އައްސޭރި ޖަލުގައި ހުރި މީހަކު މަރުވެއްޖެ

ކ.ހިންމަފުށި މަތިން ނަގާފައިވާ ފޮޓޯއެއް --ސަން ފޮޓޯ/ އަހްމަދު ހަސަން

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ބަހައްޓާފައި ހުރި މީހަކު މަރުވެއްޖެ އެވެ.

އައްސޭރި ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު މަރުވިކަން ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ، ޖަލުގައި މަރުވީ ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ކުއްލިގޮތަކައް މަރުވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ވިދާޅުވި އެވެ.

އެ މީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ކަރެކްޝަންސް އިން ބުނެފައި ވަނީ އޭނާ މަރުވީ ފުޓުބޯޅަ ކުޅެން ހުއްޓާ ކަމަށެވެ. އަދި އޭނާ މަރުވި ކަމުގެ މައުލޫމާތު ވަގުތުން ފުލުހުންނާއި އެޗްއާރްސީއެމްއާ ހިއްސާކޮށްފައިވާނެ ކަމަށް ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޖަލުގައި މަރުވެފައި ވަނީ ގަޒްލީ އަބްދުލްޣަފޫރު ނަމަކަށް ކިޔާ އުމުރުން 34 އަހަރުގެ މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާ ތަންފީޒު ކުރަމުން ދިޔައީ ކިތައް އަހަރުގެ ހުކުމެއް ކަމެއް އަދި ނޭނގެ އެވެ.

ހިންމަފުށީ އައްސޭރި ޖަލަކީ ކުދި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ބަންދުކޮށްފައި ބަހައްޓާ ޖަލެކެވެ.

comment ކޮމެންޓް