެވެ.

މާރިޔާ އިންޑިއާ ނޫހަށް ދެއްވި އިންޓިއުގައި ވިދާޅުވެފައި ވަނީ، އިންޑިއާ އިން ރާއްޖެ ހިފުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި ދެ ގައުމުގެ ސިޔާސަތުތައް ވެސް ހުރީ އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ކަމަށެވެ.

ނަމަވެސް އިންޑިއާ އިން ބޭނުންވެއްޖެ ނަމަ އެކަން އެ ގައުމަށް ކުރެވިދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އިންޑިއާ އިން ރާއްޖެ ހިފައިފި ނަމަ ކުރެވޭނެ ކަމެއް ނެތް ކަމަށާއި އެކަން ހުއްޓުވޭނެ ގޮތެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ އިންޑިއާ އިން ބޭނުން ނަމަ އެކަން ކުރެވިދާނެ [ރާއްޖެ ހިފިދާނެ]. އަދި އެގޮތަށް އެކަން ވެއްޖެ ނަމަ އަހަރެންނަކަށް ނެނގެ އެކަން ހުޓުވާނެ ގޮތެއް. ނަމަވެސް އިންޑިއާއިން [ރާއްޖެ ހިފުމުގެ]ވެސްނުމެއް ނެތް،" އިންޑިއާގެ އަސްކަރިއްޔާގެ ވަރުގަދަ ކަމަށް ވަރަށް ތައުރީފު ކުރައްވާ މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް